ޕްރިންސަސް ހަޔާ (ކ) ވަނީ ފިރިކަލުން ދުބާއީގެ ވެރިޔާގެ އަރިހުން ފިއްލަވައިގެން ލަންޑަނަށް ވަޑައިގެންފައި. --ފޮޓޯ:ގެޓީ އިމޭޖަސް
03 ޖުލައި 2019 - 11:29
ލަންޑަން (ޖުލައި 3) - ދުބާއީގެ ވެރިޔާ ޝެއިޚް މުހައްމަދު އަލް މަޚްތޫމްގެ އަނބިކަނބަލުން ޕްރިންސަސް ހަޔާ ބިންތު އަލް ހުސެއިން ފިއްލަވައިގެން ލަންޑަނުގައި ދިރިއުޅުއްވާ ކަމަށް ޚަބަރުތައް ބުނެފި އެވެ.
ޕްރިންސަސް ހަޔާ ފިއްލެވީ ފިރިކަލުން ޝެއިޚް މުހައްމަދު، 69، ގެ އާއިލީ ބޭފުޅުންގެ ފަރާތުން ކުރިމަތިވާ ބިރުތަކާ ގުޅިގެން ކަމަށްވެ އެވެ. ޖޯޑަންގެ ރަސްގެފާން އަބްދުﷲ ގެ ކޮއްކޯފުޅު އަދި އިނގިރޭސި ވިލާތުގެ އޮކްސްފޯޑުން ކިޔަވާ ވިދާޅުވެފައިވާ ޕްރިންސަސް ހަޔާ، 45، ބިލިއަނަރު ޝެއިޚް މުހައްމަދުއާ ކައިވެނި ބައްލަވައިގެންނެވީ 2004 ވަނަ އަހަރު އެވެ. އެކަމަނާ އަކީ ޝެއިޚް މުހައްމަދު ހަ ވަނަ އަށް ކައިވެނި ބައްލަވައިގެންނެވި އަދި އެމަނިކުފާނުގެ އެންމެ ހަގު އަނބިކަނބަލުންނެވެ. އެކި ކައިވެނިތަކަށް ޝެއިޚް މުހައްމަދަށް 23 ބޭފުޅުން ލިބިވަޑައިގެންފައިވާ ކަމަށްވެ އެވެ.
ޕްރިންސަސް ހަޔާ އެންމެ ފުރަތަމަ ފިއްލަވައިގެން މި އަހަރު ވަޑައިގެންނެވީ ޖަރުމަނަށެވެ. އެކަމަނާ ވަނީ ޖަރުމަނުން ސިޔާސީ ހިމާޔަތް ހޯއްދެވުމަށް ވެސް މަސައްކަތް ކުރައްވައިފަ އެވެ.
ޕްރިންސަސް ހަޔާ (ކ) ޕްރިންސް ޗާލްސް އާއި ކެމީލާއާ އެކު. --ފޮޓޯ:ގެޓީ އިމޭޖަސް
ޕްރިންސަސް ހަޔާ މިހާރު ދިރިއުޅުއްވަނީ ލަންޑަންގެ މެދުތެރޭގައި ހުންނަ 85 މިލިއަން ޕައުންޑް (107 މިލިއަން ޑޮލަރު) ގެ ގަނޑުވަރެއްގައި ކަމަށްވެ އެވެ. އެކަމަނާ މިހާރު ތައްޔާރުވަނީ ހައި ކޯޓަށް މައްސަލަ ވެއްދުމަށް ކަމަށް ޚަބަރުތައް ބުނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޝެއިޚް މުހައްމަދުގެ ދަރިކަނބަލުން ޝެއިޚާ ލަތީފާ އާއި ޕްރިންސަސް ހަޔާއާ ދެމެދު ވަނީ ހިތްހަމަނުޖެހުންތަކެއް އުފެދިފަ އެވެ. ޔޫއޭއީ އިން ފިއްލަވައިގެން ޝެއިޚާ ލަތީފާ އުޅުއްވަނިކޮށް މިދިޔަ އަހަރު ވަނީ އަނބުރާ ދުބާއީ އަށް ގެންގޮސްފަ އެވެ. މި މައްސަލާގައި ޕްރިންސަސް ހަޔާ އާއި އަޔަލެންޑުގެ ކުރީގެ ރައީސާ މެރީ ރޮބިންސަން ވަނީ ދުބާއީ ދިފާއުކޮށް ވާހަކަ ދައްކަވައިފަ އެވެ. ޕްރިންސަސް ހަޔާ ހުންނެވީ ރައްކާތެރިކަމާ އެކު ކަމަށް ދުބާއީން ބުނި ނަމަވެސް އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން ބުނަނީ ޝެއިޚާ ލަތީފާ ވަނީ އެކަމަނާގެ ނުރުހުމުގައި ގަދަކަމުން ގެނެސްފައި ކަމަށެވެ. އެ މައްސަލާގައި ޕްރިންސަސް ހަޔާ އަށް ވަނީ ފިރިކަލުންގެ އާއިލާގެ މީހުންގެ ފަރާތުން ވެސް ނުރުހުން އަމާޒުވާން ފަށައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަންޑަނާސް
03 July 2019
ޢިމާރާތުގެ ޝާރުޖާގެ ޕްރިންސެއް ޑްރަގް އޯވަޑޯޒް ވެގެން އިއްޔެ ލަންޑަނުގައި މަރުވި ވާހަކަވެސް ޖެހިނަމަ އެއްނު.
Dhaadhey
03 July 2019
ލަޠީފާ ޔޮޓެއްގައި ފިއްލަވައިގެން ވަޑައިގަންނަވަނިކޮށް އިންޑިއާގެ ގޯވާ ކައިރިން އިންޑިޔާ ސިފައިން އަތުލައިގަނެ ދުބާއީގެ ވެރިޔާއާ ހަވާލުކުރީ. އޭގެ ފަހުން ލަތީފާ ދުށް މީހަކު ނެތްކަމަށް ބުނަނީ. ޕްރިންސަސް ހަޔާ އަކީ ހަވަނަ އަނބިކަނބަލުން ކަމަށް ބައެއް ޚަބަރުތަކުގައިވަނީ. ވަރިވާން ކޯޓަށް ވަޑައިގަންނަވާނެ ކަމަށްވަނީ.
ވަސްމާ
03 July 2019
މުއްސަނދިކަމާއި ޝާޙީކަންމަތީ އުޅުނަސް މަސްވެރިއާގެ އަނބިމީހާވެސް އުޅޭނީ ތިއަށްވުރެ އުފަލުގަ. ޙިތްހަމަޖެހިގެން.
ކެލޮރީ
03 July 2019
ދުބާއީގެ ވެރިޔާއޭ؟ ހީވަނީ މީ އަމިއްލަ ފަރުދީ ވިޔަފާރިއެއްހެންދޯ. ދެން އެހެންތާވަނީވެސް މުޅިރަށަކީ ތިމާގެ މިލްކެއް، އަމީރު ކިޔަސް ޚަލީފާ ކިޔަސް ކުންފުނީގެ ޗެއާމަން ކިޔަސް އޯކޭ
މަޖާ
03 July 2019
މިމީސް މީހުން އުޅޭ ގޮތުގެ ވާހަކަ އަކީ މުނިފޫހި ފޮލުވަން ރަގަޅު އެއްޗެކެވެ.
ީސުއާރޭޒް
03 July 2019
އާނދޯ އެއްބަޔަކު ދުނިޔޭގަ އަނގަޔާއަތާ ދިމާނުވާއިރު މިމީހުން އިރުއެރީމަ ވިސްނަނީ މިއަދު އުޅޭނީ ކޮން ގައުމެއްގެ ކޮން ގަނޑުވަރެއްގަތޯ.