ބޮމުގެ ހަމަލާ އަށް ފަހު ލަންކާގައި ފުލުހުން ސަލާމަތީ ކަންކަން ބަލަހައްޓަނީ. --ފޮޓޯ:އޭއެފްޕީ
21 ޖޫން 2019 - 12:37
ކޮލަމްބޯ (ޖޫން 20) - ސްރީ ލަންކާގައި ދިން ބޮމުގެ ހަމަލާތަކުގެ މައުލޫމާތު ކުރިން އެނގި ފިޔަވަޅު ނޭޅި ފުލުހުންގެ ސީނިއާ އޮފިސަރުންނަށް ދައުވާ ކުރަން ނިންމައިފި އެވެ.
އެޕްރީލް 21 ވަނަ ދުވަހު ދިން ހަމަލާ އަށް އިހުމާލުވި ނުވަ އޮފިސަރެއްގެ މައްޗަށް ވަނީ ޖިނާއީ ދައުވާ ކުރާ ގޮތަށް ނިންމައިފަ އެވެ. މި ނުވަ މީހުންނަކީ ވެސް ހަމަލާ ދިން ޑިސްޓްރިކްޓްތަކުގެ ސީނިއާ އޮފިސަރުންނެވެ. ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް ދިން ބޮމުގެ ހަމަލާތަކުގައި ވަނީ 258 މީހުން މަރުވެފަ އެވެ. މީގެ ތެރޭން 45 މީހުންނަކީ ބިދޭސީންނެވެ. ބޮމުގެ ހަމަލާތަކުގައި ވަނީ 500 އަށް ވުރެ ގިނަ މީހުން ޒަޚަމްވެފަ އެވެ.
ލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފައި ވަނީ އީސްޓާ ސަންޑޭގައި ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ހަމަލާ ދޭން ރާވަމުންދާކަމުގެ މައުލޫމާތު އަވަށްޓެރި އިންޑިއާ އިން އެޕްރީލް 4 ވަނަ ދުވަހު ދީފައިވާ ކަމަށެވެ. އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ފިޔަވަޅު އަޅާފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.
ލަންކާގެ އެޓާނީ ޖެނެރަލް ދައްޕުލާ ޑި ލިވެރާ ވިދާޅުވީ ނުވަ އޮފިސަރުންގެ މައްޗަށް ޖިނާއީ ދައުވާ ކުރެވޭނެ ކަމަށް، ހަމަލާތަކަށް ފަހު ރައީސް މައިތުރިޕާލާ ސިރިސޭނާ އުފެއްދެވި އިންކުވަޔަރީ ކޮމިޝަނަށް ގަބޫލް ކުރެވޭ ކަމަށެވެ. ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ވެސް ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އިތުރުވެފަ އެވެ.
ބޮމުގެ ހަމަލާތައް ޕާލަމެންޓުން ތަހުގީގު ކުރުމަށް ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި ޕާލަމެންޓުގެ ކޮމިޓީ އަށް އެއްބާރުލުން ނުދިނުމަށް ފުލުހުންނަށް ވަނީ އަންގަވައިފަ އެވެ. ނަމަވެސް ސިރިސޭނާގެ އެންގެވުމާ ޚިލާފަށް ބައެއް ފުލުހުން މިހާރު ވަނީ ޕާލަމެންޓަށް ބަޔާން ދީފަ އެވެ.
ބޮމުގެ ހަމަލާތަކަށް ފަހު ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ އަށް ވަނީ އިސްތިއުފާ ދޭން މަޖްބޫރުކޮށްފަ އެވެ. އަދި ފުލުހުންގެ ވެރިޔާ ޕުޖިތު ޖަޔަސުންދަރާ ވަނީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ވިދާޅުވެފައި ވަނީ އިންޑިއާ އިން ލިބުނު ޖާސޫސީ މައުލޫމާތާ ގުޅިގެން އެންމެ ރަނގަޅު ޕްރޮޓޮކޯލާ އެއްގޮތަށް ސިރިސޭނާ އަމަލް ކުރައްވާފައި ނުވާ ކަމަށެވެ.
މި މަހު ކުރީކޮޅު މަގާމުން ދުރުކުރި ނޭޝަނަލް އިންޓަލިޖެންސް ޗީފް ސިސިރާ މެންޑިސް ވެސް ވިދާޅުވެފައި ވަނީ ސަލާމަތީ ގޮތުން އޮތް ބިރުތައް ވަޒަން ކުރުމަށް އާއްމުކޮށް ސެކިއުރިޓީ ބައްދަލުވުންތައް ސިރިސޭނާ ބާއްވަވަމުން ނުގެންދަވާ ކަމަށެވެ. އަދި އެއީ ދުރާލާ ފިޔަވަޅު އެޅި ނަމަ ސަލާމަތްވެވޭނެ ހަމަލާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަންއޮތްގޮތް
21 June 2019
އަނެއްކާ އަނެއް ހެލުވުންގަނޑުނޫންބާ؟ އެތުގެހަނދާން ހުންނަގޮތަށް ލަންކާމީހުންގެ ބަދަލުހިފުގެ ހަނދާނަކީ ފުހެވިދާނެއެއްޗެއްނޫން. މިހިނގިކަންތަކުގެ އެންމެއަޑީގައި ތިބޭނީ ފުލުހުންނެއްނުން. ތިބޭނީ ސިޔާސީވެރިން. އެމީހުން ބޯދަމައިގެންމަޅީގައި މިފަހަރުމިޖެހެނީ ފުލުހުން. މިކަމުގެ ބަދަލުހިިފުން ޒަމާންގަނޑަކަށް ދެމިގެންދާނެކަން ޔަގިން. މިފެންނަގޮތުން ލަންކާ ހަމަޔަކަށްއެޅެން ދުވަސްގަނޑެއްނަގާނެ. ލަންކާ އަމާންތަނަކަށް ވެދާނެބާ؟
ބޮޑުމީހާ
21 June 2019
ތި ރާއްޖެނަމަ އެމީހުންނަށް މަގާމުގެ ކުރިއެރުންދީ މުސާރަ ބޮޑުކުރާނެ