އީރާނުން ބުނެފައި ވަނީ އެމްޓީ ރިއާ ބޯޓު ހިފެހެއްޓީ އެއީ ވަގަށް ތެޔޮ އުފުލާ ބޯޓެއް ކަމަށް ތުހުމަތު ކުރެވިގެން ކަމަށް. --ފޮޓޯ:ރޮއިޓާސް
26 ޖުލައި 2019 - 17:31
ނިއު ދިއްލީ (ޖުލައި 26) - ހޮރްމޫޒް ކަނޑުއޮޅިން މީގެ ދެ ހަފުތާ ކުރިން އީރާނުން ހިފެހެއްޓި ޕެނަމާގެ ދިދަ ނަގާފައިވާ އެމްޓީ ރިއާގައި ތިބި އިންޑިއާގެ 12 ފަޅުވެރިންގެ ތެރޭން ނުވަ މީހުން ދޫކޮށްލާފައިވާ ކަމަށް ނިއު ދިއްލީން ބުނެފި އެވެ.
އިންޑިއާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާން ރަވީޝް ކުމާރު ވިދާޅުވީ އީރާނުން މިނިވަން ކުރި ފަޅުވެރިން މިހާރު ވަނީ އިންޑިއާ އަށް ދިއުމުގެ މަގުމަތީގައި ކަމަށެވެ.
"ބާކީ ތިބި ފަޅުވެރިން ވެސް ދޫކޮށްލާތޯ އީރާނުގައި ހުންނަ އިންޑިއާގެ މިޝަނުން ދަނީ މަސައްކަތް ކުރަމުން،" އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ކުމާރު ވިދާޅުވި އެވެ.
އީރާނުން ބުނެފައި ވަނީ އެމްޓީ ރިއާ ހިފެހެއްޓީ އެ ބޯޓުން ވަގަށް ތެޔޮ އުފުލާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށެވެ. އޮންލައިން އޮއިލް ޝިޕްމަންޓް ވެބްސައިޓެއް ކަމަށްވާ ޓޭންކާޓްރެކާސް އިން ބުނި ގޮތުގައި އެމްޓީ ރިއާ އީރާނުގެ ސަރަހައްްދަށް ވަދެފައި ވަނީ މި މަހު 14 ވަނަ ދުވަހު އެވެ. އަދި މާގިނައިރެއް ނުވަނީސް އެ ބޯޓުގެ ސިގްނަލް ލިބުން ހުއްޓުނު ކަމަށް ބުނެފައިވެ އެވެ. އީރާނުން އޭރު ބުނެފައި ވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެފައިވާ ކުޑަ ބޯޓަކަށް އެހީތެރިވުމަށް ޓޯކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ނުވަ ފަޅުވެރިން ދޫކޮށްލި ނަމަވެސް އެ ގައުމުގެ 21 ފަޅުވެރިން އަދިވެސް އީރާނުގެ ބެލެމުގެ ދަށުގައި އެބަތިއްބެވެ. އޭގެ ތެރޭގައި ހޮރްމޫޒް ކަނޑުއޮޅިން ހިފެހެއްޓި އިނގިރޭސި ވިލާތުގެ ސްޓެނާ އިމްޕެރޯ ޓޭންކަރުގައި ތިބި އިންޑިއާގެ 18 ފަޅުވެރިން ވެސް ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy