ފަލަސްތީނުގައި ހިންގާ އދ.ގެ ސްކޫލްތައް ބަންދު ކުރަނީ

ގުދުސް (ޖެނުއަރީ 21) - އިރުމަތީ ގުދުސްގައި އދ.ގެ ރެފިއުޖީ އެޖެންސީން ހިންގާ ސްކޫލްތައް ބަންދު ކުރަން އިޒްރޭލުން ނިންމައިފި އެވެ.


އިޒްރޭލްގެ ބައެއް މީޑިއާތަކުން ބުނެފައި ވަނީ އިރުމަތީ ގުދުސްގައި ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ޕަލަސްތީން އިން ހިންގާ ސްކޫލްތައް ބަންދު ކުރަން ނިންމީ އިޒްރޭލްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލުން ކަމަށެވެ. އަދި އެ ސްކޫލްތައް ދެން ހިންގާނީ ގުދުސްގެ މުނިސިޕަލްޓީން ކަމަށް ވެސް އިޒްރޭލުން ވަނީ ނިންމައިފަ އެވެ.

އދ.ގެ އެޖެންސީން ބުނެފައި ވަނީ ސްކޫލްތައް ބަންދުކުރާކަން އިޒްރޭލުން އަންގާފައި ނުވާ ކަމަށެވެ.

"އިޒްރޭލުން ވެސް ތަބާވާން ޖެހޭ އެއްބަސްވުންތައް އދ.ގެ އެޖެންސީއާ އެކު ވަނީ ގާއިމްކޮށްފައި،" ރެފިއުޖީ އެޖެންސީގެ ތަރުޖަމާނަކު ވިދާޅުވި އެވެ.

އިރުމަތީ ގުދުސްގެ ދެ ރެފިއުޖީ ކޭމްޕްގައި އދ.ގެ އެޖެންސީން ހަތް ސްކޫލް ހިންގަ އެވެ. އެ ސްކޫލްތަކުން 3،000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަ އެވެ.

އދ.ގެ ރެފިއުޖީ އެޖެންސީ އަށް ފައިސާ ދިނުން އެމެރިކާ އިން މިދިޔަ އަހަރު ވަނީ ހުއްޓާލައިފަ އެވެ.

ޕަލަސްތީން ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) ގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ހަނާން އަޝްރާވީ ވިދާޅުވީ އިޒްރޭލުގެ ނިންމުމަކީ ބައިނަލްއަގުވާމީ މުޖްތަމައަށް ގޮންޖެހުން ފަދަ ކަމެއް ކަމަށެވެ.

"އެއީ ފަލަސްތީނުގެ ރެފިއުޖީންނަށް އަމާޒުކޮށް އިޒްރޭލުން ކުރި ކަމެއް. ފަލަސްތީނުގެ ރެފިއުޖީންގެ ހައްގުތައް ވަނީ ބައިނަލްއަގުވާމީ ގާނޫނުތަކުން ކަށަވަރުކޮށްދީފައި،" އޭނާ ވިދާޅުވި އެވެ.

ޔޫއެންއާރްޑަބްލިއުއޭ 1949 ވަނަ އަހަރު އުފެއްދީ ޒަޔަނިސްޓް ދައުލަތް އުފެއްދުމާ ގުޅިގެން ފަލަސްތީނުގެ ހަތް ލައްކަ މީހުން ގަދަކަމުން އެ މީހުންގެ ގެދޮރުން ބޭރުކުރުމުން، އެ މީހުންނަށް އެހީވުމުގެ ގޮތުންނެވެ.