އީރާނާ ދިމާކުރާ ކޮންމެ ފަހަރަކު ވެސް ނާކާމިޔާބުވަނީ އެމެރިކާ އަށް: ޚާމަނާއީ

ތެހެރާން (ނޮވެމްބަރު 4) - އީރާނަށް އެމެރިކާ އިން ދިމާކޮށް، ގޮންޖަހަމުންދާތާ 40 އަހަރު ވެއްޖެ ކަމަށާއި އެއިން ކޮންމެ ފަހަރަކު އެމެރިކާ އިން ވަނީ އީރާނާ ދެކޮޅަށް އަސްކަރީ، އިގްތިސާދީ އަދި މީޑިއާގެ ހަނގުރާމައެއް ކޮށްފައި ކަމަށާއި އެކަމަކު އާޚިރުގައި ކާމިޔާބު ލިބިފައި ވަނީ އީރާނަށް ކަމަށް ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.


"ވަރަށް ބޮޑު ހަގީގަތެއް އެކަމުގައިވޭ. އެ 40 އަހަރު ތެރޭ ނާކާމިޔާބު ލިބުނު މީހުންނަކީ އެމެރިކާ. ކާމިޔާބު ލިބިފައި ވަނީ އީރާނަށް،" ތެހެރާނުގައި ދެއްވި ތަގްރީރެއްގައި ޚާމަނާއީ ވިދާޅުވި އެވެ.

އީރާނާ ދެކޮޅަށް އެމެރިކާ އިން އެންމެ ފަހުން އަޅައި ދަތިކުރުމުގެ ފިޔަވަޅުތަކަށް މާދަމާ އިން ފެށިގެން އަމަލު ކުރަން ފަށާނެ އެވެ.

"އެމެރިކާގެ ޝަރަފާއި އިއްޒަތް މި ރައީސް ވަނީ ނަގާލާފައި. އެމެރިކާ އިން ބުނާ އެ މީހުންގެ އަސްކަރީ އަދި އިގްތިސާދީ ގަދަ ބާރު ދަނީ ނެތެމުން،" ޚާމަނާއީގެ ތަގްރީރުގެ ބައިތަކުން ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަނީ ވަކިވެފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އީރާނަށް ދިން ހުރިހާ ލުޔެއް ވެސް ވަނީ އުވާލައިފަ އެވެ.

ޚާމަނާއީ ވިދާޅުވީ ދަތިކުރުމުގެ ފިޔަވަޅުތައް އަމާޒުކޮށްފައި ވަނީ އީރާނުގެ އިގްތިސާދު އިނދަޖައްސާލަން ކަމަށެވެ.