ސީރިއާ އަށް ހަމަލާ ދޭނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައި. --ފޮޓޯ:އޭޕީ
07 ފެބުރުއަރީ 2019 - 11:47
ތެހެރާން (ފެބްރުއަރީ 7) - ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ހަމަލާ ދޭނަމަ "ވަރުގަދަ ރައްދެއް" ދޭނެކަމުގެ އިންޒާރު އިޒްރޭލަށް އީރާނުން ދީފި އެވެ.
އިޒްރޭލުން ބުނެފައި ވަނީ އެ ގައުމަށް ސަލާމަތީ ގޮތުން އޮތް އެންމެ ބޮޑު ބިރަކީ އީރާން ކަމަށެވެ. އިޒްރޭލުން ދޭތެރެ ދޭތެރެއިން ދަނީ ސީރިއާގައި އީރާން ސިފައިން ގާއިމްވެ ތިބޭ ތަންތަނަށް ހަމަލާ ދެމުންނެވެ. އިޒްރޭލުގައި އެޕްރީލް މަހު އިންތިޚާބު ބާއްވަން ތައްޔާރުވަމުންދާ އިރު ސީރިއާ އަށް ދޭ ހަމަލާތައް ވެސް ދަނީ އިތުރު ކުރަމުންނެވެ.
ސީރިއާގެ ޚާރިޖީ ވަޒީރު ވަލީދު އަލް މުއައްލިމްއާ އެކު ބޭއްވި ބައްދަލުވުމުގައި އީރާނުގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ސެކްރެޓަރީ އަލީ ޝަމްޚާނީ ވިދާޅުވީ އިޒްރޭލުގެ ހަމާލަތަކުގެ ސަބަބުން ސީރިއާގެ އިސްތިގްލާލަށް ހުރަސް އަޅާ ކަމަށެވެ. އަދި އެއީ އެއްވެސް ގޮތަކުން ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.
"އިޒްރޭލްގެ އެ އަމަލުތައް އެ ގޮތުގައި ކުރިއަށްދާ ނަމަ އެއާ އެއްވަރުގެ އެކަށީގެންވާ ރައްދެއް އިޒްރޭލަށް ރަނގަޅު ފިލާވަޅަކަށްވާ ގޮތަށް ދޭނަން،" ޝަމްޚާނީ ވިދާޅުވި އެވެ.
އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މިދިޔަ މަހު ވަނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް ދޭ ހަމަލާތައް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި ސީރިއާ އިން އީރާން ސިފައިން ފޭބުމަށް ވެސް ވަނީ ގޮވާލައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy