ސިންގަޕޫރުގައި ފެށި ބިޒިނަސް ފޯރަމެއްގައި މިއަންމާގެ ސްޓޭޓް ކައުންސެލާ ސޫކީ އިއްޔެ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
13 ނޮވެމްބަރ 2018 - 11:37
ލަންޑަން (ނޮވެމްބަރު 13) - މިއަންމާގައި ޑިމޮކްރެސީ އަށް ކުރި މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އަން ސަން ސޫކީ އަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން ދީފައިވާ އިންސާނީ ހައްގުތަކާ ބެހޭ އެ ޖަމާއަތުގެ އެންމެ މަތީ ޝަރަފު އަތުލައިފި އެވެ.
އެމްނެސްޓީން ބުނީ އެމްބަސެޑަ އޮފް ކޮންޝަންސް އެވޯޑް ސޫކީގެ ކިބައިން ނެގީ އޭނާއަކީ އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ކުރާ މީހަކަށް މިހާރު ނުވާތީ ކަމަށެވެ. ސޫކީ އަށް އެމްނެސްޓީގެ ޝަރަފު ދީފައި ވަނީ 2009 ވަނަ އަހަރު އޭނާ ގޭ ބަންދުގައި ހުންނަވަނިކޮށެވެ.
"ކަމަނާ އަކީ މިއަދު އުއްމީދާއި ހިތްވަރުގެ ރަމްޒެއް ނޫން. އަދި ތިޔައީ އިންސާނީ ހައްގުތައް ދިފާއު ކުރާ ފަރާތެއް ވެސް ނޫން،" އެމްނެސްޓީގެ ސެކްރެޓަރީ ޖެނެރަލް ކުމި ނައިދޫ ސޮއިކުރައްވައި ސޫކީ އަށް ފޮނުއްވި ސިޓީގައި ބުނެފައިވެ އެވެ. "ކަމަނާ އަކީ އެމްބެސެޑާ އޮފް ކޮންޝަންސްގެ ހައްގުވެރިއެއް ކަމަށް އެމްނެސްޓީން މިހާރު ބަލައެއް ނުގަންނަން. އެހެންވެ ވަރަށް ހިތާމައާ އެކު އެ ޝަރަފް ނަގާ ވާހަކަ ދަންނަވަން."
އެމްނެސްޓީގެ ނިންމުމާ ގުޅިގެން އުމުރުން 73 އަހަރުގެ ސޫކީގެ ފަރާތުން ބަޔާނެއް ނެރެފައެއް ނުވެ އެވެ.
އިންސާނީ ހައްގުތަކާއި ޑިމޮކްރެސީގެ ދިފާއުގައި ކުރި މަސައްކަތަށް ސޫކީ އަށް މުޅި ދުނިޔޭގެ ލޯބި ލިބުނެވެ. ފަނަރަ އަހަރު ވަނީ ގޭބަންދުގައި ހޭދަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 1991 ވަނަ އަހަރު ވަނީ ނޯބެލް ސުލްހައިގެ އިނާމު ވެސް ލިބިފަ އެވެ.
ނަމަވެސް ސޫކީގެ ނޭޝަނަލް ލީގު ފޯ ޑިމޮކްރެސީން 2015 ވަނަ އަހަރު ވެރިކަމަށް އައި ފަހުން ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ދިން ލާއިންސާނީ އަނިތަކާ ގުޅިގެން، މިއަންމާ ސަރުކާރުގެ ސްޓޭޓް ކައުންސެލާގެ މަގާމުގައި ހުންނެވި ސޫކީ ހިމޭނުން ހުންނެވުމުން މުޅި ދުނިޔޭގެ ނުރުހުން އޭނާ އަށް އަމާޒުވި އެވެ. އަދި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރުމުން އެކި ފަރާތްތަކުން ދިން ޝަރަފްތައް ވަނީ އަތުލަން ފަށައިފަ އެވެ. ކެނެޑާ އިން ސޫކީ އަށް ދީފައިވާ އޮނަރަރީ ސިޓިޒަންޝިޕް ވެސް ދާދި ފަހުން ވަނީ އަތުލައިފަ އެވެ. މީގެ އިތުރުން ބައެއް ޔުނިވާސިޓީތަކުން ދީފައިވާ ޝަރަފް ވެސް ވަނީ އަތުލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކުޑަމަނިކު
14 November 2018
ވަރަށް ނުލަފާ ދައިތައެއް މީ!
އުންމީދު
14 November 2018
ވަރަށް ވަރަށް އުފާވެއްޖެ. ލިބިފާވާ ހުރިހާ ޝަރަފެއް އަތުލާފާ އަދި ވާނެ ޖަލުގެ ކުޑަގޮޅިއަށްވެސް ލާން. އޭނާއަކީ އެހެން ދޫކޮށްލާފާ ބެހެއްޓޭވަރަށްވުރެ މާ ބޮޑު އަނިޔާވެރިއެއް. ކަމަނާގެ ނުބައިކަމުގެ ނިމުން ހިތިވާނެ. އިންޝާﷲ!
ކިއްލިބާޝާ
13 November 2018
ހަމައެކަނި އެވޯޑުތައް އަތުލިޔަސް ނުފުދޭ. ޝަރީއަތަށް އެބަޖެހޭ ހާޒިރުކުރަން.
އަލީ ރާޖާ
13 November 2018
ސޫކީ އަކީ މޯޑެން މިޔަންމާގެ ބައްޕަ އަދި އިނގިރޭސިން އަތުން މިޔަންމާ މިނިވަން ކުރި އަންގް ސަންގެ ދަރިއެއް. ފަހުން މިޔަންމާގެ ވެރިކަން އެތަނުގެ އަސްކަރިއްޔާއިން ހިންގާތީ އިނގިރޭސިންގެ ނުފޫޒު އެތަނަށް ފޯރުވަން އުނދަގޫވޭ. އެހެންވެ ސޫކީ އުފެއްދީ. އޭނައަކީ އިނގިރޭސިންގެ އުފެއްދުމެއް. ނަމުގައި ނެޝަނަލް ޑިމޮކްރެޓިކް ލީގް. އަސްލުގަައި ކޮމިއުނިސްޓް ފިކުރު. އެހެންވެ ބާރު ލިބުނީމަ ނުބައި މަންޒަރެއް ފެނުނީ.