ކަނޑުގެ އެންމެ އަޑި ބެލުމުގައި ވެސްކޯވޯ ވަނީ ހަތަރު ގަޑިއިރު ހޭދަކޮށްފައި. --ފޮޓޯ: އެޓްލާންޓިކް ޕްރޮޑަކްޝަންސް
14 މެއި 2019 - 14:52
ޕެސިފިކް (މެއި 14) - ދުނިޔޭގައި މިހާތަނަށް އެންމެ ފުނަށް ކުރި ޑައިވް އިން ވެސް އެމެރިކާގެ އެކްސްޕްލޯރާ ވިކްޓާ ވެސްކޯވޯ އަށް ޕްލާސްޓިކް ކޮތަޅު ފެނިއްޖެ އެވެ.
ކަަނޑުތަކުގެ އެންމެ ފުން ހިސާބު ކަމަށްވާ ޕެސިފިކް ކަނޑުގެ މެރިއާނާ ޓްރެންޗުގެ ސީބެޑަށް 11 ކިލޯ މީޓަރު (ހަތް މޭލު) އަޑި އަށް ކުޑަ ސަބްމެރިންއެއްގައި ވެސްކޯވޯ ކުރި ޑައިވްގައި އެކި ވައްތަރުގެ ސީކްރިއޭޗާސް އާއި ޕްލާސްޓިކް ކޮތަޅުގެ އިތުރުން މެޓާ ކަރުދާސް ވެސް ފެނިފައިވެ އެވެ.
މިއީ ކަނޑުތަކުގެ އެންމެ ފުން ހިސާބު ކަމަށްވާ މެރިއާނާ ޓްރެންޗަށް އިންސާނަކު ދިޔަ ތިން ވަނަ ފަހަރެވެ. މެރިއާނާ ޓްރެންޗަށް އެންމެ ފުރަތަމަ ޑައިވް ކުރީ 1960 ވަނަ އަހަރު އެމެރިކާގެ ނޭވީ ލެފްޓިނެންޓެއް ކަމަށްވާ ޑޮން ވޮޝް އާއި ސްވިޒަލެންޑުގެ އިންޖިނޭރެއް ކަމަށްވާ ޖެކްއިސް ޕިކާޑެވެ. އެ މީހުން ޑައިވް ކުރީ ޓްރިސްޓީ ކިޔާ ސަބްމެރިން ވެހިކަލެއްގަ އެވެ. އޭގެ ބައި ގަރުނު ފަހުން، 2012 ވަނަ އަހަރު ފިލްމު ޑައިރެކްޓަރު ޖޭމްސް ކެމަރޮން އެކަނި ވަނީ ކުޑަ ސަބްމެރިންއެއްގައި މެރިއާނާ ޓްރެންޗަށް ފީނައިފަ އެވެ.
ޑައިވަށް ފަހު ސަބްމެރިން ވަނީ މެއިން ވެސަލް އަށް ނަގާފައި. --ފޮޓޯ: ރީވް ޖޯލިފް
އެންމެ ފަހު ޑައިވްގައި ވެސްކޯވޯ ވަނީ ކަނޑުގެ 10،927 މީޓަރު (35،849 ފޫޓް) އަށް ޑައިވްކޮށްފަ އެވެ. އެހެންކަމުން 11 ކިލޯ މީޓަރަށް (އެންމެ ފުނަށް ފީނައި) ވެސްކޯވޯ ވަނީ ރެކޯޑް ގާއިމްކޮށްފަ އެވެ.
ވެސްކޯވޯގެ ޑައިވް ޕެސިކުން ބަލަމުން ދިޔަ ޑޮން ވޮޝް ބުނީ މެރީނާ ޓްރެންޗަށް ފީނާ އެހާ ބޮޑު ކާމިޔާބީއެއް ހޯދީތީ ވެސްކޯވޯ އާއި އޭނާގެ ޓީމަށް ސެލިއުޓް ކުރާ ކަމަށެވެ.
"މީގެ 60 އަހަރު ކުރިން އަޅުގަނޑާއި ޕިކާޑް ވަނީ ދުނިޔޭގެ ކަނޑުތަކުގެ އެންމެ އަޑިއަށް ދިއުމުގެ ޝަރަފް ހޯދާފައި،" އޭނާ ބުންޏެވެ.
މެރިއާނާ ޓްރެންޗަށް އެންމެ ފުރަތަމަ ޑައިވް ކުރި ޑޮން ވޮޝް (ވ) ވެސްކޯވޯ އަށް މަރުހަބާ ކިޔަނީ. --ފޮޓޯ: ރީވް ޖޯލިފް
ވެސްކޯވޯގެ ޑައިވްގައި އޭނާގެ ޓީމަށް ވަނީ ހަތަރު ބާވަތެއްގެ އާ ސްޕެޝީޒްތައް ފެނިފަ އެވެ.
ކޮންމެ އަހަރަކު ވެސް އެތައް މިލިއަން ޓަނެއްގެ ޕްލާސްޓިކް ކަނޑުތަކަށް އުކާލަ އެވެ. އެހެން ނަމަވެސް އެ ޕްލާސްޓިކަށް ވަނީ ކިހިނެއްކަމާ މެދު ހޯދިފައި ވަނީ ކުޑަ މިންވަރެކެވެ. ސައެންޓިސްޓުން މިހާރު ވަނީ އެ މީހުން ނެގި ކްރިއޭޗާސްތަކުގައި މައިކްރޯޕްލާސްޓިކް ހުރިތޯ ބަލަން ޓެސްޓް ކުރަން ނިންމައިފަ އެވެ.
ކަނޑުގެ އެންމެ ފުނަށް ކުރި ދަތުރުގައި ވަނީ ހަތަރު ބާވަތެއްގެ އާ ސްޕެޝީޒް ފެނިފައި. --ފޮޓޯ: އެޓްލާންޓިކް ޕްރޮޑަކްޝަންސް
ވެސްކޯވޯގެ ޑައިވް އަށް ޚަރަދު ކުރަނީ އެމެރިކާގެ އަމިއްލަ ކުންފުންޏަކުންނެވެ.
ޕެސިފިކުގެ މެރިއާނާ ޓްރެންޗުގެ އިތުރުން، ވޭތުވެދިޔަ ހަ މަސް ދުވަހު ތެރޭ ވެސްކޯވޯގެ ޓީމުން ވަނީ މުހިންމު ތިން ޑައިވެއް ކޮށްފަ އެވެ. އެއީ އެޓްލާންޓިކް އޯޝަންގެ ޕިއުޓޯ ރިކޯ ޓްރެންޗް (8،376 މީޓަރު/27،480 ފޫޓް)، ސަދަން އޯޝަންގެ ސައުތު ސޭންޑްވިޗް ޓްރެންޗް (7،433 މީޓަރު/ 24،388 ފޫޓް، އިންޑިއާ ކަނޑުގެ ޖާވާ ޓްރެންޗް (7،192 މީޓަރު/23،596 ފޫޓް) އެވެ. އެންމެ ފަހު ޗެލެންޖަކަށް އޮތީ އާކްޓިކް ކަނޑުގެ މޮލޮއި ޑީޕް އަށް ފީނުމެވެ. އެ ޑައިވް އޮންނާނީ މި އަހަރުގެ އޮގަސްޓް މަހު އެވެ.
އެންމެ ފަހު ޑައިވްގައި ވެސްކޯވޯ ވަނީ ކަނޑުގެ 10،927 މީޓަރު އަޑިއަށް ގޮސްފައި. --ފޮޓޯ: ޓަމަރާ ސްޓަބްސް
ވެސްކޯވޯގެ ޑައިވްގައި ބޭނުންކޮށްފައި ވަނީ އެމެރިކާގެ ކުންފުންޏެއް ކަމަށްވާ ޓްރިޓަން ސަބްމެރިން އިން އުފައްދާފައިވާ 4.6 މީޓަރު ދިގު އަދި 3.7 މީޓަރު އުސް ޑީއެސްވީ ލިމިޓިން ފެކްޓާ ކިޔާ ސަބްމެރިންއެކެވެ. ދެ މީހުންނަށް ތިބެވޭ އެ ސަބްމެރިންގެ ހަލް ހަދާފައި ވަނީ 9 ސެންޓި މީޓަރުގެ ބޯ ޓައިޓޭނިއަމް އިންނެވެ. އެ ސަބްމެރިންގައިި ކަނޑުގެ އެންމެ އަޑިން ޕްރެޝަރުގައި 1،000 ބާސް ހިފަހައްޓާލެވެ އެވެ. އެއީ 50 ޖަމްބޯ ޖެޓުގެ ބަރުދަނުން ފިއްތާލާ ބާރެވެ. ކަނޑު އަޑީގެ ޕްރެޝަރުގެ އިތުރުން އެ ސަބްމެރިން ކަނޑުގެ އަޑީގެ ކަނު އަނދިރީގައި އަދި ޒީރޯ ޓެމްޕަރޭޗަރުގައި އޮޕަރޭޓް ކުރެވެ އެވެ.
ސަބްމެރިން އުފައްދާފައި ވަނީ އެމެރިކާގެ ޓްރައިޓަން ކުންފުނީން. --ފޮޓޯ: ރީވް ޖޯލިފް
ވެސްކޯވޯގެ "ފައިވް ޑީޕްސް" ގެންދަނީ އެޓްލާންޓިކް ޕްރޮޑަކްޝަންސް އިން ޑިސްކަވަރީ ޗެނަލްގެ ޑޮކިއުމެންޓަރީއަކަށް ތައްޔާރު ކުރަމުންނެވެ. އެޓްލާންޓިކް ޕްރޮޓަކްޝަންސްގެ ކްރިއޭޓިވް ޑައިރެކްޓަރު އެންތަނީ ގެފެން ވިދާޅުވީ އެއީ ނަގަން މިހާތަނަށް އެންމެ އުނދަގޫ މަންޒަރުތައް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުރޭ
15 May 2019
އިންސާނުންވެސް އެނގިގެން ޕްލާސްޓިކެއް ނުކައި. އެކަމަކު ބަޔަކު ކުރި ތަހުލީލުން އެ ދިރާސާގައި ބައިވެރިވި މީހުންގެ ބޮޑުކަމުދާ ތަކެތިން މައިކްރޯ ޕްލާސްޓިކް ފެނިފައިވޭ. ޕްލާސްޓިކުން ސަލާމަތްވެފައި އޮތްތަނެއް މިހާރު ނެތްފަދަ.
މާހޯރަ
15 May 2019
ކަނޑުގެ އަޑިންތަ ފެނުނީ؟ ސާފު ކޮށްލަ ދީބަލަ.
ބޯނެއް ބުރުމާ
14 May 2019
ކަނޑުގެ އެންމެ އަޑިޔަށްނުދެވޭ ކޮންދޮގެއްހަދާކައް..!
އަނބިމީހާގެފިރިމީހާގެއަނބިމީހާ
14 May 2019
އެތަނަށް އަޅަންޏާ އެތާ ހުންނާންނު!