ވިއެޓްނާމް ދަތުރަށް ފަހު ކިމް ޖޮން-އުން އެނބުރި ނޯތު ކޮރެއާ އަށް ވަޑައިގަންނަވަނީ. --ފޮޓޯ:ރޮއިޓާސް
05 މާޗް 2019 - 13:52
މޮސްކޯ (މާޗް 5) - ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ވަރަށް އަވަހަށް ރަޝިޔާ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް ލަޑިމިއާ ޕުޓިންގެ ތަރުޖަމާން ދިމިތުރީ ޕެސްކޯފް ވިދާޅުވެއްޖެ އެވެ.
"ކިމްގެ ދަތުރު އެޖެންޑާގައި އެބައޮތް. ތާރީޚާއި ތަން އެކަމާ ގުޅޭ ޑިޕްލޮމެޓިކް ޗެނަލްތަކުން ހާމަކުރަމުން ގެންދާނެ،" ދިމިތުރީ ވިދާޅުވި އެވެ.
ކިމް މިދިޔަ ހަފުތާގައި ވަނީ ވިއެޓްނާމަށް ވަޑައިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ އެކު ސަމިޓެއް ބާއްވަވައިފަ އެވެ. ނަމަވެސް ދެ ދުވަހުގެ އެ ސަމިޓް ވަނީ ނާކާމިޔާބުވެގެން ނިމިފަ އެވެ. ސަމިޓް ނާކާމިޔާބުވި ސަބަބެއް ކަމަށް ޓްރަމްޕް ވިދާޅުވެފައި ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލަން ނޯތު ކޮރެއާ އިން ހުށަހެޅުމުން ކަމަށެވެ.
ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކިމް ޖޮން-އުން ވިއެޓްނާމަށް ވަޑައިގަތީ 4،000 ކިލޯ މީޓަރުގެ ދިގު ރޭލް ދަތުރުގައި 60 ގަޑިއިރު ހޭދަކުރެއްވުމަށް ފަހު އެވެ. ކިމް ރަޝިޔާ އަށް ވަޑައިގަންނަވާނީ ވައިގެ މަގުން ކަމެއް އަދި ނޭނގެ އެވެ.
ރަޝިޔާގެ މީޑިއާތަކުން ބުނެފައި ވަނީ ނޯތު ކޮރެއާގެ ކަންކަމާ ގުޅޭ ރަޝިޔާ ޕާލަމެންޓުގެ ގްރޫޕުން އަންނަ މަހު 12 ވަނަ ދުވަހު ޕިއޮންޔަންގަށް ދަތުރެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އަނެއްކޮޅުން ސައުތު ކޮރެއާ އިން ވަނީ އެމެރިކާ އާއި ނޯތު ކޮރެއާ ހިމެނޭ ގޮތުން ތިން ގައުމުގެ ނުރަސްމީ ބައްދަލުވުންތަކެއް ބޭއްވުމަށް ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy