ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ. --ފޮޓޯ:އޭއެފްޕީ
01 އެޕްރީލް 2019 - 17:51
ކޮލަމްބޯ (އެޕްރީލް 1) - ސްރީ ލަންކާގައި މަރުގެ އަދަބު ދޭން ޖެހޭ ޑްރަގު ޑީލަރުންގެ ލިސްޓް މިހާރު ލިބިވަޑައިގެންފައިވާ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.
ސިރިސޭނާ ވިދާޅުވީ އެ ގައުމުގައި މަރުގެ އަދަބު ދޭން ފަށާއިރު އެ އެންމެންގެ މައްޗަށް ވެސް އަދަބު ތަންފީޒު ކުރާނެ ކަމަށެވެ. އެކަމަކު މަރުގެ އަދަބު ދޭން ފަށާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ.
"މަރުގެ އަދަބު ދޭން ފަށާނެ ދުވަހެއް ވަރަށް އަވަހަށް އިއުލާން ކުރާނަން،" ސިރިސޭނާ ވިދާޅުވި އެވެ.
ލަންކާގައި މަރުގެ ހުކުމް ތަންފީޒް ކުރަން ފަށަނީ 40 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ 1976 ވަނަ އަހަރު އެވެ.
މަރުގެ އަދަބު ތަންފީޒް ކުރަންވާ އިރަށް ލަންކާ އިން މިހާރު ވަނީ 79 ޖައްލާދުންނާ އިންޓަވިއުކޮށްފަ އެވެ. ކޮލަމްބޯގެ މައި ޖަލު ވެލިކަޑައިގައި ވަޒީފާ އަދާކުރަން ޖެހޭ އެ މަގާމަށް ހޮވާނީ ދެ މީހުންނެވެ.
ޖައްލާދުންގެ މަގާމަށް ހޮވޭ މީހުންނަށް މުސާރައިގެ ގޮތުގައި ދޭނީ މަހަކު 36،410 ރުޕީސް (208 ޑޮލަރު) އެވެ.
ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy