އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް ޚާމަނާއީ

ވޮޝިންޓަން (ޖޫން 25) - އީރާނާ ދެކޮޅަށް އެމެރިކާ އިން އެންމެ ފަހުން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކުގެ އަމާޒަކަށް އެ ގައުމުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ހަދައިފި އެވެ.


އެމެރިކާ އިން ހޯމަ ދުވަހު ވަނީ އީރާނުގެ ތެޔޮ ގަތުން ހުއްޓާލުމަށް ހުރިހާ ގައުމުތަކަކަށް ގޮވާލައިފަ އެވެ. އީރާނުން އެޅި އާ ފިޔަވަޅުތައް ވަނީ އަސްކަރިއްޔާގެ އިސް ފަރާތްތަކަށް ވެސް އަމާޒުކޮށްފަ އެވެ. އެމެރިކާގެ ފިޔަވަޅުތަކުގެ ތެރޭގައި ސިފައިންގެ އިސް ފަރާތްތަކުގެ އިތުރުން ޚާމަނާއީ އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުންނަށް އެމެރިކާގެ ބާރު ހިނގާ އެއްވެސް އިދާރާއަކުން މާލީ މަންފާއެއް ހޯދުން ހުއްޓުވުން ހިމެނެ އެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައި ވަނީ އެމެރިކާއާ ދެކޮޅަށް އީރާނުން ދާދި ފަހުން ހިންގި ހުރިހާ ކަމެއްގައި ރޫހީ ލީޑަރު ޚާމަނާއީ އާއި އެމަނިކުފާނުގެ އަރިސް ބޭފުޅުން ޒިންމާ އުފުލަން ޖެހޭނެ ކަމަށެވެ.

އެކަމަކު ތަޖްރިބާކާރުން ބުނަނީ އެމެރިކާ އިން އެޅި ފިޔަވަޅުން ޚާމަނާއީ އަށް ކުރާނެ އެއްވެސް ގެއްލުމެއް ނޯންނާނެ ކަމަށެވެ. ސަބަބަކީ ވޭތުވެދިޔަ 30 އަހަރު ތެރޭ ޚާމަނާއީ އަކީ ގައުމުން ބޭރަށް ވަޑައިގެންނެވި ބޭފުޅަކަށް ނުވާތީ އެވެ. ޚާމަނާއީ އެންމެ ފަހުން ގައުމުން ބޭރަށް ވަޑައިގެންނެވީ ރަސްމީ ދަތުރުފުޅެއްގައި 1989 ވަނަ އަހަރު ޗައިނާ އަށެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ޖާވަދް ޒަރީފް ވިދާޅުވެފައި ވަނީ ޓްރަމްޕް ވަށައިގެން ތިއްބެވި ބޭފުޅުން ވަނީ ޑިޕްލޮމެސީ އަށް ވުރެ ބޮޑަށް ހަނގުރާމައަކަށް ފެންބޮވައިގެންފައި ކަމަށެވެ.

އީރާނުން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރު މާޖިދު ތަކްތު ރަވަންޗީ ވިދާޅުވީ އެމެރިކާ އަކީ ބައިނަލްއަގުވާމީ ގާނޫނުތަކަށް އެއްވެސް މިންވަރަކަށް އިހްތިރާމް ކުރާ ގައުމެއް ނޫން ކަމަށެވެ.