ޗައިނާގައި ހުންނަ ކެނެޑާ ސަފީރު މަގާމުން ދުރުކޮށްފި

އޮޓާވާ (ޖެނުއަރީ 27) - ޗައިނާގައި ހުންނަ ކެނެޑާ ސަފީރު ޖޯން މެކްކަލަމް މަގާމުން ދުރުކޮށްފި އެވެ.


މެކްކަލަމް މަގާމުން ދުރުކޮށްފައި މިވަނީ ކެނެޑާ އިން ހައްޔަރު ކުރި ޗައިނާގެ ވާވޭ ކުންފުނީގެ ސީނިއާ އެގްޒެކެޓިވް މެންގް ވަންޒޫ އެމެރިކާއާ ހަވާލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވާފައި ވަނިކޮށެވެ. އޭނާ ވިދާޅުވެފައި ވަނީ ވަންޒޫ އެމެރިކާއާ ހަވާލު ކުރުމަށް ދައްކާ ވާހަކަތަކުގައި ބުރަދަނެއް ނެތް ކަމަށެވެ. ވަންޒޫގެ މައްސަލަ ކެނެޑާ އިން ދޫކޮށްލުމަށް ވެސް ސަފީރު ވަނީ ހުކުރު ދުވަހު އެދިވަޑައިގެންފަ އެވެ.

ވަންޒޫ ކެނެޑާ އިން ހައްޔަރުކޮށްފައި ވަނީ އެމެރިކާ އިން އެދިގެންނެވެ. އެ މައްސަލާގައި ޗައިނާ އާއި ކެނެޑާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފަ އެވެ. ވަންޒޫ މިހާރު ހުރީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ.

އެކަމަކު ސަފީރު މަގާމުން ދުރުކުރި ސަބަބެއް ބޮޑު ވަޒީރު ޓްރޫޑޯގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައެއް ނުވެ އެވެ.