ކަޝްމީރުގައި ހަމަލާ ދިން މީހުންނަށް ވަރުގަދަ ރައްދެއް ދޭނަން: މޯދީ

ނިއު ދިއްލީ (ފެބްރުއަރީ 15) - ކަޝްމީރުގައި އިންޑިއާގެ ޕެރަމިލިޓަރީ ފުލުހުންނަށް ދިން ޖާނުންފިދާވުމުގެ ހަމަލާގެ ރައްދު ވަރުގަދަ އަށް ދޭނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.


ކަޝްމީރުގެ ޕުލްވަމާ އޭރިއާގައި އިއްޔެ ދިން ހަމަލާގައި އިންޑިއާ ފުލުހުންގެ 44 މީހުން ވަނީ މަރުވެފަ އެވެ. މިއީ 2002 ވަނަ އަހަރުގެ ފަހުން ކަޝްމީރުގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ. ގޮވާތަކެތިން ފުރާފައިވާ ކާރެއް ވަނީ އިންޑިއާގެ ފުލުހުންގެ ބަޔަކު ގޮވައިގެން ސްރީނަގަރު-ޖައްމޫ ހައިވޭގައި ދަތުރުކޮށްފައި ދިޔަ ބަހެއްގައި ޖައްސާ ގޮއްވާލައިފަ އެވެ.

މޯދީ ވިދާޅުވީ ކަޝްމީރުގައި ހަމަަލާ ދިން މީހުން ހިންގީ ބޮޑު ގޯހެއް ކަމަށާއި ޓެރަރިޒަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ހުރިހާ ބާރެއް ސިފައިންނަށް މިހާރު ދީފައިވާ ކަމަށެވެ.

"ހަމަލާ ދިން މީހުން އިންސާފުގެ ކުރިމައްޗަށް ގެންނާނެކަމުގެ ޔަގީންކަން ދެން،" ސީނިއާ މިނިސްޓަރުންނާ އެކު ދިއްލީގައި ބޭއްވި ސެކިއުރިޓީ ބައްދަލުވުމަކަށް ފަހު މޯދީ ވިދާޅުވި އެވެ.

ހަމަލާގެ ޒިންމާ ވަނީ ޕާކިސްތާނުގެ ޖައިޝީ މުހައްމަދު ކިޔާ ޖަމާއަތަކުން އުފުލައިފަ އެވެ.

ކަޝްމީރުގައި ދިން ހަމަލާއާ ގުޅިގެން އިންޑިއާ އިން ވަނީ ޕާކިސްތާނުގެ ސަފީރު ހާޒިރުކޮށްފަ އެވެ. އަދި ހަމަލާ ދިން ކަމަށް އެއްބަސްވި ޖައިޝީ މުހައްމަދު ޖަމާއަތަށް ފިޔަވަޅު އެޅުމަށް އިންޑިއާ އިން ވަނީ އެދިފަ އެވެ.

ދެހާސް ދެ ވަނަ އަހަރު ޖައްމޫއާ ކައިރީގައިވާ ސިފައިންގެ މަރުކަޒަކަށް ދިން ހަމަލާގައި އިންޑިއާ ސިފައިންގެ 31 މީހުން މަރުވި އެވެ. ދެހާސް ސޯޅަ ވަނަ އަހަރު އުރީގައި ދިން ހަމަލާއެއްގައި ވަނީ އިންޑިއާ ސިފައިންގެ 17 މީހުން މަރާލައިފަ އެވެ.