ޑީ-ޑޭއަށް 75 އަހަރު: އަސްކަރީ އެންމެ ވަރުގަދަ އެއް އޮޕަރޭޝަން

ޖޫން 6، 1944 ގައި، ފްރާންސްގެ ނޯމަންޑީއަށް، ގުޅިފައިވާ ލަސްކަރުގެ 160،000 ސިފައިން ކަނޑު މަގުން ގޮސް އަރައިގަތުމަކީ މިހާތަނަށް ވެސް ފެނުނު އެންމެ ވަރުގަދަ އެއް އޮޕަރޭޝަނެވެ. މިއަދަކީ ޖަރުމަނުގެ ނާޒީންގެ އަނިޔާވެރިކަމުން ހުޅަނގު ޔޫރަޕް މިނިވަންކުރުމުގެ މައިގަނޑު އޮޕަރޭޝަންގެ 75 ވަނަ އަހަރީ ދުވަހެވެ.


ދެ ވަނަ ބޮޑު ހަނގުރާމައިގައި ގުޅިފައިވާ ލަސްކަރުގައި ހިމެނޭ ގައުމުތަކުން މިއަދު އެ ދުވަސް، ސިޔާސީ ވެރިންގެ އެއްވުންތަކުން ގެންދަނީ ފާހަގަކުރަމުންނެވެ. އެކަމަކު 75 އަހަރު ވީ އިރު ވެސް އެ އޮޕަރޭޝަންގެ މަޝްހޫރު ނަން "ޑީ-ޑޭ" އާ މެދު އޮތް އޮޅުންއެރުން ފިލައިގެން ނުދެ އެވެ. އެ އޮޅުން ނެތީ ގުޅިފައިވާ ލަސްކަސފރުގެ އިސް ކޮމާންޑަރު ޖެނެރަލް ޑްވައިޓް އެއިޒެންހަވާއަށް އެކަނި ކަމަށް ވެދާނެ އެވެ.

ނަމާ މެދު އެންމެ އާންމުކޮށް ގަބޫލުކުރެވޭ އެއްޗަކީ "ޑީ" ނިސްބަތް ވަނީ އިނގިރޭސި ބަހުން ކިޔާ "ޑޭ" އަށް ކަމެވެ.

"އެއިން ބޮޑަށް އަންގައިދެނީ ލަސްކަރު އަރިގަންނަން އޮތް ދުވަހަށް، އެކަމާ ބެހޭ ހުރިހާ ތާވަލެއް އެ ދުވަހަށް ހާއްސަކޮށްގެން ކުރިއަށް ގެންދިއުމުގެ މުހިންމުކަން،" ކެއިތު ހޫޒެން، ދެ ވަނަ ބޮޑު ހަނގުރާމައާ ބެހޭ ހާއްސަ ދާރުލްއާސާރުގެ ސީނިއަ ޑައިރެކްޓަ އޮފް ރިސާޗު، ވިދާޅުވި އެވެ.

ގުޅިފައިވާ ލަސްކަރުގެ ސިފައިން، ހާއްސަ އުޅަނދެއްގައި ނޯމެންޑީގެ ބީޗާ ދިމާއަށް ދަނީ: މިއީ ހަނގުރާމައިގެ މުހިންމު ހަމަލާއެއް

ޑީ-ޑޭ ގޮތަށް އެދުވަހަށް ހާއްސަކޮށްގެން "އެޗު-އަވާ" ވެސް ބޭނުންކުރެ އެވެ. އެކަމަކު ދުވަހަށް ނިސްބަތްކުރުމުގެ ބަދަލުގައި "އެޗު-އަވާ" ރައްދުވަނީ ނޯމެންޑީގެ ގޮނޑުދޮށަށް ލަސްކަރުގެ ފުރަތަމަ ސިފައިން އެރި ގަޑިއަށެވެ. އެއީ ޖޫން 6، 1944 ގެ ހެނދުނު 0630 އެވެ.

އެމެރިކާ ބައިވެރިވި ހަނގުރާމަތަކުގައި ބޭނުންކުރި ތަފާތު ބަސްތަކާ ބެހޭ ގޮތުން ފޮތެއް ލިއުނު އެއް ލިޔުންތެރިޔަކީ ޕޯލް ޑިކްސަން އެވެ. އޭނާ ވަނީ ޑީ-ޑޭއާ ބެހޭ ގޮތުން ވެސް ދިރާސާތަކެއް ކޮށްފަ އެވެ. އޭނާގެ ނިންމުން އަންނަނީ، އެ ބޮޑު އޮޕަރޭޝަނާ ގުޅިގެން ކުރިއަށް ދިޔަ ބައެއް ކަންކަމުގައި ބޭނުންކުރި ހާއްސަ ނަންނަމަށެވެ.

ޑީ-ޑޭއާ ގުޅިފައިވާ ބައެއް މައުލޫމާތު

- ޖަރުމަނުގެ އަތުން ހުޅަނގު ޔޫރަޕް މިނިވަންކުރަން އެއްގަމު މަގުން ފެށި ވަރުގަދަ ހަމަލާ

- ގުޅިފައިވާ ލަސްކަރު އެރީ ފްރާންސްގެ ނޯމެންޑީގެ ގޮނޑުދޮށުގެ ފަސް ސަރަހައްދަކުން

- ކަނޑު މަގުން 160،000 އަށް ވުރެ ގިނަ ސިފައިން އެރި

- ރާޅުތައް ބޮޑެތި ހިސާބަކަށް ވާތީ ލޭންޑިން ކްރާފްޓްތައް ވެސް ހެދީ ހާއްސަ ގޮތަކަށް

- ޖަރުމަނަށް އޮޅުވާލުމުގެ ގޮތުން އެހެން ހިސާބަކުން އަރައިގަތުމުގެ ތައްޔާރީތަކެއް ވެސް ހިންގި

- އެ ހަމަލާއަށް ހާއްސަކޮށްގެން ވަކި ޓޭންކްތަކެއް ވެސް ހެދި

- ނޯމެންޑީގެ މުޅި އޮޕަރޭޝަންގައި މަރުވި، އަނިޔާވި އަދި ވީނުވީއެއް ނޭނގި ގެއްލުނު މީހުންގެ އަދަދު އުޅެނީ ގުޅިފައިވާ ލަސްކަރާއި ޖަރުމަނު ސިފައިން އެއްކޮށްލައިގެން 425،000 ގައި.

ފްރާންސްގެ ގިނަ މީހުން ގަބޫލުކުރަނީ "ޑީ" ނިސްބަތް ވަނީ "ޑިސްއެމްބާކޭޝަން"ގެ ލަފުޒަށް ކަމެވެ.

ދެ ވަނަ ބޮޑު ހަނގުރާމަ ކުރިމަތިވެ، ލަސްކަރެއް ހަދަން ޖެހޭނެ ކަމަށް ވިސްނިގެން 1940 ގައި ތައްޔާރުކުރި ފުރަތަމަ ޕްލޭންގައި "އެމް-ޑޭ" ކިޔާ ބަހެއް ބޭނުންކުރި އެވެ. ޑިކްސަން ވިދާޅުވި ގޮތުގައި "އެމް" ނިސްބަތްވަނީ "މޮބިލައިޒޭޝަން" އަށެވެ.

ހަމަ އެދުވަސްވަރު އެމެރިކާގައި އުމުރުން 21-35 އަހަރުގެ ހުރިހާ ފިރިހެނުން ރެޖިސްޓްރީކުރަން ނިންމި އެވެ. ރަޖިސްޓްރީކުރުމުގެ ދުވަހެއްގެ ގޮތުގައި ހަމަޖެއްސީ އޮކްޓޯބަރު 16، 1940 އެވެ. އެ ދުވަހަށް ނިސްބަތްކޮށް ކިޔަމުން އައީ "އާރު-ޑޭ" އެވެ. "އާރު" އަކީ ރެޖިސްޓްރޭޝަންގެ ކުރު އަކުރަށް ބަލައިގެންނެވެ.

ޑީ-ޑޭގެ އޮޕަރޭޝަނަށް ނޯމެންޑީގެ ބީޗަށް ގުޅިފައިވާ ލަސްކަރުގެ ސިފައިން އަރަނީ

މި ކަންކަމަށް ވިސްނެވުމަށް ފަހު ޑިކްސަން ގަބޫލުކުރައްވަނީ "ޑީ-ޑޭ" ގެ ފުރަތަމަ "ޑީ" ނިސްބަތްވަނީ ޑިސްއެމްބާކޭޝަންއަށް ކަމަށެވެ.

ކޮންމެ ކަހަލަ ލަފުޒަކަށް "ޑީ" ނިސްބަތް ވިޔަސް، ދެ ވަނަ ބޮޑު ހަނގުރާމަޔަށް ބަލާއިރު ކަނޑު މަގުން ގޮސް އަރައިގަތުމުގެ އެހެން ވެސް ބޮޑެތި އޮޕަރޭޝަންތަކެއް ހިނގި އެވެ. އޭގެ ތެރޭގައި 1942 ގައި މޮރޮކޯ އާއި އުތުރު އެފްރިކާގެ ގޮނޑުދޮށްތަކަށް ގުޅިފައިވާ ލަސްކަރުގެ ސިފައިން އެރުމާއި 1943 ގައި އިޓަލީގެ ސިސިލީގެ މޫދުން އެއްގަމަށް، ގުޅިފައިވާ ލަސްކަރުގެ ސިފައިން އަރައި، އިޓަލީ ތެރެއަށް ބެހިގެން ދިޔަދިއުން ހިމެނެ އެވެ. އެހެންކަމުން ތާރީޚީ ބައެއް އިލްމުވެރިން ބުނަނީ ހަނގުރާމައިގެ ތެރޭގައި އެތައް ބައިވަރު "ޑީ-ޑޭ" އެއް ތަޖުރިބާކުރި އެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ ޑީ-ޑޭއޭ ބުނުމުން އަހަރެމެން އެންމެން އެ ދުވަސް ނިސްބަތްކުރަނީ ޖޫން 6، 1944 އަށް ހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ އެއީ ގުޅިފައިވާ ލަސްކަރުގެ އެތައް ހާސް ސިފައިން، ގަދަ ކަނޑާއި ވައިގެ ތެރޭގައި ނޯމެންޑީގެ ގޮނޑުދޮށަށް ފޭބި ދުވަހެވެ. ނާޒީ ޖަރުމަނުގެ ކޮންޓްރޯލް ނައްތާލުމުގެ މައިގަނޑު ފެށުމަކީ އެއީ އެވެ.