ބޯޓު ވަނީ ފާރެއްގައި ޖެހިފައި ގޮތް މީހުން ދިރިއުޅޭ ސަރަހައްދެއްގެ ގެއެއްގައި ޖެހިފައި. --ފޮޓޯ:އީޕީއޭ
14 ޖެނުއަރީ 2019 - 16:07
ތެހެރާން (ޖެނުއަރީ 14) - އީރާނުގެ ވެރިރަށް ތެހެރާނާ ކައިރިއަށް މިއަދު ވެއްޓުނު ކާގޯ ބޯޓުން ސަލާމަތްވީ ފްލައިޓް އިންޖިނޭރު އެކަނި ކަމަށް އޮފިޝަލުން ބުނެފި އެވެ.
ބޯޓުން ވަނީ 15 މީހުން މަރުވެފަ އެވެ. ބޯއިން 707 ގެ ބޯޓު ޖައްސަން އުޅުނުއިރު މޫސުން ވަރަށް ގޯސް ކަމަށްވެ އެވެ. ތެހެރާނުގެ ހުޅަނގުން 25 މޭލު ދުރުގައި އޮންނަ ކަރާޖުގެ ފާތު އެއާޕޯޓަށް ޖައްސަން އުޅެނިކޮށް ބޯޓު ވަނީ ރަންވޭ އިން ނެއްޓި ފާރެއްގައި ޖެހިފައި ކަމަށް އޮފިޝަލުން ބުނެ އެވެ. އެއީ އެއާޕޯޓާ މީހުން ދިރިއުޅޭ ސަރަހައްދު ވަކި ކުރަން ރާނާފައިވާ ފާރެއް ކަމަށްވެ އެވެ. ބޯޓު ފަހުން ވަނީ ގެއެއްގެ ފާރެއްގައި ވެސް ޖެހިފަ އެވެ.
އީރާން ސިފައިން ބުނީ ސަލާމަތްވި އިންޖިނޭރަށް ހޮސްޕިޓަލުގައި މިހާރު ފަރުވާ ދެމުންދާ ކަމަށެވެ.
ވެއްޓިފައި ވަނީ ކިރްގިސްތާނުން އެއްގަމު މަސް ހިފައިން ދަތުރުކުރި ބޯޓެއް ކަމަށްވެ އެވެ. ބޯޓުގެ ވެރި ފަރާތަކީ ކޮން ބައެއް ކަމެއް ނޭނގެ އެވެ.
އީރާނުގެ ސިވިލް އޭވިއޭޝަންގެ ތަރުޖަމާނަކު ވިދާޅުވީ އެއީ ކިރްގިސްތާނުގެ ބޯޓެއް ކަމަށެވެ. އެކަމަކު ކިރްގިސްތާނުގެ މަނަސް އެއާޕޯޓުން ބުނެފައި ވަނީ އެ ބޯޓު އޮޕަރޭޓް ކުރަނީ އީރާނުގެ ޕަޔަމް އެއާ އިން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަނދަވަޅު
15 January 2019
ނިކަން ބަލާށެވެ. ބޯޓް ވެއްޓި ބަޔަކު މަރުވުމުން ބޯޓާ ހަވާލުވާނެ ބަޔަކު ވެސް ނުވިއެވެ. އެއްބަޔަކު އަނެއް ބަޔެއްގެ ބޮލަށް ކަނޑާލަނީއެވެ.