އަލިފާން ރޯވުމާ އެކު ބޮޑު ވަޒީރު އޮފީހުން މީހުން ވަނީ ހުސްކޮށްފައި.
08 އެޕްރީލް 2019 - 17:00
އިސްލާމްއާބާދު (އެޕްރީލް 8) - ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާންގެ އޮފީހުގައި މިއަދު ހިނގި އަލިފާނުގެ ހާދިސާއަކާ ގުޅިގެން އެ އޮފީހުން މީހުން ހުސްކޮށްފި އެވެ.
އަލިފާނުގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބެ އެވެ. އަލިފާން ރޯވީ ބޮޑު ވަޒީރުގެ އޮފީހުގެ ހަ ވަނަ ފްލޯގައި ހުންނަ ކެބިނެޓް ބްލޮކުގަ އެވެ.
ޖިއޯ ނިއުސް އިން ބުނީ އޮފީހުގައި އަލިފާން ރޯވި އިރު އިމްރާން ޚާން އިންނެވީ ފަސް ވަނަ ފްލޯގައި އެމެރިކާގެ ސެންޓްރަލް ކޮމާންޑުގެ ވެރިޔާ ޖެނެރަލް ކެނެތު އެފް. މެކެންޒީއާ އެކު ބައްދަލުވުމެއްގަ އެވެ. އަލިފާން ރޯވި ޚަބަރު ލިބިވަޑައިގަތުމާ އެކު އިމްރާން ޚާން ވަނީ އަލިފާން ނިއްވާ ސްކޮޑުގެ ބެލުމުގެ ދަށުން ހުރިހާ ސްޓާފުން ބޭރަށް ނެރުމަށް އަންގަވައިފަ އެވެ. އަދި އިމްރާން ޚާން އޮފީހުން ނުކުމެވަޑައިގަތީ ހުރިހާ ސްޓާފުން ރައްކާތެރިކަމާ އެކު ބޭރަށް ނެރުނުކަން ޔަގީން ކުރުމަށް ފަހު ކަމަށް ވެސް ޖިއޯ ނިއުސް އިން ބުނެފައިވެ އެވެ.
ބޮޑު ވަޒީރު އޮފީހުގެ ތަރުޖަމާނަކު ވިދާޅުވީ އަލިފާން ރޯވީ ކަރަންޓް ޝޯޓެއް ވެގެން ކަމަށެވެ. އަދި މާބޮޑު ގެއްލުމެއް ނުލިބެނީސް ފަޔާ ބްރިގޭޑުން އަލިފާން ނިއްވާލާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަބޭސް2050
09 April 2019
މިގައުމުގައިނަމަ އެންމެ ފުރަތަމަ ނުކުންނާނީ ވެރިމީހާ