ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް.
10 ޖުލައި 2019 - 13:58
އިސްލާމްއާބާދު (ޖުލައި 10) - ނޭޝަނަލް އެކައުންޓެބިލިޓީ ބިއުރޯ (އެންއޭބީ) އިން ހުށަހެޅި މައްސަލައަކާ ގުޅިގެން، ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް އެކައުންޓެބިލިޓީ ކޯޓަށް ހާޒިރު ކުރަން އަމުރު ނެރެފި އެވެ.
އެންއޭބީ އިން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައި ވަނީ ލަންޑަނުގެ އެޕާޓްމަންޓްތައް ގަތް މައްސަލާގައި މަރިޔަމް ދޮގު މައުލޫމާތު ދީފައިވާ ކަމަށެވެ. އެކައުންޓެބިލިޓީ ކޯޓު ނުވަތަ އެންޓި-ކޮރަޕްޝަން ކޯޓަށް މަރިޔަމް ހާޒިރު ކުރަނީ މި މަހު 19 ވަނަ ދުވަހު އެވެ.
ކޮރަޕްޝަނުގެ ކުށް ސާބިތުވެ ނަވާޒް ޝަރީފާއި މަރިޔަމް ނަވާޒް އަދި އޭނާގެ ފިރިކަލުން ކެޕްޓަން ސަފްދާރުގެ މައްޗަށް އެކައުންޓެބިލިޓީ ކޯޓުން ކުރިން ވަނީ ޖަލު ހުކުމެއް އިއްވައިފަ އެވެ. ނަމަވެސް އެ ތިން މީހުންގެ ހުކުމް އިސްލާމްއާބާދު ހައި ކޯޓުން މިދިޔަ އަހަރު ވަނީ ބާތިލްކޮށްފަ އެވެ. އެކަމަކު އަލް އަޒީޒިއާ ސްޓީލް މިލްސްގެ މައްސަލައިގައި ނަވާޒް ޝަރީފުގެ މައްޗަށް ކުށް ސާބިތުވެ ޑިސެމްބަރު 24، 2018 އިން ފެށިގެން ގެންދަވަނީ ހަތް އަހަރުގެ ޖަލު ހުކުމެއް ތަންފީޒް ކުރަމުންނެވެ.
މަރިޔަމް ދާދި ފަހުން ވިދާޅުވެފައި ވަނީ ބައްޕާފުޅު ނަވާޒް ޝަރީފަށް ހުކުމްކުރި އެކައުންޓެބިލިޓީ ކޯޓުގެ ފަނޑިޔާރަށް ވަނީ ކޮންމެވެސް ފަރާތަކުން ބިރުދައްކާފައި ކަމަށެވެ. އޭނާ ވަނީ ފަނޑިޔާރުގެ އޯޑިއޯއެއް ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އާއްމުކޮށްފަ އެވެ.
މަރިޔަމް ވިދާޅުވީ ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ހުރިހާ ރޭވުމެއް ފަޅާއަރުވާލުމުން، އޭނާ ދެކެ ބިރުން އަނެއްކާ ވެސް އެހެން މައްސަލައެއް ޖެއްސީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިއްލިބާޝާ
10 July 2019
މަރީ ބިރުނުގަނޭ. އަހަރެމެން މިތިބީ މަރީއާއެކު.