ސްރީ ލަންކާގެ މިނިވަން ދުވަހުގެ ޕެރޭޑް ކުރިއަށް ދަނީ.
04 ފެބުރުއަރީ 2019 - 09:53
ކޮލަމްބޯ (ފެބްރުއަރީ 4 - އިނގިރޭސިންގެ ބާރުގެ ދަށުން ސްރީ ލަންކާ އަށް މިނިވަންކަން ހޯދުމުގެ ހަރަކާތް ފެށިގެން އައީ އެތައް ބައެއްގެ ބުރަ މަސައްކަތާ އެކު އެވެ. އެ ހަރަކާތުގެ އިސް ބާނީންނަކީ ކިޔަވައިގެން ތިބި މެދުފަންތީގެ ބައެކެވެ. ވިހި ވަނަ ގަރުނުގެ ތެރޭގައި ހިމޭން ކަމާ އެކު ހިންގި ހަރަކާތުގެ ނަތީޖާއަކަށް ވެގެން ދިޔައީ ފެބްރުއަރީ 4، 1948 ގައި ޑޮމިނިއަން އޮފް ސިލޯންގެ ނަމުގައި މިނިވަންކަން ލިބިގެން ދިއުމެވެ. އެ ނަން 24 އަހަރަށް ފަހު، މެއި 22، 1972 ގައި ބަދަލުވެގެން ދިޔައީ ރިޕަބްލިކް އޮފް ސްރީ ލަންކާ އަށެވެ.
ސްރީ ލަންކާ އަށް "ސެއިލާއޯ"ގެ ނަން ދީފައި ވަނީ 1505 ވަނަ އަހަރު ޕޯޗްގީޒުން އެ ގައުމުގައި ތިބި ދުވަސްވަރު އެވެ. އެ ނަން ސިލޯނަށް ބަދަލުވެގެން ދިޔައީ އިނގިރޭސިންގެ އަތް ދަށަށް ދިއުމުންނެވެ. ސިލޯންގެ ނަން ސްރީ ލަންކާ އަށް ބަދަލުވެގެން ދިޔަ ނަމަވެސް ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ ނަން ސިލޯނާ ގުޅުވައިގެން އަދިވެސް ބޭނުން ކުރެ އެވެ. މިސާލަކަށް ބޭންކް އޮފް ސިލޯން، ސިލޯން އިލެކްޓްރިސިޓީ ބޯޑް، ސިލޯން ޕެޓްރޯލިއަމް ކޯޕަރޭޝަން އަަދި ސިލޯން ފިޝަރީޒް ކޯޕަރޭޝަން ފަދަ ތަންތަނެވެ.
ސްރީ ލަންކާގެ މިނިވަން ކަމަށް މަސައްކަތް ކުރި އިސް ލީޑަރުންގެ ނަންތައް ފާހަގަވެފައި ވަނީ ގައުމީ ބަތަލުންގެ ގޮތުގަ އެވެ. އޭގެ ތެރޭން ވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ބޭފުޅަކީ ޑޮން ސްޓެފަން ސެނަނަޔަކަ އެވެ. އޭނާ ވަނީ ސިލޯންގެ ފުރަތަމަ ބޮޑު ވަޒީރުގެ މަގާމު 1947-1952 އަށް އަދާކުރައްވައިފަ އެވެ. އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އޭނާގެ ދަނޑުވެރިކަމުގެ ސިޔާސަތެވެ. ސެނަނަޔަކަ މަޝްހޫރުވެފައި ވަނީ "ގައުމުގެ ބައްޕަ"ގެ ގޮތުގަ އެވެ.
ލަންކާގެ މިނިވަންކަމުގެ އިސްމޭސްތިރިޔާ ޑޮން ސްޓެފަން ސެނަނަޔަކަ
ސްރީ ލަންކާގެ މިނިވަންކަމުގެ މަޝްވަރާތަކުގައި ސްޓޭޓް ކައުންސިލްގެ ލީޑަރުގެ ހައިސިއްޔަތުން އެންމެ އިސްކޮށް ހުންނެވީ ވެސް ސެނަނަޔަކަ އެވެ. އޭނާ އަކީ އެގްރިކަލްޗާ މިނިސްޓަރުގެ އިތުރުން ބޯޑް އޮފް މިނިސްޓާސްގެ ވައިސް ޗެއާމަން ވެސް މެ އެވެ.
ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) ގެ ބާނީ އަކީ ސެނަނަޔަކަ އެވެ.
ސްރީ ލަންކާގ ސިޔާސީ މަޝްރަހު ތަފާތު ގޮތް ގޮތަށް ބަދަލުވަމުން އައިސް 1955 ވަނަ އަހަރު އެސް.ޑަބްލިއު.އާރް.ޑީ ބަންޑާރަނައިކަގެ މޭސްތިރިކަމުގެ ދަށުން ސްރީ ލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ވަރުގަދަ ކުރަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން ޖެހިގެން އައި އަހަރު ޔޫއެންޕީ ބަލިކޮށް އެސްއެލްއެފްޕީ ވެރިކަމަށް އައެވެ. އަދި ސިންހަޅައިންނަށް އިތުރު ބާރުތައް ދޭން ފެށި އެވެ. ބަންޑާރަނައިކަ 1959 ވަނަ އަހަރު އަވަހާރަކޮށްލުމުން ސިންހަޅައިންގެ ގައުމީ ހަރަކާތަށް މަޑުޖެހުނެވެ. އަދި ސިޔާސީ ގޮތުން ގައުމު ހަލަބޮލި ކަމަށް ދިޔަ ދަނޑިވަޅު ހުވަފަތް އަނބިކަނބަލުން ސްރީމާވޯ ބަންޑާރަނައިކަ ލީޑަޝިޕަށް ވަޑައިގެންނެވި އެވެ. ނަވާރަ ސަތޭކަ ފަސްދޮޅަސް ވަނަ އަހަރު އެކަމަނާ ވަނީ ސަރުކާރެއް އުފައްދާ ލަންކާގެ ފުރަތަމަ އަންހެން ބޮޑު ވަޒީރުގެ މަގާމަށް ވަޑައިގެންފަ އެވެ. އަދި އެއީ ދުނިޔޭގެ ވެސް ފުރަތަމަ އަންހެން ބޮޑު ވަޒީރެވެ.
ސްރީމާވޯ ބަންޑާރަނައިކަ
ސްރީ ލަންކާގެ މިނިވަން ދުވަސް ފާހަގަ ކުރަނީ ގައުމީ ދުވަހުގެ ވެސް ގޮތުގަ އެވެ. ހޯމް އެފެއާޒް އެންޑް ޕްރޮވިންޝަލް ކައުންސިލް މިނިސްޓަރު ވަޖިރާ އަބޭވަރްދަނާ ވިދާޅުވީ ގާނޫނު އަސާސީގެ 8 ވަނަ މާއްދާގައި މިނިވަން ދުވަހުގެ ގޮތުގައި ގައުމީ ދުވަހަށް ވެސް ނިސްބަތްކޮށްފައިވާ ކަމަށެވެ. ކޮންމެ އަހަރެއްގެ ވެސް މިނިވަން ދުވަހު ލަންކާގެ ރައީސް ގައުމާ މުޚާތަބް ކުރައްވަ އެވެ. އަދި އަސްކަރީ ޕެރޭޑެއް ބާއްވަ އެވެ.
ލަންކާގެ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށް ދެއްވަނީ ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މިނިވަން ދުވަހުގެ މެސެޖްގައި ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ފަގީރުކަމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމަށް އިއްޔެ ގޮވާލައްވައިފަ އެވެ. އަދި މިނިވަންކަމުގެ ހަގީގީ މާނަ ދެނެގަތުމަށް ވެސް ސިރިސޭނާ ވަނީ އެދިވަޑައިގެންފަ އެވެ. ލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަކުރާ އިރު ސިރިސޭނާ ވަނީ ސިޔާސީ ޕާޓީތަކުން އެކަތިގަނޑަކަށްވެ މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy