ތެހެރާން (ޖުލައި 6) - އީރާނުގެ ތެޔޮ ހިފައިގެން ދަތުރުކުރި ޓޭންކަރު ދޫކޮށްނުލާ ނަމަ އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރެއް ހިފަހައްޓަން ޖެހިދާނެކަމުގެ އިންޒާރު ތެހެރާނުން ދީފި އެވެ.
ސުޕަ ޓޭންކަރު ގްރޭސް 1 ޖިބްރޯލްޓާ އިން ހިފަހައްޓާފައި ވަނީ އިނގިރޭސި ސިފައިންގެ އެހީގަ އެވެ. ޓޭންކަރު ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.
ޖިބްރޯލްޓާގެ ސުޕްރީމް ކޯޓުން މިހާރު ވަނީ އެ ޓޭންކަރު 14 ދުވަސް ވަންދެން ހިފެހެއްޓިދާނެ ކަމަށް އަމުރެއް ނެރެފަ އެވެ.
ޓޭންކަރު ހިފެހެއްޓެމުން ހިތްހަމަނުޖެހުން ފާޅުކުރުމުގެ ގޮތުން އީރާނުން ވަނީ އިނގިރޭސި ސަފީރު ވެސް ހާޒިރުކޮށްފަ އެވެ. އެ ހާދިސާ އީރާނުން ސިފަކޮށްފައި ވަނީ ކަނޑު ފޭރުމުގެ އަމަލެއްގެ ގޮތުގަ އެވެ.
އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަށް ލަފާ އަރުވާ ކައުންސިލްގައި ހިމެނޭ މެންބަރެއް ކަމަށްވާ މުހްސިން ރިޒާއީ ވިދާޅުވީ އިނގިރޭސި ވިލާތުން ހިންގި އަމަލަށް ފަސް ނުޖެހި އީރާނުން ރައްދު ދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އީރާނުގެ ތެޔޮ ހުރި ޓޭންކަރު ދޫނުކުރާ ނަމަ އިނގިރޭސި ވިލާތުގެ ޓޭންކަރެއް ހިފެހެއްޓުމަކީ އީރާނަށް ވެސް ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.
ސްޕޭނުގެ ފޮރިން މިނިސްޓަރު ޖޯސެޕް ބޮރެލް ވިދާޅުވީ ޖިބްރޯލްޓާ އިން ޓޭންކަރު ހިފެހެއްޓީ އެމެރިކާ އިން އެދިގެން ކަމަށެވެ.
އިނގިރޭސި ޓެރިޓަރީއެއް ކަމަށްވާ ޖިބްރޯލްޓާ ސަރުކާރުން ބުނެފައި ވަނީ ޓޭންކަރު ހިފެހެއްޓީ އެއީ ސީރިއާގެ ބަންޔަސް ރިފައިނަރީ އަށް ގެންދާ ސާފު ނުކުރާ ތެޔޮކަން ޔަގީންވުމުން ކަމަށެވެ. ޖިބްރޯލްޓާ ސަރުކާރުގެ އެދުމަކަށް އިނގިރޭސި ވިލާތުގެ 42 ކޮމާންޑޯ އިން ވަނީ ހެލިކޮޕްޓަރުން ވަލުގެ އެހީގައި ޓޭންކަރަށް ފައިބައިފަ އެވެ.
ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ.