ރޮބާޓް މުލާ އިއްޔެ ނޫސްވެރިންނާ ވާހަކަ ދައްކަަވަނީ. -- ފޮޓޯ: އޭޕީ
30 މެއި 2019 - 11:19
ޑޮނަލްޑް ޓްރަމްޕް 2016 ވަނަ އަހަރު އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމުގައި ރަޝިޔާގެ ނުފޫޒު ބޭނުންކުރެއްވި ކަމުގެ ތުހުމަތުގެ ތަހުގީގަށް ޓްރަމްޕު ހުރަސް ނާޅުއްވާކަން ކަށަވަރުވި ނަމަ ތަހުގީގު ރިޕޯޓްގައި އެ ވާހަކަ ލިޔުއްވީސް ކަމަށް އެ ތަހުގީގުގައި އިސްކޮށް ހުންނެވި ރޮބަޓް އެސް މުލާ ވިދާޅުވެއްޖެ އެވެ.
އެފްބީއައިގެ ކުރީގެ ޑިރެކްޓަރު އަދި އެމެރިކާ ސަރުކާރުުގެ ސްޕެޝަލް ކައުންސުލް، އޭނާގެ ދެ އަހަރު ދުވަހުގެ ތަހުގީގާ ބެހޭ ގޮތުން ފުރަތަމަ ފަހަރަށް ވާހަކަ ދެއްކެވި އިރު ޓްރަމްޕަށް ކުރެވުނު ތުހުމަތުން ބަރިއްޔަވާނެ ވާހަކައެއް ވިދާޅެއް ނުވެ އެވެ.
"ރައީސް ކުށެއް ނުކުރައްވާ ކަމުގެ ޔަގީންކަން ލިބުނު ނަމަ އަޅުގަނޑުމެން ރިޕޯޓްގައި އެ ވާހަކަ އޮންނާނެ،" މައްސަލަތަކާ ބެހޭ ގޮތުން އާންމުކޮށް ވާހަކަ ނުދައްކަވާ މުލާ، ޖަސްޓިސް ޑިޕާޓްމަންޓުގައި ދެއްވި ކުރު ނިއުސް ބްރީފިންގައި ވިދާޅުވި އެވެ.
މުލާ ވަނީ ޖަސްޓިސް ޑިޕާޓްމަންޓުގެ އުސޫލު އޮންނަ ގޮތުން ވެރިކަމުގައި ހުންނަވަނިކޮށް ރައީސަކާ ދެކޮޅަށް ޖިނާއީ ދައުވާއެއް ނުކުރެވޭނެކަން ފާހަގަކުރައްވައިފަ އެވެ. ނަމަވެސް ރައީސަކު ކުށެއް ކުރައްވައިފި ނަމަ ފިޔަވަޅު އެޅޭނެ އެހެން ގޮތްތައް ހުންނާނެ ކަމަށް ވިދާޅުވި އެވެ. މިއީ ރައީސް އިމްޕީޗްކޮށް މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމުގެ ބާރު ކޮންގްރެސް އަށް އޮތްކަމުގެ އިޝާރާތެކެވެ.
މި ޕްރެސް ކޮންފަރެންސަށް 10 މިނެޓް ވެސް ހޭދަ ނުވެ އެވެ. ނަމަވެސް ތަހުގީގީ އިދާރާއެއްގެ އިސް ބޭފުޅަކު، ރައީސްގެ އަމަލުތައް ތަހުގީގުކުރަންޖެހޭ ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ޓްރަމްޕާ ދެކޮޅަށް ކުރީ ކުރަންޖެހޭ ތަހުގީގެއް ކަމަށާއި އެކަމަކު ދައުވާކުރެވޭނެ ގޮތެއް ނެތް ކަމަށް މުލާ ވިދާޅުވި އެވެ. މި ވާހަކަަތަކާ އެކު މުލާ ވިދާޅުވީ ތަހުގީގު ނިމުމާ އެކު ކައުންސުލްގެ މަގާމުން އޭނާ މިހާ ހިސާބުން ވަކިވީ ކަމަށާއި ތަހުގީގާ ބެހޭ ގޮތުން އެއީ އޭނާ ދައްކަވާނެ އެންމެ ފަހުގެ ވާހަކަތައް ކަމަށެވެ. އަދި ވިދާޅުވީ ޖަސްޓިސް ޑިޕާޓްމަންޓުން ވެސް އިސްތިއުފާ ދެއްވާފައިވާ ކަމަށާއި ދެން އޭނާ އެނބުރިވަޑައިގަންނަވާނީ އަމިއްލަ ދިރިއުޅުމަށް ކަމަށެވެ.
ތަހުގީގުގައި ހޭދަވި ދެ އަހަރު ތެރޭގައި، އެކަމާ ބެހޭ ގޮތުން މުލާ އާންމު ތަނެއްގައި އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ. ނޫސްވެރިންނާ ބައްދަލުކުރެއްވީ ތަހުގީގު ފުރިހަމަވުމުން ކަމަށް އޭނާ ޕްރެސް ކޮންފަރެންސްގައި ވިދާޅުވި އެވެ. އަދި ޕްރެސް ކޮންފަރެންސް އަވަހަށް ނިންމަވާލައްވައި ވަރަށް އަަވަހަށް އެތަނުން ވަޑައިގަތެވެ. މުލާގެ ތަހުގީގުގައި ބަލާފައި ވަނީ ޓްރަމްޕުގެ ރިޔާސީ ކެމްޕޭނާއި އެ ކެމްޕޭނުގައި އުޅުނު މީހުންނާ ރަޝިޔާ ސަރުކާރާ ގުޅިގެން އިންތިހާބަށް ނުފޫޒު ފޯރުވަން މަސައްކަތްކުރިތޯ އެވެ.
އިދިކޮޅު ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ބޭފުޅުން، މުލާގެ މި ވާހަަކަތަކާ އެކު ވަނީ ޓްރަމްޕް މަގާމުން ވަކިކުރުމުގެ މަސައްކަތް ފެށުމަށް، ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ހައުސް އޮފް ރެޕްރެެޒެންޓެޓިވްސްގެ ރައީސް ނެންސީ ޕެލޯސީ އަށް ބާރު އަޅަން ފައްޓަވައިފަ އެވެ. ނަމަވެސް ޕެލޯސީ ވިދާޅުވަނީ އިމްޕީޗްކުރަން އުޅެފި ނަމަ އެކަމުގެ ކޮންޓްރޯލް ލިބޭނީ ޓްރަމްޕަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
30 May 2019
ފައްކާ ޑިމޮކްރަސީއެކެވެ. ރައީސްކަން ދޫކޮށް ރިޓަޔަރ ވާފަހުން މައްސަލަ ބަލާ ގޮތެއް ނިންމަ ފާނެއެވެ. ކުށް ކުރިއަސް އަދަބެއް ދެވޭކަށް ނެތެވެ.
ބަގުޑި
30 May 2019
ކުށެއް ކުރިއޭ ވިދާޅުވާން ނުކެރުނީ ތޯއެވެ؟
ޔާމީނު
30 May 2019
އިންޑިއާގެ އެހީގައި އިންތިޚާބު ކާމިޔާބު ކުރުމަކީ މައްސަލައެއް ނޫން ތޯއެވެ؟