ވެނެޒުއެލާގެ މައްސަލައާ ގުޅޭ ގޮތުން ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއް އިއްޔެ ކުރިއަށް ގެންދަނީ. --ފޮޓޯ:އޭއެފްޕީ
27 ޖެނުއަރީ 2019 - 13:49
ޔުނައިޓެޑް ނޭޝަންސް (ޖެނުއަރީ 27) - ކުރިއަށް އޮތް އަށް ދުވަސް ތެރޭ އާ އިންތިޚާބެއް ބޭއްވުމަށް ވެނެޒުއެލާގެ ރައީސް ނިކޮލަސް މަދޫރޯ އަށް ޔޫރަޕުގެ ބޮޑެތި ގައުމުތަކުން މުހުމަތެއް ދީފި އެވެ.
އިންތިޚާބު ނުބާއްވައިފި ނަމަ ވެނެޒުއެލާގެ ވެރިއަކީ އިދިކޮޅު ލީޑަރު ހުއާން ގުއައިޑޯ ކަމަށް ބަލައިގަންނާނެ ކަމަށް ވެސް ބުނެފައިވެ އެވެ. ހުއާން ވަނީ ވެނެޒުއެލާގެ "ވަގުތީ ރައީސް" އަކީ އޭނާ ކަމަށް ބުދަ ދުވަހު އިއުލާން ކުރައްވައިފަ އެވެ.
ހުއާން އަކީ ވެނެޒުއެލާގެ ރައީސްގެ ގޮތުގައި ވަރަށް ގިނަ ގައުމުތަކުން މިހާރު ވަނީ ބަލައިގެންފަ އެވެ. އޭގެ ތެރޭގައި އެމެރިކާ ވެސް ހިމެނެ އެވެ.
ޔޫރަޕުގެ ބައެއް ގައުމުތަކުން ދިން މުހުލަތު ވެނެޒުއެލާ އިން ގަބޫލް ކޮށްފައެއް ނުވެ އެވެ. ނިއު ޔޯކުގައި ބޭއްވި ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވެނެޒުއެލާގެ ޚާރިޖީ ވަޒީރު ޖޯޖް އަރެއާޒާ ވިދާޅުވީ ވެނެޒުއެލާގައި އޮތީ ގާނޫނީ ސަރުކާރެއް ކަމަށާއި އާ އިންތިޚާބެއް ބޭއްވުމަށް އެއްވެސް ބަޔަކަށް ޕްރެޝަރު ނުކުރެވޭނެ ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވެނެޒުއެލާގެ ޚާރިޖީ ވަޒީރު އދ.ގެ ޗާޓަރު އިއްޔެ ދައްކަވާލަައްވަނީ. --ފޮޓޯ:އޭއެފްޕީ
"ވެނެޒުއެލާގައި އިންތިޚާބެއް ބޭއްވުމަށް ނުވަތަ ނުބޭއްވުމަށް ވެސް އެއްވެސް ބަޔަކަށް ނޭންގޭނެ،" އޭނާ ވިދާޅުވި އެވެ.
ވެނެޒުއެލާގެ ރައީސް އަށް މުހުމަތު ދީފައި ވަނީ ސަލާމަތީ މަޖިލީހުގެ ދާއިމީ މެންބަރުން ކަމަށްވާ ފްރާންސާއި އިނގިރޭސި ވިލާތުގެ އިތުރުން ޖަރުމަނާއި ސްޕޭނުންނެވެ.
ޔޫރަޕުގެ ގައުމުތަކުގެ ފަރާތުން ވާހަކަ ދައްކަވަމުން ޔޫކޭ ފޮރިން އޮފީހުގެ މިނިސްޓަރު ސަ އެލަން ޑަންކަން ވިދާޅުވީ ވެނެޒުއެލާ އަށް ބޭނުން ވަނީ ރައްޔިތުން ރަނގަޅަށް ތަމްސީލް ކުރެވޭނެ ސަރުކާރެއް ކަމަށެވެ.
ސަލާމަތީ މަޖިލީހުގެ ބައްދަލުވުމުގައި ރަޝިޔާ، ޗައިނާ އަދި މެކްސިކޯ އިން ވަނީ މަދޫރޯ އަށް ތާއީދުކޮށްފަ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއާ ވިދާޅުވީ ރަޝިޔާ އާއި ޗައިނާ އިން އުޅެނީ ފެއިލްވެފައި އޮތް ސަރުކާރަކަށް ތާއީދު ކުރަން ކަމަށެވެ. އަދި މިއީ ވެނެޒުއެލާގެ ރައްޔިތުންނަށް އެހީތެރިކަން ދޭންވީ ވަގުތު ކަމަށް ވިދާޅުވި އެވެ. އދ. އަށް ކަނޑައަޅާފައި ހުންނަ ރަޝިޔާގެ ސަފީރު ވިދާޅުވީ އެމެރިކާ އިން ރާވަމުން ދަނީ މަދޫރޯއާ ދެކޮޅަށް ބަޣާވާތެއް ގެންނަން ކަމަށެވެ. ޗައިނާ ސަފީރު ވިދާޅުވީ އެހެން ގައުމުތަކުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ބެއިޖިން އިން ނުވަންނާނެ ކަމަށެވެ.
ވެނެޒުއެލާގެ އިދިކޮޅު ލީޑަރު އަދި ނޭޝަނަލް އެސެމްބްލީގެ ރައީސް ހުއާން އިދިކޮޅު އެއްވުމެއްގައި އިއްޔެ ވާހަކަ ދަައްކަވަނީ. --ފޮޓޯ:އޭއެފްޕީ
ރައީސް ކަމުގެ ދެ ވަނަ ދައުރުގެ ހުވާ މަދޫރޯ ކުރެއްވީ މިމަހު ކުރީކޮޅު އެވެ. ނަމަވެސް މިދިޔަ އަހަރުގެ މެއި ބޭއްވި އިންތިޚާބުގައި މަކަރާއި ހީލަތް ހަދާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.
ވެނެޒުއެލާ ސަރުކާރުން ތުހުމަތުކޮށްފައިވާ ގޮތުގައި ނޭޝަނަލް އެސެމްބްލީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ އިދިކޮޅު ލީޑަރު އުޅުއްވަނީ ބަޣާވާތެއް ގެންނާށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނައްތާލާ
28 January 2019
މަދޫރޯއަކީ ރައްޔިތުންނަށް ވަރަށް ނުބައި މީހެއް. ހުޅަގުގެ ވިސްނުން ރަގަޅު.
ދޮށީކޮއި ޢަލީގެ މުޙައްމދު
27 January 2019
ވެނުޒުއޭލާގައިވެސް އެމެރިކާގެ ގޮނޑި ކޮއްކޮ ސަރުކާރެއް ހަދަނީ