ސައުދީ ޚާރިޖީ ވަޒީރުގެ މަގާމުން ދަށްކުރި އާދިލް އަލް ޖުބައިރު. --ފޮޓޯ:އޭއެފްޕީ
28 ޑިސެމްބަރ 2018 - 12:31
ރިޔާޒް (ޑިސެމްބަރު 28) - ސައުދީ ސަރުކާރަށް ރޭ ގެނައި ބަދަލުތަކުގައި ފޮރިން މިނިސްޓަރު އާދިލް އަލް ޖުބައިރުގެ މަގާމު ދަށްކޮށްފި އެވެ.
ރަސްގެފާން ސަލްމާން ގެންނެވި ބަދަލުގައި ފޮރިން މިނިސްޓަރުގެ މަގާމަށް އިބްރާހިމް އަލް އައްސާފް ހަމަޖެއްސި އިރު އަލް ޖުބައިރު ބަދަލުކޮށްފައި ވަނީ ސްޓޭޓް ފޯ ފޮރިން އެފެއާޒްގެ މަގާމަށެވެ. ފިނޭންސް މިނިސްޓަރުގެ މަގާމު ގިނަ ދުވަސްތަކެއް ވަންދެއް އަދާކުރެއްވި އަލް އައްސާފަކީ އިންޓަނޭޝަނަލް ޑިޕްލޮމެސީގައި ތަޖްރިބާ މަދު ބޭފުޅެކެވެ. އައް އައްސާފަކީ ކޮރަޕްޝަނުގެ ތުހުމަގުގައި މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނޭ ބޭފުޅެއް ވެސް މެ އެވެ. ނަމަވެސް ދެ މަސް ފަހުން އޭނާ ވަނީ ދޫކޮށްލައިފަ އެވެ. އަދި ފަހުން ވަނީ ސައުދީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯގެ ބޯޑު މެންބަރުކަމަށާއި ރަސްގެފާނުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖައްސައިފަ އެވެ.
ސައުދީ ސަރުކާރަށް ފާޑުކިޔަމުންދިޔަ ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓްގައި މަރާލި މައްސަލާގައި ބައިނަލްއަގުވާމީ ދުނިޔޭގައި ސައުދީ ދިފާއު ކުރުމުގައި އަލް ޖުބައިރަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށްވެ އެވެ.
ސައުދީ ސަރުކާރަށް ގެނައި އެހެން ބަދަލުތަކުގެ ތެރޭގައި ނޭޝަނަލް ގާޑުގެ ވެރިޔާގެ މަގާމަށް ޕްރިންސް އަބްދުﷲ ބިން ބަންދާރު ހަމަޖެއްސުން ހިމެނެ އެވެ. އެ މަގާމުގައި ކުރިން ހުންނެވީ ޕްރިންސް މުތުއަބް ބިން އަބްދުﷲ އެވެ. ސަލާމަތީ ކަންކަމާ ބެހޭ އެންމެ އިސްވެރިޔާގެ މަގާމަށް ޖެނެރަލް ޚާލިދު ބިން ގިރާރް އަލް ހަރްބީ ހަމަޖެއްސިއިރު ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރަކަށް ހަމަޖެއްސީ މުސްއަދު އަލް އައިބާން އެވެ.
އިންފޮމޭޝަން މިނިސްޓަރުގެ މަގާމަށް ހަމަޖެއްސީ ރޮޓަނާ ބްރޯޑްކާސްޓުގެ އެގްޒެކެޓިވް މެންބަރެއް ކަމަށްވާ ތުރުކީ އަލް ޝަބާނާ އެވެ. އެ މަގާމުގައި ކުރިން ހުންނެވި އައްވާދު އަލް އައްވާދަށް ދެއްވީ ރޯޔަލް ކޯޓުގެ އެޑްވައިޒަރުގެ މަގާމެވެ. ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ ގާތް ބޭފުޅެއް ކަމަށްވާ ތުރްކީ އަލް ޝެއިޚް ވަނީ ސްޕޯޓްސް ކޮމިޝަނާގެ މަގާމުން ވަކިކޮށް އެންޓަޓެއިންމަންޓް އޮތޯރިޓީގެ ވެރިޔާގެ މަގާމަށް ހަމަޖައްސަައިފަ އެވެ. ޓޫރިޒަމް އޮތޯރިޓީގެ ވެރިޔާގެ މަގާމު ދީފައި ވަނީ އަހުމަދު އަލް ޚާތިބަށެވެ.
ރަސްގެފާން ސަލްމާން ވަނީ ނޭޝަނަލް ސްޕޭސް އެޖެންސީއެއް ވެސް އުފައްދަވައި އެތަނުގެ ވެރިޔާގެ މަގާމަށް ދަރިކަލުން ޕްރިންސް ސުލްތާން ބިލް ސަލްމާން ހަމަޖައްސަވައިފަ އެވެ. އޭނާ އަކީ ކުރީގެ އެސްޓްރޮނޯޓެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
28 December 2018
މާވަރަށް އަނގަގަދަވެގެންވެގެން އުޅެންޏާ ވާނީ މިހެން.
އަލް ޖުބައިރު
28 December 2018
ހަތްގުނަ ޑީމޯޓް ކުރިއަސް މީހަކު މަރާލި މަސްސަލަ އޮއްބާ އެއް ނުލެވޭނެ ތާއެވެ؟
އުރުދުޣާނު
28 December 2018
ރޯމާ ދުވާލު މީހަކު މަރާ ކުދިކޮށް ކޮށާ ލުމަށް ފަހު އެކަން ނުހިގާ ކަމެއް ކަމަށް ހަދަން މަސައްކަތް ކުރަން ބުންޏަސް ފޮރިން މިނިސްޓަރ އާދިލް އަލް ޒުބައިރު އަށް ކުރެވޭނެ ކަމެއް ނޯންނާނެ އެވެ. ރަސްގެފާނުގެ ނުވަތަ ވަލީ އަހްދުގެ ބޭނުމަކަށް ނޫނީ ނޫސް ވެރިޔާ ޚަޝީޣްޖީ މަރާލާނެ ބޭނުމެއް އޮތް ކަމަކަށް ޤަބޫލެެއް ނުކުރެވެއެވެ.