ތެހެރާން (ފެބްރުއަރީ 18) - އިޒްރޭލުން ހަނގުރާމައެއް ކުރަން ބޭނުންވެގެން އުޅޭ ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެއްޖެ އެވެ.
މިއުނިކުގައި ބޭއްވި ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަ ވާހަކަ ދައްކަވަމުން ޒަރީފް އިއްޔެ ވިދާޅުވީ އެމެރިކާ އާއި އިޒްރޭލުގެ އަމަލުތައް ހުރި ގޮތުން މެދުއިރުމަތީގައި ބޮޑު ހަމަނުޖެހުމަކަށް މަގުފަހިވަމުންދާ ކަމަށެވެ.
"ހަނގުރާމައެއްގެ ފުރުސަތު ވަރަށް ބޮޑު. ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވަމުންދާ އިރު އެކަމާ އަޅާނުލައި ތިބުމުން އަދި މާގޯސް،" ޒަރީފް ވިދާޅުވި އެވެ.
އޭނާ އިޝާރާތް ކުރައްވާފައި ވަނީ ސީރިއާގައިވާ އީރާނުގެ އަމާޒުތަކަށް އިޒްރޭލުން ހަމަލާދޭ މައްސަލައަށެވެ.
"ޔަގީނުން ވެސް ބައެއް މީހުން އެ ދަނީ ހަނގުރާމައަކަށް ފުރުސަތު ބޮޑު ކުރަމުން،" ޒަރީފް ވިދާޅުވި އެވެ.
ނިއުކްލިއާ އެއްބަސްވުމުން ޔޫރަޕުގެ ގައުމުތައް ވަކި ކުރުމަށް އެމެރިކާ ސަރުކާރުން ކުރަމުންދާ މަސައްކަތް ވެސް ޒަރީފް ވަނީ ކުށްވެރި ކުރައްވައިފަ އެވެ. އީރާނާ އެކު ދުނިޔޭގެ ބޮޑެތި ބާރުތަކުން ނިއުކްލިއާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ 2015 ވަނަ އަހަރު އެވެ. އެ އެއްބަސްވުމުން އެމެރިކާ ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅި ނަމަވެސް ޔޫރަޕުގެ ގައުމުތަކުން ވަނީ އީރާނާ އެކު ވިޔަފާރި ކުރާނެ ޕޭމަންޓް ޕްލެޓްފޯމެއް ގާއިމްކޮށްފަ އެވެ.