ތަދު ކަނޑުވާ ބޭހުގެ މައްސަލާގައި ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް ވަރުގަދަ ދައުވާއެއް

ސާބިތުވެއްޖެ ނަމަ އެތައް ބިލިއަން ޑޮލަރެއްގެ ބަދަލު ދޭންޖެހޭ ފަދަ ދައުވާއެއް އެމެރިކާގެ ސަރަހައްދީ ސަރުކާރަކުން ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް އުފުލައިފި އެވެ.


ބޭސް އުފައްދާ އެންމެ ބޮޑު ކުންފުނި ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް އޮކްލަހޯމާ ސްޓޭޓް ސަރުކާރުން ދައުވާކުރީ ތަދުކަނޑުވާ ބޭސް އިސްތިހާރު ކުރުމުގައި އެ ކުންފުނިން އޮޅުވާލައި، އެކަމުގެ ސަބަބުން އާއްމު ސިއްހަތަށް ބޮޑު ގެއްލުމެއް ދީފައިވާ ކަަމަށް ތުހުމަތު ކޮށްފަ އެވެ. ތަދުކަނޑުވާ ބޭހުގައި އެކުލެވިގެންވާ ދެވިހިފާ މާއްދާއެއް ކަަމަށްވާ އޮޕިއޮއިޑްގެ ނުރައްކަލުގެ މައުލޫމާތު ކަސްޓަމަރުން ނުދީ ސިއްހީ ބޮޑު ވަބާއެއް އެކަމުގެ ސަބަބުން އުފެދުނު ކަމުގެ ޒިންމާ ނަގަން ޖެހޭނެ ކަމަށް ދައުވާގައި ބުނެފައިވެ އެވެ.

އޮކްލަހޯމާ ސްޓޭޓްގެ ދައުވާ އަށް އިންކާރުކޮށް، ޖޯންސަން އެންޑް ޖޯންސަން އިން ބުނީ އެ ކުންފުނީގެ އުފެއްދުންތައް އިޝްތިހާރުކޮށްފައި ވާނީ ޒިންމާދާރުކަމާ އެކުގައި ކަމަށެވެ.

ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް އުފުލި މި ދައުވާ އަކީ ބޭސް އުފައްދާ ކުންފުނިތަކާ ދެކޮޅަށް އޮކްލަހޯމާ ސްޓޭޓުން ކޯޓަށް ހުށަހަޅަން ނިންމާފައިވާ 2000 ދައުވާގެ ތެރެއިން ފުރަތަމަ ދައުވާ އެވެ.

އެމެރިކާގެ އާއްމު ސިއްހަތާ ބެހޭ އިދާރާ ސެންޓަ ފޯ ޑިސީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެކަށީގެންނުވާހާ ގިނައިން އޮޕިއޮއިޑް ބޭނުން ކުރެވުމުގެ ސަބަބުން އެގައުމުގައި ދުވާލަކު 130 މީހުން މަރުވެ އެވެ. އެފަދަ މައްސަލަތަކުގައި 2017 ވަނަ އަހަރު މަރުވި 70،200 މީހުންގެ 68 ޕަސެންޓް މީހުންނަށް މައްސަލަ ދިމާވީ ޑޮކްޓަރުން ލިޔެދިން ބޭހުގައި އެކުލެވުނު ނުވަތަ ނުގަވައިދުން ބޭނުން ކުރި އޮޕިއޮއިޑްގެ ސަބަބުންނެވެ.

ޖޯންސަންއާ ދެކޮޅަށް ދައުވާކުރި މައިގަނޑު ސަބަބަކީ އެ ކުންފުނިން އުފައްދާ ބޭހުގެ ބާވަތެއް ކަމަށްވާ "ފެންޓަނީލް ޕެޗް" އެވެ. ވަރުގަދަ ތަދުތައް ތަހައްމަލުކުރާ މީހުންނަށް ދޭ އެ ބޭހުގައި ހިމެނޭ ފެންޓަނީލް ނަމަކަށް ކިޔާ މާއްދާ އަކީ ހަށިގަނޑުން ތަދު ތަހައްމަލުކުރާ ގޮތް ބަދަލުކޮށްލާ މާއްދާ އެކެވެ. އެއީ ހެރޮއިންއާއި ކޮކެއިން ފަދަ ބާވަތްތަކާ އެއްކޮށްގެން މަސްތުވުމަށް ވެސް މީހުން ބޭނުންކުރާ ބާވަތެކެވެ.

ނޯމަން ސިޓީ ކޯޓުގައި ޖޯންސަންއާ ދެކޮޅަށް އުފުލި ދައުވާ އިއްވަމުން އޮކްލަހޯމާ ސްޓޭޓްގެ ވަކީލުން ދެއްވި ބަޔާނުގައި ވިދާޅުވީ ޖޯންސަން އެންޑް ޖޯންސަން އާއި ޕިއުޑީ ފާމާ އަދި އިޒްރޭލުގެ ޓީވާ ފާމަކިއުޓިކަލްސް އިން އުފައްދާ އޮކްސިކޮންޓިން ނަމަކަށް ކިޔާ ތަދުކަނޑުވާ ބޭސް، މީހުންނަށް އޮޅޭ ގޮތަށް އިޝްތިހާރު ކުރުމުން 1990ގެ އަހަރުތަކުގައި ޑޮކްޓަރުންނަށް މާގިނައިން އޮޕިއޮއިޑް އެކުލެވޭ ގޮތަށް ބޭސް ލިޔެދެވުނު ކަމަށެވެ.

"ޖޯންސަން އެންޑް ޖޯސަން އިން މިކަން ކޮށްފައިވާ ގޮތަކީ ތަދުކަނޑުވަން ކޮންމެ ދުވަހަކު ބޭނުން ކުރަން ވެސް ރައްކާތެރި އެއްޗެއްގެ ގޮތުގައި އޮޕިއޮއިޑް އިޝްތިހާރުކުރުން، އަދި އޭގައި އެކުލެވޭ ދެވިހިފުމުގެ އަސަރުގެ ވާހަކަ ނުދެއްކުން އަދި އެގޮތުން އެކަށީގެން ނުވާހާ ގިނައިން ބޭސް ސަޕްލައި ކުރެވޭނެ ގޮތް ހެދުން،" އޮކްލަހޯމާ ސްޓޭޓްގެ ވަކީލު ބްރެޑް ބެކްވޯތު ކޯޓުގައި ވިދާޅުވި އެވެ.

"އެކަށީގެން ނުވާ ވަރަށް ބޭސް ލިބި ދެވޭ ނަމަ މީހުން މަރުވާނެ،" އޭނާ ވިދާޅުވި އެވެެ.

އެތައް ބިލިއަން ޑޮލަރެއްގެ ބަދަލު ދޭން ޖެހޭ

އޮކްލަހޯމާ ސްޓޭޓުން ޖޯންސަން އެންޑް ޖޯންސަންއާ ދެކޮޅަށް އުފުލި ދައުވާގައި ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެ ސްޓޭޓްގެ އާއްމުންނަށް ދިން ގެއްލުމަށް ބަދަލު ދޭ ނަމަ ކުރިއަށް އޮތް 20 ނުވަތަ 30 އަަހަރުގެ ތެރޭގައި ކޮންމެ އަހަރަކު 12.7 ބިލިއަން ޑޮލަރާއި 17.5 ބިލއަން ޑޮލަރާ ދެމެދުގެ އަދަދެއް ހަރަދު ކުރަން ޖެހޭނެ އެވެ.

އެކަމަކު ޖޯންސަން އެންޑް ޖޯންސަން އިން ބުނީ މިއީ އާއްމުންނަށް ގެއްލުން ދިނުން މަނާކުރާ ގާނޫނުން އަމަލުކުރެވޭނެ ހާލަތެއް ނޫން ކަމަށެވެ.

މައްސަލައިގައި ޝާމިލްވާ އަނެއް ދެ ކުންފުނީގެ ވަކިވަކި ދެ މައްސަލައެއް ކުރިން ވަނީ ކޯޓުން ބޭރުގައި ނިމިފަ އެވެ. އެގޮތުން ޕިއުޑީ ފާމާ އިން ވަނީ އޮކްލަހޯމާ ސްޓޭޓަށް 270 މިލިއަން ޑޮލަރު ދޭން އެއްބަސްވެފަ އެވެ. އަދި ޓީވާ ފާމަކިއުޓިކަލްސް އިން ވަނީ 85 މިލިއަން ޑޮލަރު ދައްކަން އެއްބަސް ވެފަ އެވެ.