ސްކޫލް ކުދިންނަށް ވިހައިގެ އަސަރު ފޯރީ ލޮރީއަކުން އުކާލި ވިހަ މާއްދާތަކެއް އެކުލެވޭ ކުނިތަކެއްގެ ސަބަބުން. --ފޮޓޯ:ބަރްނަމާ
14 މާޗް 2019 - 13:45
ކުއާލަ ލަމްޕޫރު (މާޗް 14) - ވިހަ މާއްދާތަކެއް އެކުލެވޭ ކުނިތަކެއް ކޯރަކަށް އުކާލައިގެނ އުފެދުނު ވިހަ ގޭހެއްގެ ސަބަބުން މެލޭޝިއާގެ 111 ސްކޫލެއް ބަންދުކޮށްފި އެވެ.
ދެކުނުގެ ޖޯހަރް ސްޓޭޓުގެ ކޯރަކަށް މިދިޔަ ހަފުތާގައި ލޮރީއަކުން އުކާލި ކުނިތަކުން އަރަމުންދާ ވިހަ ގޭހުގެ ސަބަބުން އެ ސަރަހައްދުގައި ހުންނަ ސްކޫލްތަކުގެ ކުދިން ހޮޑުލައި ބޮލުގައި ރިއްސަމުންދާ ކަމަށް އޮފިޝަލުން ވަނީ ބުނެފަ އެވެ. ވިހަ ގޭހަށް ނޭވާލައިގެން 500 އަށް ވުރެ ގިނަ މީހުންނަށް ވަނީ ފަރުވާ ދޭންޖެހިފަ އެވެ. މީގެ ތެރޭން ގިނައީ ކުޑަ ކުދިންނެވެ. އަދި 160 މީހަކަށް ވަނީ އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހިފަ އެވެ.
ޕާސިރް ގުޑާން ސިނާއީ ސަރަހައްދާ ކައިރިއަށް އުކާލާފައި ވަނީ ކޮން ބާވަތެއްގެ ވިހަ ކުނިބުންޏެއް ކަމެއް ނޭނގެ އެވެ.
އެޑިއުކޭޝަން މިނިސްޓަރު މަޒްލީ މާލިކް ފުރަތަމަ އެންގެވީ އެ ސަރަހައްދުގައިވާ 43 ސްކޫލެއް ބަންދު ކުރުމަށެވެ. ނަމަވެސް ފަހުން ވަނީ ބަންދުކުރި ސްކޫލްތަކުގެ އަދަދު އިތުރުކޮށްފަ އެވެ.
"ޕާސިރް ގުޑާން ސަރަހައްދުގައިވާ ހުރިހާ ސްކޫލެއް ބަންދު ކުރަން ފަހުން ވަނީ ނިންމާފައި. ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން އެންމެންނަށް ވެސް އިލްތިމާސް ކުރަން،" މާލިކް ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ވިހަ ކުނިބުނި އުކާލި މައްސަލާގައި ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. ތިމާވެށި ހިމާޔަތް ކުރުމާ ބެހޭ ގާނޫނާޚިލާފުވުމުގެ ކުށް އެ މީހުންގެ މައްޗަށް ސާބިތުވެއްޖެ ނަމަ ފަސް އަހަރަށް ޖަލަށްލާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހައްހައް
14 March 2019
ޖޯހަރް ސްޓޭޓޭ!!! ތިނަން ކިޔާ ސްޓޭޓެއް މެލޭޝިޔާ އަކު ނޯވޭ.
ބޭކާރު
15 March 2019
ރާއްޖޭ ރިޕޯޓަރުން ރިސާޗްހަދަން ބޭނުމެއް ނުވާނެ!