އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު މުސްލިމް މެންބަރު އިލްހާން އުމަރު ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ
07 ނޮވެމްބަރ 2018 - 12:49
ވޮޝިންޓަން (ނޮވެމްބަރު 7) - އެމެރިކާގެ ކޮންގްރެސް އަށް މުސްލިމް ދެ އަންހެނުން އިންތިޚާބުކޮށްފި އެވެ.
ކޮންގްރެސްގެ ގޮނޑި ކާމިޔާބު ކުރި މުސްލިމް ދެ އަންހެނުން ވެސް ނިސްބަތް ވަނީ ޑިމޮކްރެޓިކް ޕާޓީއަށެވެ. ސޯމާލިއާގެ ރެފިއުޖީއެއް ކަމަށްވާ އިލްހާން އުމަރު، މިޑް-ޓާމް އިންތިޚާބުގައި މިނެސޮޓާގެ ދާއިރާއަކަށް އިންތިޚާބުވި އިރު ފަލަސްތީން ދަރިކޮޅަށް ނިސްބަތްވާ ރާޝިދާ ތަލީބަށް ކުރިން ވަނީ ޑިޓްރޮއިޓުގެ ދާއިރާ ޔަގީންވެފަ އެވެ. މުސްލިމް ދެ އަންހެނުންނާއި އެކު ކޮންގްރެސްގެ ދަށު ގޭގައި މުސްލިމުންގެ އަދަދު ތިނަކަށް އަރާނެ އެވެ. އިންޑިއާނާ ސްޓޭޓުގެ ޑިމޮކްރެޓިކް ޑިސްޓްރިކްޓުގެ ގޮނޑި ވަނީ މުސްލިމް މެންބަރު އަންދަރު ކާލްސަން އަލުން ވަނީ ކާމިޔާބުކޮށްފަ އެވެ.
އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު މުސްލިމް މެންބަރު އިލްހާން އުމަރު ވާހަކަ ދައްކަނީ. --ފޮޓޯ:އޭއެފްޕީ
އިލްހާން، 37، އަދި ރާޝިދާ، 42، އަކީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ އިމިގްރޭޝަން ސިޔާސަތާ ދެކޮޅަށް އަޑު އުފުލި ސިޔާސީ ދެ ފަރާތެވެ. އިލްހާން ގޮނޑި ކާމިޔާބުކޮށްފައި ވަނީ އެމެރިކާގެ ކޮންގްރެސް އަށް ފުރަތަމަ އިންތިޚާބުވި މުސްލިމް މެންބަރު ކެއިތު އެލިސަންގެ ބަދަލުގަ އެވެ. ކޮންގްރެސްގައި 12 އަހަރު ހޭދަކުރުމަށް ފަހު އެލިސަން ވަނީ މިނެސޮޓާގެ އެޓާނީ ޖެނެރަލްގެ މަގާމަށް ވަޑައިގަތުމަށް ނިންމައިފަ އެވެ. ރާޝިދާ ތަލީބް ގޮނޑި ކާމިޔާބު ކުރި އިރު އެ ދާއިރާ އަށް އެހެން މީހަކު ވާދަކޮށްފައެއް ނުވެ އެވެ. އެހެންވެ ޑިމޮކްރެޓިކް ޕްރައިމަރީ އޮގަސްޓް މަހު ކާމިޔާބު ކުރިއިރު އޭނާ އަށް ގޮނޑި ވަނީ ޔަގީންވެފަ އެވެ.
ސޯމާލިއާގެ ދާޚިލީ ހަނގުރާމައިން ސަލާމަތްވުމަށް އިލްހާންގެ މައިންބަފައިންނާ އެކު ކެންޔާ އަށް ހިޖުރަކުރީ އުމުރުން އަށް އަހަރުގަ އެވެ. އެ ގައުމުގައި ހަތަރު އަހަރު ހޭދަކުރުމަށް ފަހު އެމެރިކާގެ މިނެސޮޓާގައި އެ އާއިލާ ދިރިއުޅެން ފެށީ 1997 ވަނަ އަހަރު އެވެ.
އެމެރިކާގެ ކޮންގްރެސް އަށް އިންތިޚާބުވި ފަލަސްތީން ދަރިކޮޅުގެ ރާޝިދާ. --ފޮޓޯ:އޭޕީ
ރާޝިދާ ވަނީ 2009-2014 އަށް މިޝިގަން ސްޓޭޓް އެސެމްބްލީގައި ވެސް ޚިދުމަތް ކޮށްފަ އެވެ. ގާނޫނީ ރޮނގުން ޑިގްރީ ހާސިލް ކޮށްފައިވާ ރާޝިދާ ވަނީ އެޓާނީއެއްގެ ގޮތުން ވެސް މަސައްކަތް ކޮށްފަ އެވެ.
ރާޝިދާ ވަނީ އޮގަސްޓް 2016 ގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޑިޓްރޮއިޓްގައި ދެއްވި ތަގްރީރަކަށް ހުރަސް އަޅައިފަ އެވެ. ރާޝިދާ ވަނީ އެ މީހުންގެ ދަރިންނަށް "މިއަށް ވުރެ ރަނގަޅު ގޮތެއް ބޭނުންވާ ކަމަށާއި" ގާނޫނު އަސާސީގައި އޮތް އެއްޗެއް ޓްރަމްޕް ވިދާޅުވުމަށް ހަރުއަޑުން ގޮވާލައިފަ އެވެ. އޭގެ ފަހުން ސެކިއުރިޓީ ގާޑުން ވަނީ ރާޝިދާ ހޯލުން ނެރެފަ އެވެ.
އެމެރިކާގެ ކޮންގްރެސް އަށް ހޮވުނު ފުރަތަމަ މުސްލިމަކީ މިނެސޮޓާގެ ގޮނޑި 2006 ވަނަ އަހަރުކާމިޔާބު ކުރެއްވި އަދި މި ފަހަރު ކޮންގްރެސް އިން ވަކިވާ ކެއިތު އެލިސަން އެވެ. އޭގެ ފަހުން މުސްލިމް ދެ ވަނަ މެންބަރެއްގެ ގޮތުގައި ކޮންގްރެސް އަށް އިންތިޚާބުވީ އިންޑިއާނާގެ ގޮނޑި 2008 ވަނަ އަހަރު ކާމިޔާބު ކުރެއްވި އަންދްރޭ ކާސަން އެވެ. އޭނާ މިފަހަރު ވެސް ވަނީ ގޮނޑި ކާމިޔާބުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ށ.އަތޮޅު މީހާ
07 November 2018
މަރުޙަބާ! މަރުޙަބާ!
ކާދަރޭ
07 November 2018
ކޭ.ކޭ.ބީ.ކޭ.
ފޮނިކަލޯ
07 November 2018
ﷲ ގެ ހެޔޮ ރަހުމަތުން މި ކަނބަލުންގެ މަސައްކަތައް ހެޔޮ ގޮތް މިންވަރު ކުރައްވާންދެއެވެ.