ބޯޑަރު ހުރަސް ކުރަނިކޮށް ރޮހިންޖާ މީހަކު އަންހެނަކު ހައްޔަރު ކުރުމުން ރޮނީ. --ފޮޓޯ:ރޮއިޓާސް
23 ޖެނުއަރީ 2019 - 12:17
އަގާޓާލާ، އިންޑިއާ (ޖެނުއަރީ 23) - ބަންގްލަދޭޝްގެ ބޯޑަރާ ކައިރިން ރޮހިންޖާ މުސްލިމުންގެ 31 މީހުން އިންޑިއާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ޓްރިޕޫރާގެ ފުލުހުން ހައްޔަރުކޮށްފި އެވެ.
ރޮހިންޖާ މުސްލިމުން ބަންގްލަދޭޝް އަށް އެތެރެވާން ދިޔައީ އެ މީހުންނާ ދެކޮޅަށް އިންޑިއާގެ ހިންދޫ ނޭޝަނަލިސްޓް ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުންނެވެ. ރޮހިންޖާ ގްރޫޕުގައި 16 ކުޑަ ކުދިންނާއި ހަ އަންހެނުން ހިމެނެ އެވެ. އެ މީހުން ބަންގްލަދޭޝް އަށް އެތެރެވުމުގެ ހުއްދަ ދިނުމަށް އެ ގައުމުގެ ފުލުހުން ވެސް ވަނީ ދެކޮޅު ހަދައިފަ އެވެ.
އިންޑިއާ އިން ބުނަނީ ރޮހިންޖާ މުސްލިމުންނަކީ އެ ގައުމަށް ގަވާއިދާ ޚިލާފަށް އެތެރެކޮށްފައިވާ ބައެއް ކަމަށެވެ. މިއަންމާގައި ދާދި ފަހުން އުފެދުނު ހަމަނުޖެހުންތަކާ ގުޅިގެން ރޮހިންޖާ މުސްލިމުންގެ 1،300 މީހުން ވަނީ އިންޑިއާ އަށް އެތެރެވެފަ އެވެ.
ބޯޑަރުން ހައްޔަރު ކުރުމަށް ފަހު ރޮހިންޖާ މީހުންގެ ނަންތައް ބޯޑަރު ސިފައިން ނޯޓް ކުރަނީ. --ފޮޓޯ:ރޮއިޓާސް
ބަންގްލަދޭޝް އަށް އެތެރެވާން ދިޔަ ރޮހިންޖާ ގްރޫޕް އިންޑިއާ ފުލުހުން ހައްޔަރުކުރީ ބޯޑަރުގައި ތިބޭތާ ހަތަރު ދުވަސް ފަހުންނެވެ. ބޯޑަރުން ހައްޔަރު ކުރި މީހުން ޓްރިޕޫރާގެ ވެރިރަށް އަގާޓަލާ ކޯޓަށް ހާޒިރު ކުރުމުން ވަނީ 14 ދުވަހަށް އެ މީހުން ބަންދު ކުރަން އަންގައިފަ އެވެ. ފުލުހުންގެ އޮފިޝަލަކު ބުނީ ރޮހިންޖާ މުސްލިމުންގެ މައްސަލަ ރަޖިސްޓްރީކޮށްފައި ވަނީ އިންޑިއާގެ ޕާސްޕޯޓް އެކްޓުގެ ގާނޫނުގެ ދަށުން ކަމަށެވެ.
އިންޑިއާގެ ހޯމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ރޮހިންޖާ މުސްލިމުންގެ 40،000 މީހުން އިންޑިއާގައި ދިރިއުޅެ އެވެ. އދ.ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ބުނެފައި ވަނީ އޭގެ ތެރޭން 18،000 މީހުން ވަނީ ރެފިއުޖީންގެ ގޮތުގައި ރަޖިސްޓްރީ ކޮށްފައި ކަމަށެވެ. އދ.ގެ ރެފިއުޖީ ކޮންވެންޝަންގައި އިންޑިއާ އިން ސޮއިކޮށްފައެއް ނުވެ އެވެ.
ރަކީން ސްޓޭޓުގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް މިއަންމާ ސިފައިން އޮގަސްޓް 2017 ގައި ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން ހަ ލައްކަ އަށް ވުރެ ގިނަ މީހުން ވަނީ އަވަށްޓެރި ބަންގްލަދޭޝް އަށް ހިޖުރަކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވިލްސް
25 January 2019
ކިހާ ބޮޑު ކަމެއްތަ؟ އެފަކީރުންނަށް އެހީ ވާނެ އެއްވެސް ސަރުކާރެއް މިދުނިޔޭގަ ނެތީތަ ހަމަ؟ މުސްލިމުންނަށް ވީމާ ދޯ؟ ޙުދް ބަންގްލަދޭށް އާއި ސައޫދީ ފަދަ ގަައުމުތަކުންވެސް އެ ނިކަމެތި އަޅުތަކުން ފަހާ ބޭރު ކުރަނީ. ނަންވާނީ އިޒްރޭލު. މަށައް ފެންނަނީ ހުސް އިޒްރޭލު. ތި ތާކު ނޫޅޭ ސަހަލު އެއް ބަޔަކުވެސް.
ކޮކީ
23 January 2019
ހަމަމިހާރު ހެލިކޮޕްޓަރުތައް ފޮނުވާލާ.