އަފްޣާނިސްތާނުގެ މެސީ، ލިއޮނެލް މެސީ ސޮއިކޮށް ފޮނުވި އާޖެންޓީނާގެ 10 ނަމްބަރު ޖޯޒީ ލައިގެން. --ފޮޓޯ:އޭއެފްޕީ
07 ޑިސެމްބަރ 2018 - 10:31
ކާބުލް (ޑިސެމްބަރު 7) - އާޖެންޓީނާގެ ލިއޮނެލް މެސީ އަށް އާދަޔާޚިލާފު ލޯތްބެއް ޖެހިފައި ހުރުމުން "އަފްޣާން މެސީ"ގެ ނަމުން މަޝްހޫރު ކުޑަ ކުއްޖާ އަށް ލިބެމުންދާ އިންޒާރުތަކާ ގުޅިގެން އަނެއްކާ ވެސް ގެދޫކޮށް އެހެން ހިސާބަކަށް އެ އާއިލާ ބަދަލުވާން ޖެހިއްޖެ އެވެ.
އުމުރުން މިހާރު ހަތް އަހަރުގެ މުރްތަޟާ އަހުމަދީ 2016 ވަނަ އަހަރު މަޝްހޫރުކަން ހޯދީ ޕްލާސްޓިކް ކޮތަޅަކުން މެސީގެ ޖޯޒީއެއް ލައިގެން އުޅެނިކޮށް ބަޔަކަށް ފާހަގަވި ހިސާބުންނެވެ. އެ ކުއްޖާގެ ފޮޓޯތައް ވަނީ ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ޝެއާކޮށްފަ އެވެ. އޭރު އެ ކުއްޖާ ބުނެފައި ވަނީ އެންމެ ބޭނުން ވަނީ މެސީއާ ބައްދަލު ކުރަން ކަމަށެވެ. ފަހުން މުރްތަޟާ ވަނީ ގަތަރުގައި މެސީއާ ބައްދަލުކޮށްފަ އެވެ.
މުރްތަޟާގެ އާއިލާ އިން ބުނީ އަފްޣާނިސްތާނުގައި އުޅެމުން ދިޔަ ގެ ދޫކޮށް އެހެން ހިސާބަކަށް ދާން ޖެހުނީ ތާލިބާނުން ދޭ އިންޒާރުތަކުގެ ސަބަބުން ކަމަށެވެ. އެ މީހުން ދިރިއުޅުނީ އިރު ދެކުނުގެ ގާޒްނީގަ އެވެ. މިހާރު ވަނީ ވެރިރަށް ކާބުލް އަށް ބަދަލުވެފަ އެވެ. އެ އާއިލާ ކުރިން ވަނީ 2016 ވަނަ އަހަރު ޕާކިސްތާނުގައި ވެސް ކުޑަ ދުވަސްކޮޅަކު އުޅެފަ އެވެ. ނަމަވެސް ފައިސާ ކޮޅު ހުސްވުމުން އެނބުރި ވަނީ އަފްޣާނިސްތާނަށް ބަދަލުވެފަ އެވެ.
ނޫކުލަ އާއި ހުދު ކުލައިގެ ކޮތަޅަކުން އާޖެންޓީގެ ޖާޒީ ސިފަވާ ގޮތަށް ޖާޒީއެއް ލައިގެން މުރްތަޟާ ފޮޓޯ ނެގި އިރު އޭނާގެ އުމުރުން ފަސް އަހަރެވެ. އެ ޖާޒީގައި މާކަރަކުން ވަނީ 10 ނަމްބަރު ވެސް ޖަހައިފަ އެވެ. ސޯޝަލް މީޑިއާގައި އެ ފޮޓޯތައް ވައިރަލްވެ މެސީ އަށް އެ ކުއްޖާގެ ހިތުގައި އޮތް ލޯބި އެނގުމާ އެކު މެސީ ވަނީ އޭނާ ސޮއިކޮށްފައިވާ ޖާޒީއަކާ އެކު ޕެކޭޖެއް އެ ކުއްޖާ އަށް ފޮނުވައިފަ އެވެ. ދެހާސް ސޯޅަ ވަނަ އަހަރު ބާސެލޯނާ ގަތަރަށް ކުރި ދަތުރުގައި މުރްތަޟާ އަށް ވަނީ މެސީ ދައުވަތު ދީފަ އެވެ.
މުރްތަޟާގެ އާއިލާ އިން ބުނީ އެ މީހުންނަށް ލިބުނު މަޝްހޫރު ކަމާ އެކު ތާލިބާނުންގެ އަމާޒަކަށް މިހާރު ހަދާފައިވާ ކަމަށެވެ. މުރްތަޟާގެ 17 އަހަރުގެ ބޭބެ ބުނީ ވޭތުވެދިޔަ ދެ އަހަރު މުރްތަޟާ ސްކޫލަށް ވެސް ފޮނުވާފައި ނުވާ ކަމަށާ އަދި މަގު މައްޗަށް ކުޅެން ވެސް ނުނެރޭ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރޮނާލްޑޯ
08 December 2018
ހުސް މީޑިޔާ ސްޓަންޓް ލާރިކޮޅެއް ލިބޭތޯ
Error 404
07 December 2018
މަމެން ތިޔާހެން މެސީގެ ސަމާލްކަން ހޯދަން އުޅެއުޅެ އެކަން ކާމިޔާބް ވާ ގޮތެއް ނުވެޔެ.