ލަންކާ ފުލުހުންގެ ކުރީގެ ވެރިޔާ ޖަޔަސުންދަރަ (ކ) އާއި ސިފައިންގެ ވެރިޔާ ފެނާންޑޯ.
03 ޖުލައި 2019 - 14:26
ކޮލަމްބޯ (ޖުލައި 3) - ސްރީ ލަންކާގައި އެޕްރީލް މަހު ފަހުކޮޅު ބޮމުގެ ހަމަލާ ދިން އިރު ފުލުހުންގެ ވެރިއަކަށް ހުރި ޕުޖިތު ޖަޔަސުންދަރަ އާއި ސިފައިންގެ ވެރިޔާ ހެމަސިރީ ފެނާންޑޯ ހައްޔަރުކޮށްފި އެވެ.
އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލިސްގެ ޕުޖިތު ޖަޔަސުންދަރަ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ) އަށް ހާޒިރުވާން އިއްޔެ އެންގުމުން އޭނާ ވަނީ ބަލިވެއްޖެ ކަމަށް ބުނެ ޕޮލިސް ހޮސްޕިޓަލެއްގައި އެޑްމިޓްވެފަ އެވެ. ފުލުހުން އޭނާ ހައްޔަރު ކުރީ ހޮސްޕިޓަލުންނެވެ.
ބޮމުގެ ހަމަލާގައި އިހުމާލް އޮތް ކަމަށް ބުނެ ޖަޔަސުންދަރާ އިސްތިއުފާ ދޭން ރައީސް މައިތުރިޕާލާ ސިރިސޭނާ އެންގެވި ނަމަވެސް އޭނާ ވަނީ އެކަމަށް ދެކޮޅު ހައްދަވައިފަ އެވެ. އެހެންވެ އޭނާ މިހާރު ހުރީ މަގާމުން ސަސްޕެންޑްކޮށްފަ އެވެ. ޖަޔަސުންދަރަ ވަނީ އޭނާގެ ސަސްޕެންޝަނާ ދެކޮޅަށް ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.
ބޮމުގެ ހަމަލާ ދިން އިރު ޑިފެންސް ސެކްރެޓަރީގެ މަގާމުގައި ހުންނެވި ހެމަސިރީ ފެނާންޑޯ ސީއައިޑީން ހައްޔަރު ކުރީ ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލުންނެވެ. އޭނާ އިއްޔެ ވަނީ ހޮސްޕިޓަލުގެ ކާޑިއޮލޮޖީ ޔުނިޓުގެ އައިސީޔޫގައި އެޑްމިޓްވެފަ އެވެ. ފެނާންޑޯ ވެސް އެޑްމިޓްވީ ސީއައިޑީ އަށް ހާޒިރުވާން އަންގާފައި ވަނިކޮށެވެ.
ބޮމުގެ ހަމަލާގެ އިންޒާރު ކުރިން ލިބުނު ނަމަވެސް ފިޔަވަޅު އެޅުމުގައި ޖަޔަސުންދަރަ އާއި ފެނާންޑޯ ފެއިލްވެފައިވާ ކަމަށް ލަންކާގެ އެޓާނީ ޖެނެރަލް ދައްޕުލާ ޑި ލިވެރާ ވަނީ ވިދާޅުވެފަ އެވެ. އަދި އެ ދެ މީހުންނާ ދެކޮޅަށް ދައުވާ ކުރެވޭ ވަރަށް ހެކި އެބަހުރި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.
ޖަޔަސުންދަރަ އާއި ފެނާންޑޯގެ މައްސަލަ ތަހުގީގުކޮށް ވީހާ ވެސް އަވަހަކަށް އެ މީހުންގެ ބަޔާންތައް ކޯޓަށް ފޮނުވުމަށް އެކްޓިން ޕޮލިސް ކޮމިޝަނާ ޗަންދަނާ ވިކްރަމަރަތުނަގެ ކިބައިން އެޓާނީ ޖެނެރަލް ވަނީ އެދިވަޑައިގެންފަ އެވެ.
ޖަޔަސުންދަރަ އާއި ފެނާންޑޯ ވަނީ ޕާލަމެންޓުގެ ތަހުގީގު ކޮމިޓީ އަށް ބަޔާން ދީފަ އެވެ. އެ ދެ މީހުން ވެސް ވިދާޅުވެފައި ވަނީ ގައުމީ ސަލާމަތަށް ނުރައްކާ އޮތް މިންވަރު ވަޒަން ކުރުމަށްޓަކައި ސަލާމަތީ ޕްރޮޓޮކޯލްތައް ސިރިސޭނާ ފޮލޯ ކުރަމުން ނުގެންދާ ކަމަށެވެ.
ލަންކާގައި ބޮމުގެ ހަމަލާ ދޭން އުޅޭ ކަމަށް އިންޑިއާ އިން ދިން ޖާސޫސީ މައުލޫމާތާ ގުޅިގެން ލަންކާގެ ކަމާބެހޭ ފަރާތްތަކުން ފިޔަވަޅު އަޅައިފައެއް ނުވެ އެވެ. އެޕްރީލް 4 ވަނަ ދުވަހު އިންޑިއާ އިން ދިން އިންޒާރާ ގުޅިގެން އަމަލުކޮށްފައި ނުވާތީ ލަންކާގެ ސްޓޭޓް އިންޓަލިޖެންސް ސާވިސް (އެސްއައިއެސް) އަށް ވެސް ވަނީ ފާޑު ކިޔައިފަ އެވެ. އިންޓަލިޖެންސް ރިޕޯޓްތަކާ ގުޅިގެން ސީރިއަސް ގޮތެއްގައި އަމަލް ކުރައްވާފައި ނުވާތީ ލަންކާގެ ޑިފެންސް މިނިސްޓަރު ކަމާއި ލޯ އެންޑް އޯޑާ މިނިސްޓަރުކަން ކުރައްވާ ސިރިސޭނާ އަށް ވެސް ވަނީ ފާޑުކިޔުންތައް އަމާޒުކޮށްފަ އެވެ.
ލަންކާގެ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ތިން ފައްޅިއަކާއި ތިން ހޮޓަލުގައި އަމިއްލަ އަށް މަރުވެގެން ދިން ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ.
ބޮމުގެ ހަމަލާގެ ތަހުގީގު ޕާލަމެންޓުން ކުރިއަށް ގެންދަން ސިރިސޭނާ ވަނީ ދެކޮޅު ހައްދަވައިފަ އެވެ. އަދި އެއްބާރުލުން ނުދިނުމަށް ފުލުހުންނަށް ވަނީ އަންގަވައިފަ އެވެ. ނަމަވެސް ޕާލަމެންޓުގެ ތަހުގީގު ދަނީ ކުރިއަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުންޑު
03 July 2019
ރާއްޖޭގަ ވެސް އެބަޖެހޭ ނިމިދިޔަ ސަރުކާރުގަ ޖަރީމާ ހިންގި ފުލުހުންނާއި ސިފައިންގެ ވެރިން ހައްޔަރު ކުރަން.
ޑރ.އަހުމަދު ނާސިހު/ކެނަޑާ
04 July 2019
މިހާރު އުކުޅުގެ ބޭނުންކޮށް ދިވެހިރާއްޖޭގެ ޕާރލަމެންޓުގެ ކުޑަ އާބާދީއެއްގެ 2 ސީޓު ކަށވަރުކޮށްފައިވާ 2 މީހުންގެ މައްސަލަ ތަހުގީގުކޮށް ހައްޔަރުކުރުމަށް ގޮވައިލަން، މިކަން ކުރަން ސަރުކާރައް ޖެހޭ ސަވަބަކީ މިފަދަ ޖަރީމާތައް މުސްތަގުބަލުގައި ހިންގުމައް ފުރުސަތު އެކަކަށްވެސް ނުދިނުން، މިހާރުވެސް ބައެއް އެކޓިވިސްޓުންނާއި ޓީ ވީ ޗަޖަނަލަކުން މިފަދަ ޖަރީމާތައް ހިންގޭތޯ ކެނޑިނޭޅި މަސައްކަތް އެބަކުރޭ، މީވަކި މީހެއްގެ މޫނަށް ކަނދުރާއަކަށް ބެލުމެއްނެތިކުރިޔަށް