މަގާމުން ދުރުކުރި ރަނިލްގެ ސަޕޯޓަރުން ކޮލަމްބޯގެ މަގުތަކަށް ޖަމާވެފައި. --ފޮޓޯ:އޭއެފްޕީ
31 އޮކްޓޯބަރ 2018 - 17:34
ކޮލަމްބޯ (އޮކްޓޯބަރު 31) - ލަންކާ ޕާލަމެންޓުގެ އަޣުލަބިއްޔަތު، ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާ އަށް ހޯދައިދިނުމަށް މެންބަރުން ގަތުމަށް ޗައިނާ އިން ޚަރަދު ކުރާ ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ސަރުކާރުގެ ޑިޕިއުޓީ މިނިސްޓަރެއް ކަމަށްވާ ރަންޖަން ރަމަނަޔަކަ ތުހުމަތުކޮށްފި އެވެ.
"ސްރީ ލަންކާ ޕާލަމެންޓުން މެންބަރުން ގަތުމަށް މިލިއަނުން ޚަރަދު ނުކުރަން ޗައިނާ އަށް ގޮވާލަން. އެ މީހުން ބޭނުންވާނެ މުޅި ގައުމު ގަންނަން ވެސް،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ކޮލަމްބޯގައި ހުންނަ ޗައިނާ އެމްބަސީން ވަނީ އެކަން ދޮގުކޮށްފަ އެވެ. އެމްބަސީން ނެރުނު ބަޔާނެއްގައި ބުނީ ރަންޖަންގެ ތުހުމަތުގައި އެއްވެސް އަސްލެއް ނެތް ކަމަށާއި ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޗައިނާ އިން ނުވަންނާނެ ކަމަށެވެ.
ރާޖަޕަކްސާގެ 10 އަހަރުގެ ވެރިކަމުގައި ވަނީ ޗައިނާ އަށް ވަރަށް ބޮޑު އިސްކަން ދީފަ އެވެ.
ރަނިލްގެ ސަރުކާރުގެ އިސް ބޭފުޅަކު މިފަދަ ތުހުމަތެއް ކުރި އިރު ރާޖަޕަކްސާ ވަނީ ރަނިލްގެ ޕާޓީގެ ހަތަރު މެންބަރަކަށް މިނިސްޓަރުންގެ ފެންވަރުގެ ވަޒީފާތައް ދީފަ އެވެ. މަގާމުން ދިނުމުން އެ މެންބަރުން ވަނީ ޕާޓީ ބަދަލުކޮށްފަ އެވެ. އަނެއްކޮޅުން ރަނިލް ވަނީ ރައީސް މައިތުރިޕާލާ ސިރިސޭނާގެ ޕާޓީން ދެ މެންބަރަކު ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް ގެންގޮސްފަ އެވެ.
ބައެއް މެންބަރުން ޕާޓީ ބަދަލު ކުރުމުން 225 މެންބަރުން ހިމެނޭ ޕާލަމެންޓުގައި ރަނިލްގެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބީ 105 އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީގެ 98 މެންބަރުންނެވެ. ބާކީ ތިބި 22 މެންބަރުންގެ ތާއީދު އޮތީ ރަނިލް އަށް ކަމަށްވެ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ އެ މެންބަރުން ސަރުކާރު ކޮޅަށް އަނބުރާލުން އެކަށީގެންވާ ކަމަށެވެ.
ރަނިލްގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު މަންގަލަ ސަމަރަވީރާ ވިދާޅުވީ ޕާލަމެންޓް ހުއްޓުވާފައި ސިރިސޭނާ ބޭއްވުމުގެ ބޭނުމަކީ މެންބަރުން ގަންނަން ވަގުތު ހޯދަން ކަމަށެވެ.
މިދިޔަ ހުކުރު ދުވަހުގެ ރަނިލް މަގާމުން ދުރުކޮށް ރާޖަޕަކްސާ އަށް ބޮޑު ވަޒީރުކަން ދިނުމަށް ފަހު ރައީސް ސިރިސޭނާ ވަނީ އަންނަ މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ބައެއް ފަރާތްތަކުން ބުނަނީ ޕާލަމެންޓް މެންބަރުން ސަރުކާރު ކޮޅަށް އަނބުރާލުން އެކަށީގެންވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދުމޭ
02 November 2018
ރަންޖަން ތުހުމަތުކުރަނީ ސީދާ އިންޑިއާއިން ބުނެގެން. ތިޔަ ތަންޖަންމެންގޭތެރޭގަ ރޯއަށްނިސްބަތްވާ ބަޔަކުއުޅެގެން ރާޖަޕަކްސަގެ ވެރިކަން ފުރޮޅާލީވެސް. އިންޑިއާއިން ނިކަން ފަޚުރުވެރިވެފަ އެވާހަކަ ޢޭރު ދައްކަންވެސް ދެއްކި، އަނެއްކާ ތަމަޅަޓައިގަރުންނަށް ފަންޑުކުރަމުންދިޔަ އިންޑިއާގެ ވިޔަފާރިވެރިއަކާއެކު އަބަދުވެސް ގާތް މިރަންޖަންއާ ދިވެސްސަކާވެސް ވަރަށް ގުޅުންބޮޑު. ސީދާ އިންޑިއާއިން މޮޑޭފުށްގަނޑެއް ތިޔަ މީހާއީ.
ކުމާރުއ
01 November 2018
މި ޚަބަރު ކިޔާފަ އުފާވި.. ސަބަބަކީ ރާޖަޕަކްސާގެ ވެރިކަމުގައި އިންޑިޔާގެ ނުފޫޒު ލަންކާއަށް ކުޑަވާނެކަމަށް ޤަބޫލުކުރެވޭތީ..
ފަޤީރުކަލޯ!
01 November 2018
ޗައިނާ އަކީ ޤައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް އިންޑިޔާ ވަދެގަންނަ ގޮތައް ވަދެގަންނަ ޤައުމެއްނޫން! ތަމަޅައިން މެދުވެރިކޮށް ލަންކާގައި ހަމަޖެހުން ނަގާލައި ލަންކާގެ ދުވެލި ހުއްޓުވާފައި އިންޑިޔާއިން ބޭއްވި ބޭއްވުން ރާޖަޕަކުސަ ނިމުމަކަށް ގެނެސް ޗައިނާގެ އެހީއާއެކު ހައިސްޕީޑްގައި ލަންކާ ދުއްވައި ގަތުމުން އިންޑިޔާ އަކަށް އެކަމެއް ހަޖަމެއްނުވިއެވެ. އެހެންވެ ހަމަނުޖެހުންގަޑެއްގެ ތެރެއަށް ލަންކާ ވައްޓައިލުން ނޫން އެހެންގޮތެއް އިންޑިޔާ އަކަށް ނެތެވެ
ޕަކާސް
01 November 2018
އެމެރިކާ އީޔޫ އިންޑިޔާ ފަދަ ހަންފަތުރާ ބައިގަނޑުން އެހެން ގައުމުތަކުގެ ދާހިލީ ކަންތަކަށް ވަންނަނީ. އެކަމުން މިންޖުވާންއެދޭ ބަޔަކަށް ރަޝިޔާ ޗައިނާއިން އެހީ އެއް ފަހަރެއްގައި ލިބިދާނެ އެކަމު.
ބުއްޅަބޭ
31 October 2018
ޗައިނާއިން ގައުމުތަކުގެ ސިޔާސީ ކަންކަމަށް ވަދެ، ލާރި ޚަރަދުކުރާނަމަ ދިވެހި ރާއްޖޭގެ މިދިޔަ އިލެކްޝަނަށް އިންޑިޔާހެދިގޮތަށް ނުފޯޒުފޯރުވީސް. އެކަމަކު އެއީ އެމީހުންގެންގުޅޭ ހަޑި އެޖެންޑާއެއްނޫން!