ބެއިޖިން (ސެޕްޓެމްބަރު 3) - ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބްރިޖް ޗައިނާގައި އާއްމުންނަށް ހުޅުވާލިތާ ދެ ހަފުތާ ނުވަނީސް އެ ބްރިޖް ބަންދުކޮށްފި އެވެ.
ހުނާން ޕްރޮވިންސްގެ ދެ ފަރުބަދައިގެ މެދުގައި ހަދާފައިވާ 430 މީޓަރުގެ ދިގު ބްރިޖް ހުޅުވުމާ އެކު ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާނެ ކަމަށް ބެލެވިފަ އެވެ. އެކަމަކު ބްރިޖް ހުޅުވިތާ 13 ދުވަސް ފަހުން އިއްޔެ ބަންދުކުރީ ޗައިނާގެ އޮފިޝަލުން ވިދާޅުވާ ގޮތުގައި، އެ ސަރަހައްދުގެ ބޮޑު މަރާމާތުގެ މަސައްކަތެއް ކުރުމަށެވެ. ނަމަވެސް ޗައިނާގެ ތަރުޖަމާނަކާ ހަވާލާދީ ސީއެންއެން އިން ބުނީ ބްރިޖް ހުޅުވުމާ އެކު ވަނީ މާގިނަ މީހުން ޒިޔާރަތް ކުރަން ފަށައިފަ އެވެ. އަދި ބްރިޖް ބަންދުކުރީ ބިއްލޫރީގައި ރެނދުލައި ނުވަތަ ތަޅައިގެން ދިއުމުން ނޫން ކަމަށް ވެސް ތަރުޖަމާން ވިދާޅުވި އެވެ.
ބިމުން ފެށިގެން 300 މީޓަރު އުހުގައި ހަދާފައިވާ ބިއްލޫރި ބްރިޖް ހެދުމަށް ވަނީ 3.4 މިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ. މިދިޔަ ޑިސެމްބަރު މަހު މަސައްކަތް ނިންމި ބްރިޖް އޮގަސްޓް 21 ވަނަ ދުވަހު ހުޅުވި އިރު އެއީ ދުނިޔޭގެ އެންމެ ދިގު އަދި އެންމެ އުސް ބިއްލޫރި ބްރިޖެވެ. ބްރިޖުގެ ތިރީގައި ވަނީ އެތެރެ ފެންނަ ތިން ފަށަލައިގެ ބިއްލޫރި ޖަހައިފަ އެވެ.
ކޮންމެ ދުވަހަކު ވެސް ބްރިޖަށް ޒިޔާރަތް ކުރުމުގެ ހުއްދަ ދޭން ނިންމާފައި ވަނީ 8،000 މީހުންނަށެވެ. ނަމަވެސް ތަރުޖަމާނާ ހަވާލާދީ ސީއެންއެން އިން ބުނީ ކޮންމެ ދުވަހަކު ވެސް ބްރިޖަށް އަރަން މީގެ 10 ގުނަ މީހުން ބޭނުންވާ ކަމަށެވެ.
ހަ މީޓަރު ފުޅާ ބްރިޖް ޑިޒައިންކޮށްފައި ވަނީ އިޒްރޭލުގެ އާކިޓެކްޓެއް ކަމަށްވާ ހައިމް ދޯތަން އެވެ. އެ ބްރިޖުގެ އާކިޓެކްޗާ އާއި ބްރިޖުގެ މަސައްކަތަށް ބަލާއިރު މިހާރު ވެސް ވަނީ ދުނިޔޭގެ ރެކޯޑެއް ގާއިމްކޮށްފަ އެވެ.
ޗައިނާގެ ހުނާން ޕްރޮވިންސްގެ ބިއްލޫރު ބްރިޖް ރަސްމީކޮށް ހުޅުވި އިރު އެންމެންގެ ހިތުގައި ވެސް އެންމެ ބޮޑަށް ސުވާލު އުފެދެނީ ބްރިޖުގެ ސަލާމަތާއި ރައްކާތެރިކަމާ މެދު އެވެ. ބްރިޖުގެ ރައްކާތެރިކަން އާއްމުންނަށް ކަށަވަރުކޮށް ދިނުމުގެ ގޮތުން ކަމާބެހޭ އޮފިޝަލުން ވަނީ ވަރަށް ގިނަ ކަންކަން ކޮށްފަ އެވެ. މި އަހަރު ކުރީކޮޅު ވަނީ ބްރިޖުގެ ބިއްލޫރީގައި ބޮޑު މަރުތެލުން ތަޅާ އަދި މީހުން އަރާފައިވާ ކާރެއް ބްރިޖް މަތީގައި ދުއްވައިފަ އެވެ. ބްރިޖުގެ ބިއްލޫރީގައި މަރުތެލުން ތެޅުމަށް ބީބީސީގެ ރިޕޯޓަރަކަށް ވެސް ދައުވަތު ދީފައިވެ އެވެ.