ނިއު ދިއްލީ (މާޗް 6) - ކަޝްމީރުގައި މިދިޔަ މަހު 14 ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާގެ ބަދަލު ހިފުމުގެ ގޮތުން ޕާކިސްތާނުގެ ޖައިޝީ މުހައްމަދުގެ މައި ކޭމްޕާއި އެ މީހުން ހިންގާ މަދަރުސާތަކަށް ދިން ހަމަލާގައި ލިބުނު ގެއްލުމާ މެދު ސުވާލު އުފައްދަމުން ދަނިކޮށް އިންޑިއާގެ ހޯމް މިނިސްޓަރު ރަޖުނާތު ސިންގް އިތުރު ސުވާލެއް އުފައްދަވައިފި އެވެ.
އާސާމް ސްޓޭޓުގައި ވާހަކަ ދައްކަވަމުން ރަޖުނާތު ވިދާޅުވީ ޕާކިސްތާނުގެ އުތުރުގެ ބަލަކޮޓަށް ދިން ހަމާލާގައި ލިބުނު ގެއްލުންތައް ގަބޫލް ކުރަން އިންޑިއާގެ އިދިކޮޅު ޕާޓީތަކުން ވެސް ބޭނުން ނުވާ ކަމަށެވެ. ރަޖުނާތު ވިދާޅުވީ އިންޑިއާގެ އެއާ ފޯސްގެ މިރާޖް 2000 ޖެޓްތަކުން ވައިގެ ހަމަލާ ދިނުމުގެ ކުރިން ޖައިޝީ މުހައްމަދުގެ މައި ކޭމްޕްގައި 300 މޯބައިލް ފޯނު ބޭނުން ކުރަމުން ދިޔަ ކަމަށް ނޭޝަނަލް ޓެކްނިކަލް ރިސާޗް އޮގައިނޭޝަން (އެންޓީއާރުއޯ) އިން ބުނެފައިވާ ކަމަށެވެ.
"އިންޑިއާގެ ޓެކްނިކަލް އެނަލިސިސް ހަދާ އަދި ކޮމިއުނިކޭޝަންއާ ގުޅޭ އިންޓަލިޖެންސް އެއްކުރާ އެޖެންސީން ބުނެފައި ވަނީ އެ ސަރަހައްދުގައި 300 މޯބައިލް ފޯނު ބޭނުން ކުރަމުން ދިޔަ ކަމަށް. ދެން އެ މޯބައިލް ފޯނުތައް ބޭނުން ކުރީ އެ ސަރަހައްދުގައި ހުރި ގަސްތައްތަ؟" އާސާމްގެ ބޯޑަ ސެކިއުރިޓީ ފޯސް އިން އާ ސާވެއިލަން ސިސްޓަމެއް ގާއިމް ކުރަން ބޭއްވި ރަސްމިއްޔާތުގައި ރަޖުނާތު ވިދާޅުވި އެވެ.
އޭނާ ވަނީ އިންޑިއާގެ ކޮންގްރެސް ޕާޓީން ހަގީގަތް ގަބޫލް ކުރަން ބޭނުން ނުވާ ނަމަ ޕާކިސްތާނަށް ގޮސް، ހަމަލާގައި ލިބުނު ގެއްލުން ވަޒަން ކުރަން ގޮވާލައްވައިފަ އެވެ.
"އެންޓީއާރްއޯ ސާވެއިލަންސް ސިސްޓަމުން ބުނޭ އިންޑިއާ އިން ބޮން އެޅުމުގެ ކުރިން 300 މޯބައިލް ފޯނު ބޭނުން ކުރި ކަމަށް. ދެން ހަމަލާގައި މަރުވީ ކިތައް މީހުންތޯ ބެލުމުގެ ބޭނުމެއް ނެތް،" އޭނާ ވިދާޅުވި އެވެ.
އެންޓީއާރްއޯ އަކީ އިންޑިއާގެ ބޮޑު ވަޒީރުގެ އޮފީހުގެ ސީދާ ބެލުމުގެ ދަށުން ހިންގާ ތަނެކެވެ.
އިންޑިއާގެ ޖެޓްތަކުން ފެބްރުއަރީ 26 ވަނަ ދުވަހު ބަލަކޮޓް ކޭމްޕަށް ދިން ހަމަލާގައި 300 މީހުން މަރުވި ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އިންޑިއާގެ ޖެޓްތަކުން 1،000 ކިލޯގެ ބޮން އެޅި ކަމަށް ވެސް ވަނީ ބުނެފަ އެވެ.
ހަމަލާގައި ޖައިޝީ މުހައްމަދުގެ މައި ކޭމްޕް ހަލާކުކޮށްލައި ގިނަ އަދަދެއްގެ ހަނގުރާމަވެރިން މަރާލި ކަމަށް އިންޑިއާ އިން ބުނި ނަމަވެސް ޕާކިސްތާނުން ބުނެފައި ވަނީ އެ ހަމަލާގައި ވެއްޓިފައި ވަނީ ގަސްތަކެއް އެކަނި ކަމަށެވެ. އެހެންވެ އެއީ ތިމާވެށީގެ ޓެރަރިޒަމްގެ އަމަލެއް ކަމަށް ބުނެ ޕާކިސްތާނުން ވަނީ އެ މައްސަލަ އދ. އަށް ގެންދަން ނިންމައިފަ އެވެ.
އިންޑިއާ އިން ވައިގެ ހަމަލާ ދިން ކަމަށް ބުނި ނަމަވެސް، ޕާކިސްތާނުގެ އިރުއުތުރުގައި ޖައިޝީ މުހައްމަދު ޖަމާއަތުން ހިންގާ ދީނީ ތައުލީމްދޭ މަދަރުސާތައް ހަލާކުނުވާ ކަމަށް އެމެރިކާގެ ސެން ފްރެންސިސްކޯގެ ޕްރައިވެޓް ސެޓެލައިޓް އޮޕަރޭޓަރެއް ކަމަށްވާ ޕްލެނެޓް ލެބުން މާޗް 4 ވަނަ ދުވަހު ނެގި ސެޓެލައިޓް ފޮޓޯތަކުން ވަނީ ދައްކައިފަ އެވެ.