ސުޕަ ޓޭންކަރު ގްރޭސް 1 ޖިބްރޯލްޓާ ބޭރުގައި. --ފޮޓޯ:އޭއެފްޕީ
10 ޖުލައި 2019 - 18:34
ތެހެރާން (ޖުލައި 10) - އީރާނުގެ ތެޔޮ ބަރުކޮށްފައިވާ ޓޭންކަރެއް އިނގިރޭސި ސިފައިންގެ އެހީގައި ހިފެހެއްޓުމަކީ ބަޔަކު ހިންގި މޮޔަ އަމަލެއް ކަމަށާއި އޭގެ ހިތި ނަތީޖާ އިނގިރޭސި ވިލާތަށް ފެންނާނެ ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު ވަކިން ޚާއްސަކޮށް އިނގިރޭސިންގެ ނަން ފާހަގަކޮށް ދަންނަވަން. އިނގިރޭސިން ވަނީ ކަނޑުތަކުގެ ރައްކާތެރިކަން ނަގާލާފައި. ފަހުން ނަމަވެސް އޭގެ ހިތި ނަތީޖާ އިނގިރޭސިންނަށް ފެންނާނެ،" ކެބިނެޓުގެ ބައްދަލުވުމެއްގައި ރޫހާނީ ވިދާޅުވި އެވެ.
ޖިބްރޯލްޓާގެ ބޭރުން އީރާނުގެ ޓޭންކަރެއް ހިފެހެއްޓި މައްސަލައިގެ ބަދަލު އިނގިރޭސި ވިލާތުގެ ކިބައިން ހިފާނެކަމުގެ އިންޒާރު އީރާނުގެ ޑިފެންސް މިނިސްޓަރު އާމިރު ހާތަމީ ވެސް ވަނީ ދެއްވައިފަ އެވެ.
ސުޕަ ޓޭންކަރު ގްރޭސް 1 ހިފެހެއްޓީ ޔޫރަޕުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ޚިލާފަށް ސީރިއާ އަށް ތެޔޮ އުފުލާތީ އެވެ. ސީރިއާ އަށް ތެޔޮ އެތެރެ ކުރުން ޔޫރަޕުން ވަނީ 2011 ވަނަ އަހަރުން ފެށިގެން މަނާކޮށްފަ އެވެ. އެކަމަކު ސީރިއާ އަށް ތެޔޮ ގެންދިޔަ އެއްވެސް އުޅަނދެއް މީގެ ކުރިން ކަނޑުމަތިން ހިފަހައްޓައިފައެއް ނުވެ އެވެ.
އީރާނުގެ ޚާރިޖީ ވަޒީރުގެ ނައިބް އައްބާސް އަރާގްޗީ ވިދާޅުވީ ޓޭންކަރު ޑޮކް ކުރާނެ ކަމަށް ބުނާ ބަނދަރަކީ އެފަދަ ސުޕަ ޓޭންކަރެއް ޑޮކްކުރެވޭނެ ވަރުގެ ކެޕޭސިޓީ ހުރި ތަނެއް ނޫން ކަމަށެވެ.
ޝިޕިން ޑޭޓާ ދައްކާ ގޮތުން ޕެނަމާގައި ރަޖިސްޓްރީކޮށްފައިވާ 300،000 ޓަނުގެ ގްރޭސް 1 އަކީ ސިންގަޕޫރުގެ ކުންފުންޏެއް ކަމަށްވާ އައި-ޝިޕިން މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން އޮޕަރޭޓް ކުރާ ޓޭންކަރެކެވެ. ދިގު މިނުގައި 330 މީޓަރު (1،000 ފޫޓު) ހުންނަ ޓޭންކަރުން ދެ މިލިއަން ފީފާ ތެޔޮ އުފުލެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy