އިސްތަންބޫލް (ޑިސެމްބަރު 5) - ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމުގައި އެންމެ އިސްކޮށް އުޅުނު ކަމަށް ބެލެވޭ ދެ މީހުން ކަމަށްވާ ސައުދީ ވަލީ އަހުދުގެ އަރިސް ބޭފުޅެއް ކަމަށްވާ ސައުދު އަލް ގަހުތާނީ އާއި ސައުދީ އިންޓިލެންސްގެ ނައިބް އަހުމަދު އަސީރީ ހައްޔަރު ކުރުމުގެ އަމުރު އިސްތަންބޫލްގެ ޕްރޮސެކިއުޓާ ޖެނެރަލް ނެރެފި އެވެ.
ޕްރޮސެކިއުޓަރުގެ އޮފީހުން ބުނެފައި ވަނީ ގަހުތާނީ އާއި އަސީރީ އަކީ ނޫސްވެރިޔާ މަރާލަން ރޭވުމުގައި އިސްކޮށް އުޅުނު ދެ މީހުން ކަމުގެ ހެކި ލިބިފައިވާ ކަމަށެވެ.
ގަހުތާނީ އާއީ އަސީރީ ވަނީ އެ މީހުން ތިބި މަގާމުތަކުން ދުރުކޮށްފަ އެވެ. ނަމަވެސް ނޫސްވެރިޔާގެ މަރާ ގުޅުން ހުރި އެއްވެސް މީހެއްގެ ޝަރީއަތް ހިންގަން ތުރުކީ އަށް ނުފޮނުވާނެ ކަމަށް ސައުދީން ވަނީ ބުނެފަ އެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުން ދިޔަ ނޫސްވެރިޔާ ޚާޝުގްޖީ މަރާލީ އޮކްޓޯބަރު 2 ވަނަ ދުވަހު އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ވަން ފަހުންނެވެ. ތުރުކީން ބުނެފައި ވަނީ އޭނާ މަރާލީ ސައުދީން ދިޔަ ޓީމަކުން ކަމަށެވެ.