މޮޑެލްގެ މަރުގެ ތުހުމަތު ކުރެވުނު ޕާކިސްތާނުގެ އިލްމުވެރިޔާ ފިލައިފި

މުލްތާން (އޮގަސްޓް 15) - ޕާކިސްތާނުގައި މޮޑެލް ކުރުމަށް މަޝްހޫރު ގަންދީލް ބަލޮޗުގެ މަރުގެ ތުހުމަތު ކުރެވިފައިވާ އިލްމުވެރިޔާ މުފްތީ އަބްދުލް ގާވީ ފިލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.


ފުލުހުން ބުނީ މުފްތީ ގާވީ ވީތަނެއް ނޭނގޭ ކަމަށާއި އޭނާގެ ފޯނުން ޖަވާބު ވެސް ނުދޭ ކަމަށެވެ. ފުލުހުން އަދި ބުނީ މުފްތީ ގާވީ ހައްޔަރު ކުރުމަށް ޚާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.

މޮޑެލުގެ މަރުގެ ތުހުމަތު ކުރެވުނު އޭނާގެ ދެ ކޮއްކޮ ކަމަށްވާ ވަސީމް ހައްގު ނަވާޒާއި ބާސިތު، މުލްތާނުގެ ކޯޓަށް މިއަދު ހާޒިރު ކުރަން ވަނީ ނިންމައިފަ އެވެ. ގަންދީލް މަރާލި ކަމަށް އޭނާގެ ކޮއްކޮ ވަސީމް ވަނީ އެއްބަސްވެފަ އެވެ. ގަންދީލް މަރާލުމުގައި ދެބެންގެ ދެދަރި މީހެއް ކަމަށްވާ ހައްގު ނަވާޒު އެހީތެރިވި ކަމަށް ވަސީމް ވަނީ ބުނެފަ އެވެ.

ގަންދީލްގެ މަރާ ގުޅިގެން މުފްތީ ގާވީއާ ފުލުހުން ވަނީ ސުވާލުކޮށްފަ އެވެ. ފުލުހުންގެ ސުވާލުތަކަށް ޖަވާބު ދިނުމުން އޭނާގެ ކުށެއް ނެތް ކަމަށް ނިންމާފައިވާ ކަމަށް ގާވީ ވަނީ ބުނެފަ އެވެ ނަމަވެސް މުލްތާން ފުލުހުން ބުނީ އެއީ ދޮގެއް ކަމަށެވެ.

ޕާކިސްތާނުގެ ދީނީ އިލްމުވެރިޔާ އެ ގައުމުގެ މަޝްހޫރު މޮޑެލްއަކާ އެކު ނެގި ސެލްފީ: މި ފޮޓޯ މޮޑެލް އިނީ މުފްތީގެ ތާކިހާ ވެސް އަޅައިގެން.

އުމުރުން 26 އަހަރުގެ ސޯޝަލް މީޑިއާ ސެލެބްރިޓީ، މުފްތީއަކާ އެކު ސެލްފީ ނެގި މައްސަލައެއް ވަނީ ވަރަށް ބޮޑުވެފަ އެވެ. މި މައްސަލާގައި ޕާކިސްތާނުގެ ރިލިޖަސް އެފެއާޒް މިނިސްޓްރީން ވަނީ މުފްތީ އަބްދުލް ގާވީ ކުރި ކަންތަން ރަނގަޅު ނޫން ކަމަށް ބުނެ އެ ގައުމުގެ ހަނދު ބަލާ ކޮމިޓީން އޭނާ ސަސްޕެންޑް ވެސް ކޮށްފަ އެވެ.

ގަންދީލް ބަލޮޗް މަޝްހޫރުވެފައި ވަނީ ޕާކިސްތާނުގެ ކިމް ކާޑޭޝިއަންގެ ގޮތުގަ އެވެ. ގިނަ ބަޔަކަށް އޭނާ ފާހަގަވީ 2014 ވަނަ އަހަރު އަޕްކުރި، ޖިންސީ ކަންކަމަށް ހިތްވަރު ދޭ ގޮތަށް ނަގާފައިވާ ވީޑިއޯއެއްގެ ސަބަބުންނެވެ. އާއިލާ އަށް ބޭވަފާތެރިވާ އަންހެން ކުދިން މެރުމަކީ ޕާކިސްތާނުގައި އާއްމުކޮށް ކޮށްއުޅޭ ކަމެކެވެ. އާއިލާ މީހުންގެ ހަމަލާތަކުގައި ކޮންމެ އަހަރަކު ވެސް އެތައް ކުދިންނެއް ޕާކިސްތާނުގައި މަރަ އެވެ.