އެއާ އިންޑިއާގެ ބޯޓު ލަންޑަނުގައި ޖައްސަން ދަތުރުކުރާ އިރު ޓައިފޫން ޖެޓް އެސްކޯޓް ކުރަނީ.
28 ޖޫން 2019 - 20:55
ބޮމްބޭ (ޖޫން 28) - އެއާ އިންޑިއާގެ ބޯޓެއްގައި ބޮމެއް އޮތް ކަމަށް ބުނެ އިއްޔެ ދިނީ ފޭކް އިންޒާރެއް ކަމަށް އޮފިޝަލުން ބުނެފި އެވެ.
މުމްބާއީ އިން ނިއު ޔޯކަށް ދަތުރު ކުރި އެއާ އިންޑިއާގެ ފްލައިޓް އޭއައި191ގައި ބޮމެއް އޮތް ކަމުގެ އިންޒާރު ދިނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ބޯޓު ވަނީ ލަންޑަނުގައި ޖައްސައިފަ އެވެ. ބޯޓު ޖެއްސީ ރޯޔަލް އެއާ ފޯސްގެ ޖެޓުތަކުގެ ބެލުމުގެ ދަށުންނެވެ. އެއާ އިންޑިއާގެ ބޯޓުގައި ބޮމެއް އޮތް ކަމަށް ބުނެފައި ވަނީ މުމްބާއީ އެއާ ޕޯޓުގެ އެއާލައިން އޮފީހަށް ފޮނުވި އީމެއިލް މެސެޖެއްގަ އެވެ.
ލަންޑަނުގެ ސްޓެންސްޓެޑް އެއާޕޯޓުގައި ބޯޓު ޖެއްސުމަށް ފަހު ޕަސިންޖަރުންނާއި ކްރޫން ހުސްކޮށް ބޯޓު އެކެހެރި ސަރަހައްދަކަށް ގެންގޮސް މުޅި ބޯޓު ވަނީ ބަލައި ފާސްކޮށްފަ އެވެ. އަދި ހުރިހާ ޕަސިންޖަރުން ވެސް ވަނީ ފާސްކޮށްފަ އެވެ. އެ ބޯޓުން 327 ޕަސިންޖަރުން ދަތުރު ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy