ފިލިޕީންސްގެ ރައީސް ޑުޓާޓް: މަސްތުވާތަކެއްޗާ ދެކޮޅަށް ދަނީ ހަރުކަށި ފިޔަވަޅުތައް އަޅުއްވަމުން. --ފޮޓޯ:އޭޕީ
21 އޯގަސްޓް 2016 - 13:44
މެނީލާ (އޮގަސްޓް 21) - އދ. އިން ވަކިވާން ޖެހިދާނެ ކަމުގެ އިންޒާރު ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓާޓް ދެއްވައިފި އެވެ.
ރައީސް ޑުޓާޓް މި އިންޒާރު ދެއްވާފައި ވަނީ ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް އޭނާ އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ފިޔަވަޅުތަކެއް ކަމަށް ބުނެ އދ. އިން ފާޑުކިޔަމުންދާތީ އެވެ.
ޑުޓާޓް ވިދާޅުވީ އެހެން ޖަމާއަތެއް އުފެއްދުމަށް ޗައިނާ އާއި އެފްރިކާގެ ގައުމުތަކުގެ ކިބައިން އޭނާ އެދެން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ޑުޓާޓް ތުހުމަތު ކުރެއްވި ގޮތުގައި އދ. ވަނީ ޓެރަރިޒަމާއި ބަނޑުހައިހޫނުކަމާ އަދި ހަނގުރާމަތައް ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް ފޭލްވެފަ އެވެ.
މި އަހަރުގެ މެއި މަހު ފިލިޕީންސްގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންނެވި ޑުޓާޓް ވަނީ އެ ގައުމުން މަސްތުވާތަކެތީގެ ވިޔަފާރި ފުހެލުމުގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން ގަޔަށް ބަޑިޖަހަން ހުއްދަ ދެއްވައިފަ އެވެ. އދ. އިން ތަކުރާރުކޮށް ބުނަމުން ދަނީ މިއީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށެވެ. މެއި މަހު 9 ވަނަ ދުވަހު ޑުޓާޓް ވެރިކަމަށް ވަޑައިގެންނެވި ފަހުން ފިލިޕީންސްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ 900 އަށް ވުރެ ގިނަ މީހުން ވަނީ މަރައިފަ އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލާފައިވާ ތަނަކަށް މެނީލާގެ ބައެއް މީހުން އެއްވެފައި. --ފޮޓޯ:އޭއެފްޕީ
އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ތަޖްރިބާކާރަކު މިދިޔަ ހަފުތާގައި ވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ މީހުން މަރަން ހުއްދަ ދިނުމަކީ ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ކުށެއް ކަމަށް ވިދާޅުވެފަ އެވެ. އދ.ގެ ތަޖުރިބާކާރަށް ރައްދު ދެއްވަމުން ޑުޓާޓް މިއަދު ވިދާޅުވީ އެ ތަޖްރިބާކާރަކީ "މޮޔައެއް" ކަމަށާއި މަސްތުވާތަކެތީގެ ދަލުގައި ޖެހި މަރުވަމުންދާ ކުށެއް ނެތް މީހުންނާ މެދު ވިސްނިއްޔާ މާ ރަނގަޅުވާނެ ކަމަށެވެ.
އދ. އަށް އިޝާރާތް ކުރައްވާ ޑުޓާޓް ވިދާޅުވީ އޭނާއާ ބެހޭ ގޮތުން އދ. ބުނާ ގޯސް އެއް ވާހަކަ އަށް އދ. ގެ ގޯސް ކަމުގެ 10 ވާހަކަ އޭނާ އަށް ދެންނެވެން އެބައޮތް ކަމަށެވެ. އަދި އދ. ގެ ވާޖިބު ފުރިހަމަ ގޮތުގައި އަދާކުރާ ނަމަ ދުނިޔޭގައި މިހާރު ހިނގާ ހަނގުރާމަތަކާއި މީހުން މެރުމުގެ ޖަރީމާތައް ކުރިއަށް ނުދާނެ ކަމަށް ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުން މެރުމަށް ޑުޓާޓް ގެންގުޅުއްވާ ސިޔާސަތަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އާއި އދ.ގެ ޑްރަގްސް އެންޑް ކްރައިމް އޮފީހުން ވަނީ ކުށްވެރިކޮށްފަ އެވެ.
ރައީސް ކަމަށް ވަޑައިގަތުމުގެ ކުރިން ޑުޓާޓް ވަނީ ފިލިޕީންސްގެ ތިން ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޑަވާއޯގެ މޭޔަރުކަން 22 އަހަރު ކުރައްވައިފަ އެވެ. އޭނާގެ ހަރުކަށި ބައެއް އުސޫލުތަކުގެ ސަބަބުން ވަނަމެއްގެ ގޮތުގައި "އަދަބު ދޭ މީހާ" ވެސް ބޭނުން ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޓަލިސްޓް
21 August 2016
ޔޫއެން ،،،، ( ޔުނައިޓެޑްނޭޝަންސް ) މިހެންކީމަ ވަރަށް ސަޅިއެއްނޫންތޯ ؟ ކިހާއެކުވެރި އެއްބައެއްވަންތަ ދައުލަތްތަކެއްތޯ ؟ އެކަމު އަސްލަކީ ( ޑިވައިޑެޑްނޭޝަންސް ) އަބަދުވެސް އޮންނާނީ އެއްގައުމު އަނެއްގައުމާ ވާދަކުރުމާޢި އެއްބަޔަކު އަނެއްބައެއްގެ މުދާތަކާއި މުއްސަނދިކަން ފޭރުމާއި ފައިސާގެ ހަނގުރާމަ .. ގައުމުތަށް ދުނިޔޭގައި އުފެދުމުގެ ކުރީގައި އިންސާނުން އުޅެމުންދިއައީ ޓްރައިބްސްގެ ގޮތުގައި އޭރުވެސް އޮންނަނީ އެއްބަޔަކު އަނެއްބަޔަކާއި ހަނގުރާމަކުރުން ،،، މިހިންއޮތް ޓްރައިބްތަށް ބޮޑުވެގެން ގައުމުތަކަށް ބަދަލު ވެ ، ޓްރައިބްތަކުގެ ދިދަތަށް ގައުމުތަކުގެ ދިދަތަކަށް ބަދަލުވެގެން ގޮސް ، ގައުމީސަލާމް އުފެދި ބޯރޑަރތަށް އުދެފިގެންދިއައި ،،، ޖަންގަލީގައި ހުޅޭ ސިންގާ ، ޗީތާވެސް އެސޮރުމެންގެ ޓެރިޓަރީ ފާހަގަކޮށް ، ބައުންޑަރީ ކުރޮސްކޮއްފިއްޔާމުން ތަޅާމަރާހަދާނެ ،،، އެހެންވީމައި އަސްލު ދުނިޔެހިންގަމުން މިދަނީ އެއްއުސޫލަކުން ބަދަލުވީ ބޭނުންކުރާ ވަސީލަތްތަކާއި ކަންކަންކުރާގޮތް ،،، އިންސާނުންނަކީ ވަރަށް ވެސް އާދަޔާހިލާފް ބައެއް ،،،،،
ރަދީފް
21 August 2016
ސާބަހޭ ޑުޓަޓޭ. އެންމެ ތަންކޮޅެއްވެސް ދޫނުކުރާތި.ތިޔަގޮތުގަ ހިފަހައްޓާތި.
ޔުނުސް22
21 August 2016
ސާބަހޭ ޕްރެޒިޑެންޓް ޑުޓާޓޭ.. މިކަހަލަ އަޒުމްވަރުގަދަ ވެރިން ވީ އޯލްސޯ ނީޑް!
އޮރެންޖްބެރީ
21 August 2016
އަޅުގަނޑުކާރި ކޮރެއާ މީހަކު ބުނި ކުރީގައި ދެކުނު ކޮރެއާގަައި ވަރަށް ގިނަ ގޭންގްތަކާ ކުށްކުރުން ގިނަ ކަމަށް. ސަރުކާރުން އެމީހުންނަށް މަރުގެ އަދަބު ދިންކަމަށް. މިހާރު ދެކުނު ކޮރެއާއަކީ ދުނިޔޭގައި އެންމެ އަމާން އެއްގައުމު.
އަހްމަދު
21 August 2016
އަހަރުމެންނަށްވެސް ގަޓު ހުރި ވެރިއެއް ލިބޭނެނަމަ ދޯ.
މަލީ
21 August 2016
ބަރާބަރެއްނު.
ރިޔާޒްރަސީދު
21 August 2016
ސާބަހޭ...
މޫސަ
21 August 2016
ޑްރަގް ގެ މައްސަލައަށް އޮތް ހައްލަކީ ވިއްކާ ވިޔަފާރި ކުރާ މީހުންނާއި އެތެރެކުރާ ފަރާތްތަކަށް މަރުގެ އަދަބު ދިނުން. ރާއްޖޭގައިވެސް 10 ވަރަކަށް މީހުން މަރާއިރަށް ޑްރަގް އެތެރެކުރުން ހުއްޓި ގަވްމު އަމާންކަމަށް މަގު ހިފާނެ. އިންޝާ ﷲ