މިނުވަންގޮޑާގައި ހަލާކުކޮށްލާފައިވާ ފިހާރައެއްގެ ކައިރީ ސިފައިން ހަރަކާތްތެރި ވަނީ. --ފޮޓޯ:އޭއެފްޕީ
17 މެއި 2019 - 15:36
ކޮލަމްބޯ (މެއި 17) - ސްރީ ލަންކާގައި މުސްލިމުންނާ ދެކޮޅަށް ހަމަނުޖެހުން ހިންގާ އިރު ސިފައިން އަޅާނުލައި ތިބޭ ކަމަށް ބުނާ ވާހަކަތައް ދޮގުކޮށްފި އެވެ.
ސިފައިންގެ ވެރިޔާ މަހޭޝް ސެނަނަޔަކަ ވިދާޅުވީ އެންމެ ފަހުގެ ހަމަނުޖެހުންތަކުގައި ގެއަކަށް ހަމަލާ ދޭން ސިފައިން އިޝާރާތް ކުރާ ކަމަށް ބުނާ ސީސީޓީވީ ފުޓޭޖެއް އާއްމުކޮށްފައިވީ ނަމަވެސް އޭގައި ހަގީގަތެއް ނެތް ކަމަށާއި އެއީ ހަމަނުޖެހުމަށް ސިފައިން ހިތްވަރު ދިނުން ކަމަށް ނުބެލެވޭނެ ކަމަށެވެ.
"އެ ފުޓޭޖް ސިފައިން ވެސް ތަހުގީގުކޮށްފި އެކި އެންގަލްތަކުން. އެކަމަކު ހަމަނުޖެހުމަށް ސިފައިން ބާރުއަޅާ އެއްވެސް ކަމެއް އެއިން ފާހަގަކުރެވިފައެއް ނުވޭ،" ކޮލަމްބޯގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސެނަނަޔަކަ ވިދާޅުވި އެވެ. "ސިފައިންގެ ފަރާތުން ނުރަނގަޅު އެއްވެސް ކަމެއް ފެނިއްޖެ ނަމަ ވަގުތުން ފިޔަވަޅު އަޅާނެ."
އޭނާ ވިދާޅުވީ މުސްލިމުންނާ ދެކޮޅަށް ހަމަލާ ދިނުމުގައި މަސްތުވެފައި ތިބި ގިނަ އަދަދެއްގެ ޒުވާނުން ވެސް ބައިވެރިވެފައިވާ ކަމަށެވެ. އަދި ފަހުން ވާނީ ސިފައިންގެ އަދަދު އިތުރުކޮށް ހަމަނުޖެހުންތައް ކޮންޓްރޯލްކޮށްފައި ކަމަށް ސެނަނަޔަކަ ވިދާޅުވި އެވެ.
ހަމަނުޖެހުންތައް އެންމެ ބޮޑަށް ހިންގި ނޯތު-ވެސްޓަން ޕްރޮވިންސަށް ވަނީ އިތުރު 5،500 ފުލުހުން ނެރެފަ އެވެ.
ފުލުުހުންގެ ތަރުޖަމާން ރުވާން ގުނަސެކަރަ ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާތީ ރޭގަނޑު ކާފިއު ނުހިންގަން ސަރުކާރުން މިހާރު ނިންމާފައިވާ ކަމަށެވެ. ހަމަނުޖެހުންތަކާ ގުޅިގެން ލަންކާ އިން ވަނީ 112 މީހުން މިހާތަނަށް ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގިޓާ
19 May 2019
އަޅެ އެއްމެންވެސް ޞުލްހަވެގެން އުޅެން ވެއްޖެއްނު ބަޔަކު ކަމެއް ކުރާއިރަށް އެމީހެއްގެ ދީނަށް ނިސްބަތްކޮށް އެދީނަށް އުޅޭއެއްމެނަށް އަނިޔާ ކުރުރުން ހުއްޓާލަން ވެއްޖެއްނޫންތަ؟ އަހަންނަށް ހީވަނީ ވެރިންގެ ތެރޭގައި މޮޔައިން ގިނައީހެން
ޢަބްދުﷲނާފިޒް
18 May 2019
ހެޔޮ ދޮގުކުރިއަސް، އުމުރުން ދުވަސްވީ މުސްލިމު ފިރިހެނަކު ހަތަރެސް ފައިގަ ހިފައިގެން ވައްޓަމުން ދަމަމުން މަގުމަތީ ގެންދިޔައިރު އެއްކޮޅުގަ ހިފާފަހުރީ ފުލުހެއް، ކާރީގަވެސް ފުލުހުން އެނބުރޭތަން ފެނޭ، މީއަޅެ ދޮގެއްތަ....ސިފައިންނެއް ނޫން ދެއްތޮ، "ޕޮލިސް"
ބަބުރުލް ސަލީމް
17 May 2019
ސިފައިން ތަންކޮޅެއް ގަޓުވެގެން މިކަން ހުއްޓޭނީ.