ސައުދީ ރަސްގެފާން ސަލްމާން (ވ) އާއި ބޭބޭފުޅު ޕްރިންސް ބަންދާރު ބިން އަބްދުލް އަޒީޒް.
29 ޖުލައި 2019 - 10:54
ރިޔާޒް (ޖުލައި 29) - ސައުދީ އަރަބިއާގެ ރަސްގެފާން ސަލްމާން ބިން އަބްދުލް އަޒީޒްގެ ދޮށީ ބޭބޭފުޅު ޕްރިންސް ބަންދާރު ބިން އަބްދުލް އަޒީޒް އުމުރުފުޅުން 96 އަހަރުގައި ރޭ އަވަހާރަވެއްޖެ އެވެ.
ޕްރިންސް ބަންދާރަކީ ސައުދީ އަރަބިއާގެ ބާނީ އަބްދުލް އަޒީޒްގެ ދުނިޔޭގައި ހުންނެވި އެންމެ ދޮށީ ދަރިކަލުން ވެސް މެ އެވެ. ނަމަވެސް ޕްރިންސް ބަންދާރު ވަނީ ރަސްކަން ހޯއްދެވުމުގެ ރޭހުން އެއްކިބާވެވަޑައިގެންފަ އެވ. ޕްރިންސް ބަންދަރު ސަރުކާރުގައި އަދާކުރެއްވި ހަމައެކަނި ވަޒީފާ އަކީ ދާޚިލީ ވުޒާރާގެ ޑިރެކްޓަރު ޖެނެރަލް ކަމެވެ. ނަމަވެސް ޕްރިންސްގެ ދެ ދަރިކަލުންނަށް ވަނީ މަތީ މަގާމުތައް ދީފަ އެވެ. މަންސޫރު ބިން ބަންދާރު ހަމަޖައްސާފައި ވަނީ ޖިއްދާގެ ޕްރިންސް އަބްދުﷲ އެއާ ބޭސްގެ ކޮމާންޑަރުގެ މަގާމަށެވެ. ފައިސަލް ބިން ބަންދާރު ވަނީ އަލް ގާސިމް ޕްރޮވިންސްގެ ގަވަރުނަރުގެ މަގާމު 1992- 2015 އަށް އަދާކުރައްވައިފަ އެވެ.
ޕްރިންސް ބަންދާރުގެ މައްޗަށް ކުރާ ކަށު ނަމާދު އޮންނާނީ މިރޭގެ އިޝާ ނަމާދަށް ފަހު މައްކާގެ ހަރަމްފުޅުގަ އެވެ.
ޕްރިންސް ބަންދާރަކީ ވަރަށް ގިނަ ވިޔަފާރިތައް ވެސް ހިންގެވި ބޭފުޅެކެވެ. އޭގެ ތެރޭގައި ތަބޫކް ސިމެންޓް ކޮމްޕެނީ އަދި ރިޔާޒް ރިކްރިއޭޝަނަލް ހޮޓެލްސް ކޮމްޕެނީ ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަތްދިހަފަހެއް
30 July 2019
ﷲ މަރުހޫމުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށި. އާމީން.
ބަބުރަންޖީ ހާޖީ
29 July 2019
96 އަހަރުހެން ހީވެސްނުވޭ. މާތް ﷲ މަރުހޫމުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރުކުރައްވާށިއެ. އާމީން.