އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއު ޖާޒީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
08 ޖުލައި 2019 - 12:06
ވޮޝިންޓަން (ޖުލައި 8) - ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފެށުމުން "އީރާނުން ރައްކާތެރިވެ ތިބުމަށް" އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިންޒާރު ދެއްވައިފި އެވެ.
"އީރާން. ރައްކާތެރިވެ ތިބޭ. ތި ގައުމުން ޔުރޭނިއަމް ފައްކާކުރަން ފެށީ އެންމެ ސަބަބަކަށްޓަކައި. އެކަމަކު އެ ސަބަބު ބުނެދެވޭކަށް ނެތް،" ނިއު ޖާޒީގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވި އެވެ.
ޔުރޭނިއަމް ފައްކާކުރަން ފެށުމުން، ދަތިކުރުމުގެ ފިޔަވަޅުތަކުގައި އީރާން އިތުރަށް އެކަހެރިކޮށްލާނެ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ވެސް ވަނީ އިންޒާރު ދެއްވައިފަ އެވެ.
"ނިއުކްލިއާ ހަތިޔާރު މިހާރު ވެސް ގެންގުޅޭ އީރާނަކީ ދުނިޔެ އަށް އޮތް ބޮޑު ނުރައްކަލެއް،" ޕޮމްޕެއޯ ވިދާޅުވި އެވެ.
އެމެރިކާ އިން ވަނީ މެއި 8، 2018 ގައި ނިއުކްލިއާ އެއްބަސްވުމުން ވަކިވެފަ އެވެ. އޭގެ ފަހުން ވަނީ އީރާނާ ދެކޮޅަށް އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރަބިއާ އާއި ޚާރިޖީ ވަޒީރުގެ ނައިބް އައްބާސް އަރާގްޗީ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
އެމެރިކާ އިން ނިއުކްލިއާ އެއްބަސްވުމުން ވަކިވިތާ އެއް އަހަރު ފުރުނު ދުވަހު އީރާނުން ވަނީ އެ އެއްބަސްވުމުގައި ދެން ބާކީ ތިބި ގައުމުތައް ކަމަށްވާ ޗައިނާ، ފްރާންސް، ޖަރުމަން، ރަޝިޔާ އަދި އިނގިރޭސި ވިލާތުން އެއްބަސްވުން ފުރިހަމަ ކުރުމަށް 60 ދުވަހުގެ މުހުލަތެއް ދީފަ އެވެ. އެ މުއްދަތު ހަމަވުމާ އެކު އީރާނުން ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ 3.67 ޕަސެންޓަށް ވުރެ އިތުރަށް އީރާނުން ޔުރޭނިއަމް ފައްކާކުރަން ފަށާނެ ކަމަށް ބުނެފަ އެވެ.
އީރާނުން މިހާރު ވެސް ވަނީ ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ޔުރޭނިއަމް ސްޓޮކްކޮށްފަ އެވެ. އެކަމަކު އީރާނުން ބުނެފައި ވަނީ ނިއުކްލިއާ އެއްވެސް ހަތިޔާރެއް އުފެއްދުމުގެ ނިޔަތެއް ނެތް ކަމަށެވެ. ނިއުކްލިއާ އެއްބަސްވުމުގައި ހުއްދަކޮށްފައި ވަނީ ލޯ-އެންރިޗްޑް ޔުރޭނިއަމް 300 ކިލޯ އަށް ވުރެ އިތުރަށް ސްޓޮކް ނުކުރުމަށެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް އައްބާސް އަރާގްޗީ ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމުގައި އެއްބަސްވި ކަންކަން ކޮންމެ 60 ދުވަކުން ބަލާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަޅިބައިސާ
08 July 2019
މި ޓުރަމްޕު މައިތިރިވާނީ އިރާނު އަތުން އެއް ޓަނު ހުންނަވަރުގެ ބޮނޑިއެއް ބޮއެގެން.
މޮހޮދޭބިންއައްލޮ
08 July 2019
ޢެއްކަމެއްވެސް ނުވާނެ
ލޯކަ!
08 July 2019
ޝައްކެއްނެތް! މިފަހަރު އެމެރިކާގެ ފިޔަ ބިންދައިލާނެ!
ގިޓާ
08 July 2019
ހަތިޔާރުހަދައި ހަތިޔާރުން ބިރުދައްކައިގެން ބާރުހިންގައި ހަތިޔާރު ވިއްކައިގެން ކައިބޮއެ އުޅޭ މުސްލިމުންނަށް އަނިޔާތެރިވާ އެމެރިކާ، މުސްލިމުންގެ ބާރުގެ ދަށަށް އަންނާނެ ދުވަހެއް ދެއްކެވުންއެދި ﷲއަށް ދުޢާކުރަމެވެ.