ކޮލަމްބޯ (އެޕްރީލް 28) - ސްރީ ލަންކާގައި މިދިޔަ އާދީއްތަ ދުވަހު ދިން ބޮމުގެ ހަމަލާތަކާ ގުޅިގެން ޝައްކުކުރެވޭ މީހުން ހޯދަން އެ ގައުމުގެ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަނގުރާމަވެރިން ކަމަށް ތުހުމަތު ކުރެވޭ ބަޔަކާ ދެމެދު ހިނގި ކުރިމަތިލުމެއްގައި މަރުވި 15 މީހުންގެ ތެރޭގައި ހާޝިމް ޒަހުރާންގެ ބައްޕަ އާއި ދެ ކޮއްކޮ ހިމެނޭކަން ޔަގީންވެއްޖެ އެވެ.
ބޮމުގެ ހަމަލާ ދިނުމުގައި އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ކަމަށް ބެލެވޭ ހާޝިމް ވަނީ ޝަންގްރިއްލާ އަށް ދިން ޖާނުންފިދާވުމުގެ ހަމަލާގައި މަރުވެފައި ކަމަށް ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ވިދާޅުވެފަ އެވެ.
މިދިޔަ ހުކުރު ދުވަހު ހަމަލާތައްް ބަދަލުކޮށްފައި ވަނީ އަމްޕަރާގެ ސަންތަމަރުތޫގަ އެވެ. ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ހަ ކުޑަކުދިންނާއި ތިން އަންހެނުން ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
އީސްޓާ ސަންޑޭގައި ލަންކާގައި ބޮން ގޮއްވީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ކަމަށް ބުނެ އެ މީހުން ނެރުނު ވީޑިއޯގައި ހާޝިމް، 40، ހުއްޓެވެ. އެ ވީޑިއޯގައި އިސްކޮށް ހުރީ ވެސް ހާޝިމް އެވެ. އައިއެސް އިން އާއްމުކުރި ފޮޓޯގައި މޫނު ނިވާނުކޮށް ހުރީ ވެސް ހާޝިމް އެކަންޏެވެ.
ލަންކާގެ ފައްޅިތަކާއި ހޮޓާތަކަށް ދިން ހަމަލާތަކުގައި ވަނީ 253 މީހުން މަރުވެފަ އެވެ.