ނޭޕާލަށް ބޯޓު ވެއްޓުނީ ޕައިލެޓް ޖަޒުބާތުގައި ޖެހިފައި އިނުމުން

ޑާކާ (ޖެނުއަރީ 29) - ނޭޕާލުގެ ކަތުމަންޑޫ އެއާޕޯޓަށް ޖައްސަން އުޅެނިކޮށް މިދިޔަ މާޗް މަހު ޔޫއެސް-ބަންގްލާ އެއާލައިނުގެ ބޯޓު ވެއްޓުނީ ޕައިލެޓް އާބިދު ސުލްތާން ވަރަށް ބޮޑަށް "ޖަޒުބާތުގައި ޖެހިފައި އިނުމުން" ކަމަށް އެ ހާދިސާގެ އެންމެ ފަހުގެ ރިޕޯޓުގައި ބުނެފި އެވެ.


މާޗް 12 ވަނަ ދުވަހު ކަތުމަންޑޫގެ ޓްރިބުވަން އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސަން އުޅުނު ބޯޓު ވަނީ ރަންވޭ މަތިން ކަހާލައިގެން ގޮސް ޖެހިގެން އޮތް ފުޓުބޯޅަ ދަނޑަކަށް ވެއްޓިފަ އެވެ. ބޯޓުގައި އަލިފާން ރޯވެ މަރުވި 51 މީހުންގެ ތެރޭގައި ޕައިލެޓާއި ކޯ-ޕައިލެޓް ވެސް ހިމެނެ އެވެ. އެ ހާދިސާ އިން ވަނީ 20 މީހުން ސަލާމަތްވެފަ އެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ނޭޕާލުގައި ޑޮކްޓަރުކަން ކިޔާ ދިވެހި ކުއްޖަކު ވެސް ހިމެނެ އެވެ.

ބޯޓު ވެއްޓުނީ އެއާ ޓްރެފިކް ކޮންޓްރޯލާ ކޮމިއުނިކޭޓް ކުރުމުގެ މައްސަލައަކުން ކަމަށް އެންމެ ފުރަތަމަ ގަބޫލް ކުރެވުނެވެ. ނަމަވެސް ތަހުގީގު ޓީމުން މިހާރު ބުނަނީ ޕައިލެޓް އިނީ "އަނގަ ގަދަވެފައި" ކަމަށާއި އޭނާ ދިޔައީ ބޯޓުގެ ކްރޫންނަށް ވަރަށް ގިނައިން ވާހަކަ ދައްކަމުން ކަމަށެވެ. އަދި ކޮކްޕިޓް ތެރޭ ޕައިލެޓް ސިނގިރޭޓް ބުއި ކަމަށް ވެސް ބުނެފައިވެ އެވެ. ރިޕޯޓުގައި ބުނެފައި ވަނީ ޕައިލެޓަށް އެހެން ދިމާވީ ސްޓްރެސްގެ ސަބަބުން ކަމަށެވެ.

ބޯޓު ވެއްޓުމާ އެކު ވަނީ އަލިފާން ރޯވެފައި. --ފޮޓޯ: ގެޓީ އިމޭޖަސް

ނޭޕާލުގެ އެކްސިޑެންޓް އިންވެސްޓިގޭޝަން ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި ބުނެފައި ވަނީ ޕައިލެޓް އިނީ ނަފްސާނީ މައްސަލަގަނޑެއްގެ ތެރޭގައި ކަމަށާއި އެހެންވެ އޭނާ ޖަޒުބާތުގައި ޖެހިފައިވާ ކަމަށެވެ. އަދި އެއާލައިނުގެ އަންހެން ކްރޫއަކު ވަނީ ޕައިލެޓުގެ ރެޕިއުޓޭޝަނާ މެދު ސުވާލު އުފައްދާފައި ކަމަށް ވެސް ބުނެފައިވެ އެވެ.

އުމުރުން 52 އަހަރުގެ ޕައިލެޓުގެ ޑިޕްރެޝަންގެ ސަބަބުން ބަންގަލަދޭޝްގެ އެއާ ފޯސް އިން ރިލީޒް ކުރީ 1993 ވަނަ އަހަރު އެވެ. ނަމަވެސް ފަހުން ވަނީ މަތިންދާ ބޯޓް ދުއްވަން ފިޓް ކަމަށް ނިންމައިފަ އެވެ.

ތަހުގީގު ޓީމުން ބުނެފައި ވަނީ ޑާކާ އިން ބޯޓު ނައްޓާލުމުގެ ކުރިން ގްރައުންޓް ކޮންޓްރޯލާ ޕައިލެޓް ވާހަކަ ދެއްކި އިރު ވެސް ސްޓްރެސްގެ ސަބަބުން އޭނާ ހާސްވެފައި އިންކަން ފާހަގަ ކުރެވުނު ކަމަށެވެ. ބްލެކް ބޮކްސް ވޮއިސް ރެކޯޑާ އާއި ބޯޓުން ސަލާމަތްވި ޕަސިންޖަރުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ޕައިލެޓް ވަނީ ކޮކްޕިޓްގައި ސިނގިރެޓް ބޮއިފަ އެވެ. އަދި ބޯޓުގެ އެންމެ ނާޒުކް ވަގުތުތަކުގައި ވެސް ޕައިލެޓް ވަނީ ބޭކާރު ވާހަކަތައް ދައްކާފައި ކަމަށް ބުނެފައިވެ އެވެ.

ބޯޓު ވެއްޓުމުގެ ހާދިސާގައި ބޯޓުގައި ތިބި 71 މީހުންގެ ތެރޭން 51 މީހުން ވަނީ މަރުވެފައި. --ގެޓީ އިމޭޖަސް

ބޯޓު ޖައްސަން ދިޔަ ވަގުތު 25 އަހަރުގެ ފަސްޓް އޮފިސަރުގެ މާ ބޮޑު ރޯލެއް ނެތް ކަމަށް ވެސް ބުނެފައިވެ އެވެ. އެއީ ކެޕްޓަންގެ ތަޖްރިބާ އާއި އޮތޯރިޓީ އަށް ބެލުމަށް ފަހު އެވެ.

ރިޕޯޓްގައި ވަނީ ޔޫއެސް-ބަންގްލާ އެއާލައިނުން ޕައިލެޓުންގެ މެންޓަލް ހެލްތު ރަނގަޅަށް ވަޒަންކޮށް އެ މީހުންގެ ޕްރޮފެޝަނަލް ނުވަތަ ޒާތީ މައްސަލައެއް އުޅޭ ނަމަވެސް އެކަން ރަނގަޅަށް ބެލުމަށް ލަފާދީފަ އެވެ.

ވެއްޓުނު ކެނެޑާގެ ބޮމްބާޑިއާ ކުންފުނީގެ 76 ގޮނޑީގެ ޑޭޝް 8 ކިޔޫ400 ބޯޓަށް ވަނީ 17 އަހަރުވެފަ އެވެ.