ތައިލެންޑުގެ ޕްރިންސަސް ނޮމިނޭޓްކުރި ޕާޓީ އުވާލަނީ

ބެންކޮކް (ފެބްރުއަރީ 13) - ބޮޑު ވަޒީރުގެ މަގާމަށް ތައިލެންޑުގެ ޕްރިންސަސް އުބޮލްރަޓަނާ މަހިދޯލް ނޮމިނޭޓްކުރި ތައި ރަކްސާ ޗާޓް ޕާޓީ އުވާލުމަށް ދުސްތޫރީ ކޯޓުގައި އެދޭނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.


އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ ކުރީގެ ބޮޑު ވަޒީރު ތަކްސިން ޝިނަވަޓްރާއާ ގުޅުން އޮންނަ ތައި ރަކްސާ ޗާޓް ޕާޓީ ވަނީ އިންތިޚާބުތަކާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައި ކަމަށެވެ. އަދި އެއީ ތައިލެންޑުގެ ރަސްކަމާ ދެކޮޅަށް އެ ޕާޓީން ހިންގި އަމަލެއް ކަމަށް ވެސް ބުނެފައިވެ އެވެ.

މާޗް 24 ގައި އޮންނަ އިންތިޚާބަށް މަހިދޯލްގެ ނަން ނޮމިނޭޓް ކުރި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އެކަމަނާ ޑިސްކޮލިފައިކޮށްފަ އެވެ. ސަބަބެއް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ބޮޑު ވަޒީރު ކަމަށް މަހިދޯލް ނޮމިނޭޓް ކުރުމާ ގުޅިގެން ރަސްގެފާން ވަޖިރަލޮންގްކޯން ވަނީ ހިތްޕުޅު ހަމަނުޖެހޭކަން ހާމަކުރައްވައިފަ އެވެ. ގަނޑުވަރުން ނެރުނު ބަޔާނެއްގައި ރަސްގެފާން ވިދާޅުވެފައި ވަނީ ޝާހީ އާއިލާގެ މެންބަރުން ބޮޑު ވަޒީރު ކަމަށް ވާދަކުރުމަކީ "ކަމާ ގުޅޭ ކަމެއް ނޫން ކަމަށާއި އެއީ ތައިލެންޑުގެ ސަގާފަތެއް ވެސް ނޫން" ކަމަށެވެ.

ބޮޑު ވަޒީރުގެ މަގާމަށް ތައިލެންޑުގެ ޕްރިންސަސްގެ ނަން ތައި ރަކްސާ ޗާޓް ޕާޓީން ނޮމިނޭޓް ކުރަނީ. --ފޮޓޯ:ރޮއިޓާސް

އިލެކްޝަންސް ކޮމިޝަނުން ބުނެފައި "ޝާހީ އާއިލާގެ މެންބަރުންނަކީ ސިޔާސީ ކަންކަމަށް ވުރެ މަތީގައި" ތިބެން ޖެހޭ ބަޔަކަށްވާތީ ކަމަށެވެ.

ބޮޑު ވަޒީރުކަމަށް ވާދަކުރެއްވުމަށް ނިންމެވުމާ އެކު ޕްރިންސަސް މަހިދޯލް ވަނީ އޭނާ އަށް ލިބިވަޑައިގަންނަވާ ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލައްވައިފަ އެވެ. އަދި އޭނާ އަކީ މިހާރު އާދައިގެ މީހެއް ކަމަށް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ބޮޑު ވަޒީރު ކަމަށް ކުރިމަތިލައްވަން ނިންމެވުމުން "ދިމާވި މައްސަލަތަކަށް" އެކަމަނާ ބުދަ ދުވަހު ވަނީ މައާފަށް އެދިވަޑައިގެންފަ އެވެ.

"ގައުމަށްޓަކައި ޚިދުމަތް ކުރަން އަޅުގަނޑު ނުކުންނަން އުޅުމުން ބައެއް މީހުންނަށް ކުރިމަތިވި މައްސަލަތަކަށް މައާފަށް އެދެން. އެކަމަކު އެއީ މި ޒަމާނުގައި ކަންކަން ވާން ޖެހޭ ގޮތެއް ނޫން،" އިންސްޓަގްރާމުގައި ޕްރިންސަސް ލިޔުއްވާފައިވެ އެވެ.

ޕްރިންސަސް މަހިދޯލް ވަނީ އެމެރިކާގެ މަޝްހޫރު މެސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީން ތައުލީމް ހާސިލް ކުރައްވައިފަ އެވެ. އެމެރިކާ މީހަކާ 1972 ވަނަ އަހަރު ކައިވެނި ބައްލަވައިގަތުމަށް ފަހު ޝާހީ ހުރިހާ ލަގަބެއް ދޫކޮށްލެއްވި އެވެ. ނަމަވެސް 2001 ވަނަ އަހަރު ތައިލެންޑަށް އެނބުރި ވަޑައިގެން އަލުން ޝާހީ ދިރިއުޅުއްވުމަށް ވަޑައިގެންނެވި އެވެ. ސޯޝަލް މީޑިއާގައި ހަރަކާތްތެރި ޕްރިންސަސް ވަނީ ތައިލެންޑުގެ ބައެއް ފިލްމުތައް ވެސް ކުޅުއްވައިފަ އެވެ. އެކަމަނާ އަށް ތިން ބޭފުޅުން ލިބިވަޑައިގެންނެވި އެވެ. މީގެ ތެރޭން އެއް ބޭފުޅަކު ވަނީ 2004 ވަނަ އަހަރުގެ ސުނާމީގައި އަވަހާރަވެފަ އެވެ. އަނެއް ދެ ބޭފުޅުން ދިރިއުޅުއްވަނީ ތައިލެންޑުގަ އެވެ.