ދުނިޔެ / ފަލަސްތީން

71 ދުވަހަށް ފަހު ފަލަސްތީނުގެ ގައިދީގެ ހައިހޫނުކަން ނިމުމަކަށް

ޝަރީއަތަކާ ނުލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީ ބިލާލް ކާއިދު މިނިވަން ކުރުމަށް ގޮވާލާ ފަލަސްތީނުގެ ބަޔަކު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

28 އޯގަސްޓް 2016 - 13:24

ގުދުސް (އޮގަސްޓް 28) - އެއްވެސް ޝަރީއަތަކާ ނުލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީ ބިލާލް ކާއިދު 71 ދުވަހަށް ފަހު ބަނޑުހައިހޫނުކަމުގެ ހަޅުތާލު ނިންމާލާފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.

ސުހާ ކާއިދު ބުނީ އޭނާގެ ބޭބެ ބިލާލްގެ ހައިހޫނުކަމުގެ ހަޅުތާލު ނިންމާލީ އޭނާ މިހާރު ބަންދުކޮށްފައި ހުރި ހަ މަސް ދުވަހުގެ މުއްދަތު އިތުރު ނުކުރަން އިޒްރޭލުގެ ކަމާބެހޭ ފަރާތްތަކުން ނިންމުމާ ގުޅިގެން ކަމަށެވެ.

"ބަނޑުހައިހޫނުކަމުގެ ހަޅުތާލު ބިލާލް ނިންމާލީ އޭނާ އިތުރަށް ބަންދުގައި ނުބެހެއްޓުމަށް އިޒްރޭލުން އެއްބަސްވުމުން،" ހުޅަނގު އައްސޭރީގެ ނާބްލްސްގައި ހުރެ އޭއެފްޕީއާ ވާހަކަ ދައްކަމުން ސުހާ ބުންޏެވެ.

ބިލާލުގެ ވަކީލް ފަރާހު ބަޔާދުސީ ވެސް ވަނީ ހައިހޫނުކަމުގެ ހަޅުތާލު ހުއްޓާލިކަން ޔަގީންކޮށްދީފަ އެވެ.

ޝަރީއަތަކާ ނުލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީ ބިލާލް ކާއިދު މިނިވަން ކުރުމަށް ގޮވާލާ ފަލަސްތީނުގެ ބަޔަކު މުޒާހަރާ ކުރުމުން އިޒްރޭލުން ބައެއް މީހުން ހައްޔަރު ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބިލާލް ދޫކޮށްލާ ގޮތަށް ކުރިން ހަމަޖެހިފައި އޮތީ ޖޫން މަހު 15 ގަ އެވެ. ފަލަސްތީނުގެ މިނިވަންކަމަށް ހިންގި ބައެއް ހަރަކާތްތަކާ ގުޅިގެން އުމުރުން މިހާރު 35 އަހަރުގެ ބިލާލް ވަނީ 14 އަހަރާއި ބައިގެ މުއްދަތަށް ޖަލަށްލައިފަ އެވެ. އޭނާގެ ހުކުމުގެ މުއްދަތު ވަނީ ހަމަވެފަ އެވެ. ނަމަވެސް އިޒްރޭލުން ބުނެފައި ވަނީ ބިލާލުގެ ޖަލު ހުކުމުގެ މުއްދަތު ހަމަވި ނަމަވެސް އިދާރީ ބަންދެއްގައި އޭނާ އިތުރަށް ބަހައްޓާނެ ކަމަށެވެ. އިދާރީ ބަންދުގައި ދައުވާ ކުރުމަކާ ނުލައި ހަ މަސް ދުވަހު ބަހައްޓަ އެވެ.

ބިލާލުގެ ހުކުމުގެ މުއްދަތު ހަމަވުމުން ވެސް އޭނާ ބަންދުކޮށްގެން ގެންގުޅޭ މައްސަލަ ވަނީ އިސްތިއުނާފްކޮށްފަ އެވެ. މި މައްސަލައިގެ އަޑު އެހުމެއް އިޒްރޭލުގެ ހައި ކޯޓުގައި ވަނީ އޮކްޓޯބަރު 5 ވަނަ ދުވަހަށް ތާވަލްކޮށްފަ އެވެ.

ބިލާލް ނިސްބަތްވާ ފަލަސްތީނުގެ ޕޮލިއުލާ ފްރަންޓް (ޕީއެފްއެލްޕީ) އަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. ޕީއެފްއެލްޕީގެ ތަރުޖަމާނަކު ބުނީ ކާއިދު މިނިވަން ކުރަން އިޒްރޭލުން އެއްބަސްވެފައި ވަނީ ޑިސެމްބަރު 2 ވަނަ ދުވަހު ކަމަށެވެ.

ޝަރީއަތަކާ ނުލައި އިޒްރޭލުން ބަންދުކޮށްފައިވާ ފަލަސްތީނުގެ ގައިދީ ބިލާލް ކާއިދު މިނިވަން ކުރުމަށް ގޮވާލާ ފަލަސްތީނުގެ ބަޔަކު މުޒާހަރާ ކުރަނީ. --ފޮޓޯ:އޭއެފްޕީ

ބިލާލް ކާއިދު މިނިވަން ކުރުމަށް ނޫނީ އޭނާ ދުކޮށްލުމަށް އެމްނެސްޓީ އިންޓަނޭޝަނަލް އިން އިޒްރޭލަށް ވަނީ ގޮވާލައިފި އެވެ. އަދި ކާއިދުގެ ސިއްހީ ހާލަތު ގޯސްވަމުންދާތީ ކަންބޮޑުވާ ކަމަށް އދ. އިން ވަނީ ބުނެފަ އެވެ.

ކާއިދު މިހާރު އޮތީ އޭނާގެ ފައިގައި ޗޭނު ޖަހާފައި އިޒްރޭލުގެ ހޮސްޕިޓަލެއްގެ އައިސީޔޫގަ އެވެ. ކާއިދުގެ ޗޭނު ނެއްޓުމަށް އިޒްރޭލުގެ ސްޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހެޅި ނަމަވެސް ސްޕްރީމް ކޯޓުން ވަނީ އެކަމަށް އިއުތިރާޒްކޮށްފަ އެވެ. ސްޕްރީމް ކޯޓުން ބުނެފައި ވަނީ ކާއިދުގެ މައްސަލަ ދަށު ކޯޓުގައި ހިނގަމުންދާތީ ސްޕްރީމް ކޯޓުން އެ މައްސަލައިގެ ތެރެއަށް ނުވަންނާނެ ކަމަށެވެ.

ދައުވާ ކުރުމަކާ ނުލައި އިޒްރޭލުން ގައިދީން ބަންދުކޮށްފައި ބައިތިއްބާތީ ފަލަސްތީނުގެ އިންސާނީ ހައްގުތަކާ ބެހޭ ޖަމާއަތްތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ވެސް ދަނީ ފާޑުކިޔަމުންނެވެ. އިޒްރޭލުގެ ޖަލުތަކުގައި ފަލަސްތީނުގެ 7،500 މީހުން ބަންދުކޮށްފައި އެބަތިއްބެވެ. މީގެ ތެރޭން 700 މީހުން ތިބީ އިދާރީ ބަންދުގަ އެވެ. މިއީ 2008 ވަނަ އަހަރުގެ ފަހުން މިހާ ގިނަ ބަޔަކު އިދާރީ ބަންދެއްގައި ތިބި ފުރަތަމަ ފަހަރެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454