އިންސްޕެކްޓާ-ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރަ. --ފޮޓޯ:އޭއެފްޕީ
02 ޖުލައި 2019 - 14:38
ކޮލަމްބޯ (ޖުލައި 2) - ސްރީ ލަންކާގައި އެޕްރީލް 21 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާގައި ސިފައިންނާއި ފުލުހުންގެ އޭރުގެ އިސްވެރިންގެ މައްޗަށް ދައުވާ ކުރެވޭ ވަރަށް ހެކި ލިފައިވާ ކަމަށް އެޓާނީ ޖެނެރަލް ދައްޕުލާ ޑި ލިވެރާ ވިދާޅުވެއްޖެ އެވެ.
އޭނާ ވިދާޅުވީ އިންސްޕެކްޓާ-ޖެނެރަލް އޮފް ޕޮލިސް ޕުޖިތު ޖަޔަސުންދަރަ އާއި ޑިފެންސް ސެކްރެޓަރީ ހެމަސިރީ ފެނާންޑޯ ވަނީ ބޮމުގެ އިންޒާރު ކުރިން ލިބުނު ނަމަވެސް ފިޔަވަޅު އެޅުމުގައި ފެއިލްވެފައިވާ ކަމަށެވެ.
"އީސްޓާ ބޮމުގެ ހަމަލާގައި އިހުމާލުވެފައިވާތީ އެ ދެ އޮފިސަރުން ކޯޓަށް ހާޒިރު ކުރެވޭނެ،" ފުލުހުންގެ އެކްޓިން ކޮމިޝަނާ އަށް ފޮނުވި ސިޓީއެއްގައި ލިވެރާ ވިދާޅުވި އެވެ. "ދެ މީހުންގެ މައްޗަށް ވެސް ކުރާނީ ޖިނާއީ ކުށުގެ ދައުވާ."
އޭނާ ވަނީ ޖަޔަސުންދަރަ އާއި ފެނާންޑޯގެ މައްސަލަ ތަހުގީގުކޮށް ވީހާ ވެސް އަވަހަކަށް އެ މީހުންގެ ބަޔާންތައް ކޯޓަށް ފޮނުވުމަށް އެކްޓިން ޕޮލިސް ކޮމިޝަނާ ޗަންދަނާ ވިކްރަމަރަތުނަގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އޭޖީ ލިވެރާ ވިދާޅުވީ ބޮމުގެ ހަމަލާ ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް ވެސް ވަނީ ފެނާންޑޯގެ އިހުމާލް އޮތްކަން ފާހަގަކުރެވިފައި ކަމަށެވެ.
ފެނާންޑޯ އިސްތިއުފާ ދީފައިވާ އިރު ޖަޔަސުންދަރަ ވަނީ އިސްތިއުފާ ދޭން ދެކޮޅު ހައްދަވައިފަ އެވެ. އެހެންވެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ޖަޔަސުންދަރަ ސަސްޕެންޑްކޮށްފަ އެވެ. ޖަޔަސުންދަރަ ވަނީ އޭނާގެ ސަސްޕެންޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ސަލާމަތީ ގޮތުން އިހުމާލުވި ފުލުހުންގެ ނުވަ އޮފިސަރުންގެ ނަން ވެސް އެޓާނީ ޖެނެރަލް ވަނީ ފާހަގަ ކުރައްވައިފަ އެވެ. އެ މީހުންގެ މައްޗަށް ވެސް ދައުވާ ކުރާނެ ކަމަށް ވިދާޅުވި އެވެ.
ޖަޔަސުންދަރަ އާއި ފެނާންޑޯ ވަނީ ޕާލަމެންޓުގެ ތަހުގީގު ކޮމިޓީ އަށް ބަޔާން ދީފަ އެވެ. އެ ދެ މީހުން ވެސް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްޓަކައި ސަލާމަތީ ޕްރޮޓޮކޯލްތައް ސިރިސޭނާ ފޮލޯ ކުރަމުން ނުގެންދާ ކަމަށެވެ.
ލަންކާގައި ބޮމުގެ ހަމަލާ ދޭން އުޅޭ ކަމަށް އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ލަންކާގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އެޕްރީލް 4 ވަނަ ދުވަހު އިންޑިއާ އިން ދިން އިންޒާރާ ގުޅިގެން އަމަލުކޮށްފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލް ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.
ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ތިން ފައްޅިއަކާއި ތިން ހޮޓަލުގައި އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.
ބޮމުގެ ހަމަލާގެ ތަހުގީގު ޕާލަމެންޓުން ކުރިއަށް ގެންދަން ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެއްބާރުލުން ނުދިނުމަށް ފުލުހުންނަށް ވަނީ އަންގަވައިފަ އެވެ. ނަމަވެސް ޕާލަމެންޓުގެ ތަހުގީގު ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފް
02 July 2019
ދިވެހިރައްޔަތުންގެ ފަރާތުން ލަންކާގެ އެޓާނީ ޖެނެރަލް ދައްޕުލާ ޑި ލިވެރާއަށް.ވެދުން ސަލާމް.ދިވެހި ބާއީ ލުތުފީގެ ޑޮކިއުމެންޓްތަކުގަ ވީހާވެސް ސޮއިކޮށް އެ ޙާއިނު ރާއްޖެ ގެނެވޭނެފަދަ ގޮތެއް އަވަހަށް ހައްދަވައިދެއްވުން އެދިދެންނެވީމެވެ.(ދިވެހި ހުރިހާ ރައްޔަތުން). .ވެދުން
8555
03 July 2019
ޗަންޕުސް އަށް ތިކަންވާނެ. އޭނާ ބޭނުން ނުވަނީކަމަށް ތިވާނީ!