ކުއާލަ ލަމްޕޫރު (އެޕްރީލް 16) - އީސްޓް ކޯސްޓް ރޭލް ލިންކް (އީސީއާރްއެލް) ގެ މަލްޓި-ބިލިއަން ޑޮލަރުގެ މަޝްރޫ އަލުން ފަށަން މެލޭޝިއާ ސަރުކާރުން ނިންމައިފި އެވެ.
ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާ މެލޭޝިއާގެ ކުރީގެ ސަރުކާރުން ހަވާލު ކުރި މަޝްރޫއު ހުއްޓާލަން ބޮޑު ވަޒީރު މަހާތިރު މުހައްމަދު ނިންމެވީ އެ މަޝްރޫއުގެ އަގު ބޮޑުވުމުންނެވެ. ނަމަވެސް ފަހުން މަޝްރޫއު އަލުން ފަށަން ނިންމީ އަގުގެ ތިންބައި ކުޅަ އެއްބައި ކުޑަކުރަން ސީސީސީސީ އިން އެއްބަސްވުމުންނެވެ.
ރޭލް ލިންކުގެ ފުރަތަމަ ދެ ފިޔަވަހީގެ 65.5 ބިލިއަން ރިންގިޓް (15.9 ބިލިއަން ޑޮލަރު) ގެ އަގު މިހާރު ވަނީ 10.6 ބިލިއަން ޑޮލަރަށް ކުޑަކޮށްފައި ކަމަށް މަހާތިރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
"އަގު ކުޑަކުރުމުން ފައިދާ ވަނީ މެލޭޝިއާ އަށް. ގައުމަށް މިހާރު ކުރިމަތިވެފައިވާ މާލީ ދަތިތަކަށް ލުޔެއް ލިބޭނެ،" ބޮޑު ވަޒީރުގެ އޮފީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
ގާތްގަނޑަކަށް 688 ކިލޯ މީޓަރުގެ ދިގު ރޭލްވޭ އިން ވެރިރަށް ކުއާލަ ލަމްޕޫރާއި އިރުމައްޗާއި އިރުއުތުރުގައިވާ ޓައުންތައް ގުޅާލާނެ އެވެ.
އެކަމަކު ފާޑުކިޔާ ފަރާތްތަކުން ބުނަނީ އެ މަޝްރޫއުން މެލޭޝިއާ އަށް ވުރެ ބޮޑަށް ފައިދާ ވަނީ ޗައިނާ އަށް ކަމަށެވެ. މެލޭޝިއާގެ އިރުމަތީގައި ޗައިނާ އިން ބަނދަރެއް ހަދާއިރު އީސްޓް ކޯސްޓް ރޭލް ލިންކަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ މުހިންމު ބަޔަކަށްވާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.