ބާލީގެ ފްލައިޓް ދަތުރުތައް އަލުން ފަށައިފި

ބާލީގައި ފަރުބަދައެއް ގޮވުމުގެ ސަބަބުން ކެންސަލް ކުރި ފްލައިޓް ދަތުރުތައް އަލުން ފަށައިފި އެވެ.


ހުކުރު ދުވަހުގެ ރޭ ގޮވި މައުންޓް އަގުން ފަރުބަދައިގެ ދުމާއި އަޅި ދެ މޭލަށް ވަނީ ފެތުރިފަ އެވެ. ނަމަވެސް އެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވެ އެވެ.

މި ފަރުބަދަ ވަނީ 1963 ވަނަ އަހަރު ގޮވައިފަ އެވެ. އެ ހާދިސާގައި ހާހަކަށް ވުރެ ގިނަ މީހުން މަރުވި އެވެ.

ފަރުބަދަ އަލުން ގޮވަން އުޅޭ ކަމުގެ އަލާމާތްތައް 2017 ވަނަ އަހަރު ވަނީ ފެނިފައެވެ. އެއާއެކު އިންޑޮނީޝިއާގެ ޑިޒާސްޓާ އޭޖެންސީން ވަނީ އެ ސަރަހައްދުން މީހުން ހުސްކޮށްފަ އެވެ.

ފްލައިޓް ދަތުރުތައް އަލުން ފަށާފައި ވިޔަސް އެ ގައުމުގެ ސަރުކާރުން ވަނީ އެ ސަރަހައްދަށް ބާލީގެ ރައްޔިތުންނާއި ޓޫރިސްޓުން ނުދިއުމަށް އިލްތިމާސް ކޮށްފަ އެވެ.

ބާލީ އަކީ ޓޫރިސްޓުންގެ މަގުބޫލް މަންޒިލެކެވެ.