ދުނިޔެ / ކްރިސްޓްޗާޗް

ހަމަލާ ދިން ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް ހުޅުވައިފި

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް މިއަދު ހުޅުވުމާ އެކު ބައެއް މީހުން މިސްކިތަށް ވަންނަނީ. --ފޮޓޯ:އޭއެފްޕީ

ކްރައިސްޗާޗް (މާޗް 23) - ނިއު ޒީލެންޑުގެ ކްރައިސްޗާޗުގެ ދެ މިސްކިތަކަށް ހަމަލާ ދިންތާ ހަފުތާއެއްހާ ދުވަސް ފަހުން އަލް ނޫރް މިސްކިތް މިއަދު ހުޅުވައިފި އެވެ.

ހައްދުފަހަނަޅާފައިވާ ޓެރަރިސްޓަކު މި މަހު 15 ވަނަ ދުވަހު އަލް ނޫރް މިސްކިތާއި ލިންވުޑް މިސްކިތުގައި ދިން ހަމަލާގައި 50 މީހުން މަރުވި އެވެ. ދެ މިސްކިތް ވެސް ފުލުހުން ބަންދުކުރީ ތަހުގީގަށާއި މިސްކިތް މަރާމާތު ކުރުމަށެވެ.

މިސްކިތަށް ދިން ހަމަލާގައި ތިން އަހަރުގެ ދަރިފުޅު މަރުވި އާދެން ދިރިޔާ ބުނީ މިސްކިތުގައި އަނެއްކާވެސް ނަމާދު ކުރަން ލިބުނީތީ އުފާ ކުރާ ކަމަށެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް މިއަދު ހުޅުވިއިރު ހަތިޔާރާ އެކު ފުލުހުން ފޯރި މަރަނީ. --ފޮޓޯ:އޭއެފްޕީ

ކުށުގެ ވެށީގެ ތަހުގީގު ނިމުމާ އެކު އަލް ނޫރް މިސްކިތުގެ ފާރަށް ވަޒަން އަރާފައިވާ ތަންތަން ބެއްދުމަށް ފަހު ވަނީ ދަވާދު ލައިފަ އެވެ. އެ މިސްކިތް ހިންގަނީ އެ ސަރަހައްދުގެ މުސްލިމް ކޮމިއުނިޓީންނެވެ. މިސްކިތް ހުޅުވި ނަމަވެސް ފުލުހުން ދަނީ މިސްކިތް ހިމެނޭ ސަރަހައްދުގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.

މިސްކިތުގައި ހިލޭ ސާބަހަށް މަސައްކަތް ކުރާ މީހެއް ކަމަށްވާ ސައިދު ހަސަން އޭއެފްޕީ އަށް ބުނީ ބައެއް ކަންކަން ހަމަޖެހެންދެން މިހާރު ފުރުސަތު ދެނީ ފަހަރަކު 15 މީހުން މިސްކިތަށް ވަނުމަށް ކަމަށެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް ހުޅުވަންވާ އިރަށް މިސްކިތުގެ ބޭރުގައި ކިޔޫ ހަދާފައި. --ފޮޓޯ:އޭއެފްޕީ

އަލް ނޫރް މިސްކިތުގައި ފުރަތަމަ ނަމާދު ކުރި މީހުންގެ ތެރޭގައި ހިމެނޭ ވަހުރާ މުހައްމަދު ހުޒައިފް ބުނީ އޭނާ އަކީ މިސްކިތަށް ދިން ހަމަލާ އިން ސަލާމަތްވި މީހެއް ކަމަށެވެ. ނަމަވެސް އެ ހަމަލާގައި ވަނީ އޭނާއާ އެކު އެއް ކޮޓަރިއެއްގައި އުޅޭ ދެ ރަހުމަތްތެރިއަކު މަރުވެފަ އެވެ.

"އަހަންނަށް މިހާރު ވެސް އެ ވަޒަންތަކުގެ އިހްސާސް ކުރެވޭ. އަހަރެން ވެއްޓިފައި އޮތް އިރު، މީހުންގެ ހަށިގަނޑުން ފޭބި ލޭތައް ދިޔައީ އަހަރެންގެ ގައިދަށުން،" އިންޑިއާ އިން ހިޖުރަކޮށް ކްރައިސްޗާޗުގައި ސިވިލް އިންޖިނޭރެއްގެ ގޮތުގައި މަސައްކަތް ކުރާ ހުޒޭފް ބުންޏެވެ.

ކްރައިސްޗާޗުގެ އަލް ނޫރް މިސްކިތް މިއަދު ހުޅުވިއިރު ޖޯޑަންގެ ޕްރިންސް އަލް ހަސަން ބިން ތަލާލް މިސްކިތަށް ވަޑައިގެން ބައެއް މީހުންނާ ބައްދަލު ކުރައްވަނީ. --ފޮޓޯ:އޭއެފްޕީ

ފުލުހުން ބުނީ ލިންވުޑް މިސްކިތް ވެސް މުސްލިމް ކޮމިއުނިޓީއާ މިހާރު ހަވާލުކޮށްފައިވާ ކަމަށެވެ.

ކްރައިސްޗާޗުގެ ދެ މިސްކިތަށް ދިން ހަމަލާ އަކީ ނިއު ޒީލެންޑުގެ 4.5 މިލިއަން މީހުންނަށް ވެސް ލިބުނު ބޮޑު ޝޮކެކެވެ. އިއްޔެގެ ހުކުރު ނަމާދުގެ ބޮޑު ޖަމާއަތް މިސްކިތުގެ ބޭރުގައި ކުރި އިރު މުސްލިމް ނޫން އެތައް ބަޔަކު ވެސް އެ ޖަމާއަތަށް ހާޒިރުވެ އެކުވެރިކަން ވަނީ ދައްކުވައިދީފަ އެވެ. ހުކުރު ނަމާދުގެ ބަންގި އަށް ފަހު ވަނީ މުޅި ގައުމުގައި ދެ މިނިޓުގެ ސްކޫތެއް ގެނެސްފަ އެވެ.

0 ކޮމެންޓް, 24 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454