ތެހެރާން (ޖުލައި 21) - ހޮޒްމޫޒް ކަނޑުއޮޅިން އިނގިރޭސި ވިލާތުގެ ތެޔޮ ޓޭންކަރު ހިފަހައްޓާ ވީޑިއޯ އީރާނުގެ ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން އާއްމުކޮށްފި އެވެ.
ސްޓެނާ އިމްޕެރޯ ޓޭންކަރު ރިވޮލިއުޝަނަރީ ގާޑުން ހިފެހެއްޓީ ހޯމޮޒްގަން ޕޯޓްސް އެންޑް މެރިޓައިމް އޮގަނައިޒޭޝަނުގެ އެދުމުގެ މަތިންނެވެ. އައިއާރުޖީސީން ބުނެފައި ވަނީ ޓޭންކަރު ހިފެހެއްޓީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފުވުމުން ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ރިވޮލިއުޝަނަރީ ގާޑުން ވަލެއްގެ އެހީގައި ހެލިކޮޕްޓަރުން ޓޭންކަރަށް ފޭބިއިރު އެ މީހުން ތިބީ މާސްކް އަޅައިގެން މޫނު ނިވާކޮށްގެންނެވެ. އޭރު ޓޭންކަރު ވަށައިގެން ދިޔައީ އައިއާރުޖީސީގެ ބޯޓުތައް ދުއްވަމުންނެވެ. ވީޑިއޯ ނަގާފައި ވަނީ ދެ ކެމެރާ ބޭނުންކޮށްގެންނެވެ. އެއް ކެމެރާ ބޭނުންކޮށްފައި ވަނީ ހެލިކޮޕްޓަރުންނެވެ. އަނެއް ކެމެރާ ބޭނުންކޮށްފައި ވަނީ ސްޕީޑް ބޯޓުންނެވެ.
ޓޭންކަރު ހިފެހެއްޓުމަށް ފަހު މިހާރު ވަނީ ބަންދަރު އައްބާސް އަށް ގެންގޮސްފަ އެވެ. އިނގިރޭސި ވިލާތުން ވަނީ ޓޭންކަރު ދޫކޮށްލުމަށް ގޮވާލައިފަ އެވެ. ޓޭންކަރުގައި ތިބީ އިންޑިއާގެ 18 ފަޅުވެރިންނާއި ރަޝިޔާގެ ތިން މީހުންނާއި ފިލިޕީންސް މީހަކާއި ލެޓްވިއާ މީހެކެވެ.
ދުނިޔޭގެ ސާފުނުކުރާ ތެލުގެ ފަސް ބައިކުޅަ އެއްބައި އުފުލަނީ ހޮރްމޫޒް ކަނޑުއޮޅިންނެވެ.