އީރާނުން މިސައިލްތަކެއް ޓެސްޓްކުރަނީ
04 ފެބުރުއަރީ 2019 - 07:46
އީރާނުން ކުރިއަށް ގެންދާ ހަތިޔާރު ޕްރޮގްރާމްތައް ހުއްޓުވަން އުޅޭ ނަމަ މިސައިލްތަކުގެ ރާސްތާ ދިގުކުރަންޖެހިދާނެ ކަމަށާ އެކަމަށް މަޖުބޫރު ނުކުރުމަށް އެ ގައުމުގެ އީރާން ސިފައިންގެ ނައިބު ބްރިގޭޑިއާ ޖެނެރަލް ހުސައިން ސަލާމީ ވިދާޅުވެއްޖެ އެވެ.
"ޔޫރަޕުން ނުވަތަ އެހެން ބަޔަކު ވިޔަސް އީރާންގެ މިސައިލް ޕްރޮގްރާމް ހުއްޓުވަން ހީލަތްތެރި ރޭވުމެއް ގެންގުޅޭ ނަމަ އަހަރެމެންނަށް މަޖުބޫރުވާނީ އެ މަސައްކަތް ވަރުގަދަކުރަން،" އީރާންގެ ގައުމީ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ސަލާމީ ވިދާޅުވި އެވެ.
ސަލާމީ މިހެން ވިދާޅުވީ 1،350 ކިލޯމީޓަރަށް ދަތުރުކުރާ މިސައިލެއް އީރާނުން ކާމިޔާބުކަމާ އެކު ޓެސްޓުކުރުމަށް ފަހުގަ އެވެ. އޭނާ ވިދާޅުވީ މި މިސައިލްގެ ރާސްތާ ދިގުކުރަން ބޭނުން ނަމަ އެކަމަށް އެއްވެސް ހުރަހެއް ނެތް ކަމަށާއި ފަންނީ ގޮތުން އެކަން ކުރުމުގެ ގާބިލްކަން އީރާނަށް ލިބިގެންވާ ކަމަށެވެ.
އީރާނުން މިސައިލް އުފައްދަނީ ގައުމުގެ ދިފާއަށް ކަމަށް ބުނާ ބުނުން ސަލާމީ ތަކުރާރުކުރެއްވި އެވެ.
އީރާންގެ އިސްލާމީ އިންގިލާބުގެ އަހަރީ ދުވަހާ ގުޅުވައިގެން އެ ގައުމުން އަންނަނީ މިދިޔަ 40 އަހަރު ތެރޭ އަސްކަރީ ގޮތުން ލިބުނު ކާމިޔާބީތައް ދައްކާލަމުންނެވެ. އާ މިސައިލް ޓެސްޓްކުރީ ވެސް އެ ހަރަކާތްތަކުގެ ތެރެއިންނެވެ. މިއީ އީރާނުން 2015 ވަނަ އަހަރު ތައާރަފްކުރި "ސޫމާރް" މަރުކާގެ ކްރޫޒް މިސައިލްގެ ތެރެއަށް އިތުރުކުރި ވައްތަރެކެވެ. ސޫމާރް މިސައިލްގެ ރާސްތާ އަކީ 700 ކިލޯމީޓަރެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy